27 ޑިސެމްބަރ 2018
ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ވަޒީފާއިން މީހުން ވަކިކުރުމުން މިލިއަނުން މާލީ ބަދަލު ދޭން ދައުލަތަށް މަޖުބޫރުވާ ތަން މި ދަނީ ފެންނަމުންނެވެ. ސިޔާސީ މަގްސަދު އަޑީގައި ބާއްވައިގެން އެތައް ބަޔަކު ވަޒީފާއިން ވަކިކުރުމުގެ ގެއްލުން، މިހާރު އުފުލަން މި ޖެހެނީ، އާންމު ރައްޔިތުންނެވެ؛ ބަދަލު ދެނީ ރައްޔިތުންގެ ފައިސާ އިންނެވެ.
ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ވަޒީފާއިން މީހުން ވަކިކުރުމުން މިލިއަނުން މާލީ ބަދަލު ދޭން ދައުލަތަށް މަޖުބޫރުވާ ތަން މި ދަނީ ފެންނަމުންނެވެ. ސިޔާސީ މަގްސަދު އަޑީގައި ބާއްވައިގެން އެތައް ބަޔަކު ވަޒީފާއިން ވަކިކުރުމުގެ ގެއްލުން، މިހާރު އުފުލަން މި ޖެހެނީ، އާންމު ރައްޔިތުންނެވެ؛ ބަދަލު ދެނީ ރައްޔިތުންގެ ފައިސާ އިންނެވެ.
ނުހައްގުން ވަޒީފާއިން ވަކިކުރާ ގިނަ މައްސަލަތަކެއް ޝަރުއީ މަރުހަލާގައި ދައުލަތާ ދެކޮޅަށް ނިމި ހަމައެކަނި އަލުން ވަޒީފާދޭން ޖެހެނީކީ ނޫނެވެ. ވަޒީފާ އިން ވަކިކުރި ފަހުން ހޭދަވި މުއްދަތުގެ މުސާރަ އާއި އެލަވަންސް، މިހެން ގޮސް މާލީ އެތައް ބަދަލެއް އެ މީހަކަށް ދޭން ކޯޓުން ހުކުމްކުރެ އެވެ.
ދާދި ފަހުން އަނެއްކާވެސް މި ފެނުނީ އެ މަންޒަރެވެ. ފުލުހުންގެ ވަޒީފާއިން ވަކިކުރި ބަޔަކަށް އަލުން ވަޒީފާ ދޭން ވަނީ ހުކުމްކޮށްފަ އެވެ. އެ މީހުން ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް އެއްބަސްވެ، އަލުން ވަޒީފާ ދޭން ދައުލަތުން، ވަރަށް ފަސޭހައިން، ކޯޓުގައި އެއްބަސްވި އެވެ.
އޭގެ ތެރެއިން އެއް މައްސަލާގައި ހިމެނެނީ މިިހާރުގެ އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދެވެ. އޭނާ ވަކިކުރުމުން ކޯޓަށް މައްސަލަ ހުށައެޅުމުން އެކި މަރުހަލާގެ ކޯޓުތަކުގައި ދައުލަތުން ދިޔައީ، ފުލުހުންގެ ނިންމުން، ދިފާއުކުރަމުންނެނެވެ. އެކަމަކު ސަރުކާރު ބަދަލުވުމާ އެކު ކުއްލި ގޮތަށް ސުޕްރީމް ކޯޓުން މައްސަލަ ނިންމީ ދައުލަތާ ދެކޮޅަށެވެ. އަދި ގެއްލުނު ހުރިހާ ދުވަސްތަކެއްގެ މުސާރަ އާއި އިނާޔަތްތައް ދޭން ދައުލަތުން އެއްބަސްވި އެވެ.
