03 އޮކްޓޯބަރ 2024
ރާއްޖޭގެ ފުޓްބޯޅަ ފޮހެވިގެން ނުގޮސް މިއޮތީ، އެކަޑަމީތަކުން ކުރަމުން އަންނަ މަސައްކަތުން ކަމަށް، ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕިން ކޯޗު އަސްލަމް އަބްދު ރަހީމް ބުނެފި އެވެ.
ރާއްޖޭގެ ފުޓްބޯޅަ ފޮހެވިގެން ނުގޮސް މިއޮތީ، އެކަޑަމީތަކުން ކުރަމުން އަންނަ މަސައްކަތުން ކަމަށް، ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕިން ކޯޗު އަސްލަމް އަބްދު ރަހީމް ބުނެފި އެވެ.
ރާއްޖޭގައި ކްލަބް ފުޓްބޯޅައެއް ނެތެވެ. މުބާރާތެއް ނެތެވެ. އާ ސީޒަން ފެށޭނެ ދުވަހެއް ވެސް ނޭނގެ އެވެ. ސަރަހައްދުގެ އެހެން ގައުމުތަކުގެ، ސީނިއާ ގައުމީ ޓީމުން އިންޓަނޭޝަނަލް ބްރޭކްގެ ބޭނުން ހިފާއިރު ރާއްޖެ މިއޮތީ ހުއްޓިފަ އެވެ. އެފްއޭއެމް އޮފީސް އޮތީ ވީރާނާވެފަ އެވެ. އެ އިދާރާ ހިންގަން ފީފާއިން އައްޔަން ކުރި ނޯމަލައިޒޭޝަން ކޮމިޓީން އެންމެ ފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި، އެ ކޮމިޓީގެ ޗެއާމަން އަހްމަދު ޒުހޫރު ވިދާޅުވެފައި ވަނީ ތަން ހިންގަންފަށައިގަންނާނެ ލިޔުމެއް ވެސް އެތަނުން ފެންނާން ނެތް ކަމަށެވެ.
އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، "ފުޓްބޯޅައިގެ މައިބަދަ" ކަމަށް ސިފަ ކުރި ކްލަބްތައް އޮތީ ފުނޑިފަ އެވެ. ގިނަ ކްލަބްތަކަށް ފީފާގެ ޓްރާންސްފާ ބޭންގެ އަދަބު އޮތީ ކުރިމަތި ވެފަ އެވެ. ކްލަބްތަކަށް ދޭން ބައްސާމް ވައުދުވި ފައިސާ ވެސް އޭނާގެ ދައުރު ނިމިގެން ދިޔަ އިރު ވެސް ދީފައެއް ނުވި އެވެ.
އަސްލަމް: އޭނާ ބުނީ އެފްއޭއެމްގެ ކުރީގެ ލީޑާޝިޕްގެ ދަށުން އެފްއޭއެމްގައި މަސައްކަތް ނުކުރާނެ ކަމަށް
ފުޓްބޯޅައިގެ ގިނަ ގުނަންތައް މަރުވެފައި އޮތަސް، އަސްލަމް ބުނި ގޮތުގައި ދިރިދިރި އޮތީ އެކަޑަމީތަކުގެ މަސައްކަތެވެ.
ނުހުއްޓި ކުރިއަށްދާ، ހަމައެކަނި މަސައްކަތަކީ އެކަޑަމީތަކެވެ. އަމިއްލައަށް ހަރަދުކޮށް ބޭރުގެ މުބާރާތްތަކަށް ދަތުރުކޮށް، އެކަޑަމީތަކުން ރާއްޖެ ފުޓްބޯޅަ ތަމްސީލު ކުރަން ކުރާ މަސައްކަތް ފާހަގަ ކުރަން ޖެހޭ ކަމަށް ކުރިން ގައުމީ ޓީމަށް ވެސް ކުޅުނު އަސްލަމް ބުންޏެވެ.
"އެކަޑަމީތަކުގެ އެކްޓިވިޓީސްތައް ނެތް ނަމަ މިހާރު ފުޓްބޯޅަ ނުވެސް އޮތީސް ކަންނޭނގެ. ފުޓްބޯޅަ (ހަރަކާތްތައް) ކިރިޔާ ވެސް ހިފެހެއްޓިފައި މިއޮތީ އެކަޑަމީތަކުގެ މަސައްކަތުން،" މޯލްޑިވްސް ސޮކަ މޭޓްސް އެކަޑަމީގައި މިހާރު މަސައްކަތް ކުރަމުން އަންނަ އަސްލަމް ބުންޏެވެ.
މިދިޔަ އަހަރުގެ ޖޫން މަހާ ހަމައަށް، އެފްއޭއެމްގެ ގޯލްކީޕިން އެކަޑަމީގެ ހެޑް ކޯޗުގެ ގޮތުގައި އަސްލަމް މަސައްކަތް ކުރި އެވެ. ސީނިއާ ގައުމީ ޓީމުގެ ގޯލްކީޕިން ކޯޗުކަން ވެސް ކުރި އަސްލަމް އެފްއޭއެމްގެ ވަޒީފާއިން ވަކިވީ، އޭނާ އަށް މުސާރަ ނުދީ ގިނަ މަސްތަކެއް ދިއުމުންނެވެ.
ސާފް ޗެމްޕިއަންޝިޕް 2018 ގަެ ޗެމްޕިއަންކަން ހޯދުމަށް ފަހު، އޭރުގެ ގޯލް ކީޕިން ކޯޗު އަސްލަމް ކީޕަރުންނާ އެކު އުފާފާޅުކުރަނީ --- ފައިލް ފޮޓޯ: އިބްރާހިމް ފާއިދު | އެފްއޭއެމް
ނުދީ ހުރި މުސާރައިގެ ތެރެއިން ދެބައިކުޅަ އެއްބައި މިހާރު ލިބިފައިވާކަމަށް އޭނާ ބުންޏެވެ.
އަލުން އެފްއޭއެމްގެ ވަޒީފާގައި މަސައްކަތް ކުރާނަންތޯ އެހުމުން ތަޖުރިބާކާރު ޓްރޭނަރު ބުނީ އެފްއޭއެމްގެ އިންތިހާބު ބާއްވައި އަނެއްކާ ވެސް ކުރީގެ ލިޑާޝިޕްގެ ބޭފުޅުން ހޮވިއްޖެނަމަ އެފްއޭއެމްގެ މަގާމަށް ދިއުމުގެ އެއްވެސް ވިސްނުމެއް އޭނާ ނުގެންގުޅޭނެ ކަމަށެވެ.
"ހަމަގައިމުވެސް ކުރީގެ ލީޑާޝިޕްގެ ބޭފުޅުންނާ އެކު މަސައްކަތެއް ނުކުރާނަން. އެހެން ލީޑާޝިޕެއް އައިސްފިއްޔާ ދެން އެކަމާ ވިސްނާނީ،" އަސްލަމް ބުންޏެވެ.
އޭނާ ބުނީ ރާއްޖޭގެ ފުޓްބޯޅަ އަށް ލިބުނު އެންމެ ބޮޑު ގެއްލުން ލިބުނީ ކުރީގެ ލީޑާޝިޕްގެ ސަބަބުން ކަމަށެވެ.
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
ފުޓްބޯޅައިގެ ވަސީލަތްތައް ވީރާނާވެފައިވާ މަންޒަރު
އެފްއޭއެމްގެ ވަޒީފާތަކަށް 600 އަށް ވުރެ ގިނަ ފޯމު
ރާއްޖެ ހުއްޓިފައި، ސާފްގެ އަނެއް ހަ ގައުމަށް ފޯރިގަދަ
ފުޓްބޯޅަ ވެއްޓިފައިވާ ހާލަތާ މެދު ރައީސްގެ ކަންބޮވުން
ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ޕޮޑޮލްސްކީއަށް ކިޔައިދީފި
ކްލަބްތަކުން ޒިންމާއަދާނުކުރޭ، ހަލާކުވީ ދިވެހި ފުޓްބޯޅަ
ރާއްޖެ-ބަންގްލަދޭޝްގެ މެޗުގެ ޓިކެޓް މިރޭ ވިއްކަނީ
މެޗުގެ ޕްރޮމޯޝަނެއް ނެތް، އެފްއޭއެމް އަތްއުރާލައިގެން
އެފްއޭއެމްގައި ފައިސާއެއް ނެތް، ޒުވާން ޓީމަށް ނުފުރުނު