ހަމީދާއި އިތުރު ހަތަރު އޮފިސަރުން ވަކިކުރި ދުވަހުން ފެށިގެން މައްސަލަ ނިމުނު ދުވަހާ ހަމައަށް ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތަކަށް ޖުމްލަ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުން މި އޮތީ ދޭން ޖެހިފަ އެވެ. އޭގެ ތެރެއިން އެއް އޮފިސަރަކަށް އެކަނި ވެސް 2.8 މިލިއަން ރުފިޔާ އެބަ ލިބެ އެވެ.
އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އާންމުން ހިތްހަމަނުޖެހެނީ އެ މީހުން ވަކިކުރީ ގޯސްކޮށް ކަމަށް އެއްބަސްވެ، އަލުން ވަޒީފާ ދޭން ދައުލަތުން ކޯޓުގައި އެއްބަސްވެގެންނެއް ނޫނެވެ. އެމީހުން ވަޒީފާ އިން ވަކިކުރި މީހުންނާ މެދު ފިޔަވަޅު އެޅޭނެ އެއްވެސް ގޮތެއް ނެތި، މާލީ ބުރައާ ހަވާލުވުމުންނެވެ.
ނުހައްގުން ވަޒީފާއިން ވަކިކޮށްފި ނަމަ، އޭގެ ބަދަލު އެ މީހަކަށް ލިބެން ޖެހޭނެ އެވެ. އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. އެކަމަކު އުފެދޭ ސުވާލަކީ އިޖުރާއާތުތަކާ ޚިލާފަށް އަމަލު ކުރުމުން އެކަމަށް ދޭން ޖެހޭ މާލީ ބަދަލު ނުވަތަ ގެއްލުނު ދުވަސްތަކުގެ މުސާރަ އާއި އިނާޔަތްތައް ނަގައިދެވޭނެ އެންމެ މަތީ މިންގަނޑެއް ނުހެދޭނެ ހެއްޔެވެ؟ ނުވަތަ އެފަދަ ގިނަ ދުވަސް ވީ މައްސަލަތަކުގެ ސަބަބުން ދައްކަން ޖެހޭ ބޮޑެތި އަދަދުތައް ކުޑަކުރެވޭނެ ގޮތެއް ނެތީ ހެއްޔެވެ؟
ރާއްޖޭގައި ޖިނާއީ މައްސަލަތަކެއްގައި ދައުވާ ކުރާނެ މުއްދަތުތައް ގާނޫނުލް އުގޫބާތާއި ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ލިޔެފައި އޮތަސް، މަދަނީ މައްސަލަތަކުގައި ދައުވާ ކުރުމުގެ މުއްދަތު ކަނޑައަޅާފައި ހުންނަނީ ވަރަށް މަދު މައްސަލަތަކެއްގަ އެވެ. ވަޒީފާގެ މައްސަލަތަކުގައި ވެސް، ދައުވާ ކުރުމުގެ މުއްދަތެއް ކަނޑައަޅާފައި އޮންނަނީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ އިހްތިސާސް ހިނގާ މައްސަލަތަކަށް އެކަންޏެވެ.
ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ މީހުންނާއި ސިފައިންނާއި ފުލުހުން ފަދަ ޚިދުމަތްތަކުގެ ވަޒީފާގެ މައްސަލަތަކަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ އިހްތިސާސެއް ނުހިނގަ އެވެ. އެފަދަ މައްސަލަތަކުގައި ދައުވާ ކުރަން ޖެހޭ މުއްދަތުތައް އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއްގައި ވެސް ކަނޑައަޅާފައެއް ނެތެވެ. އެހެންވެ، އެފަދަ މައްސަލަތަކުގައި ކިތަންމެ ދިގު މުއްދަތެއް ފާއިތުވުމަށް ފަހު ވެސް ދައުވާކުރާކަށް ހުރަހެއް ނޯވެ އެވެ. މާލީ ބަދަލު ބޮޑުވަނީ އެހެންވެގެންނެވެ.
ދެން އޮތް މައްސަލައަކީ ޝަރީއަތްތައް ދިގުލައިގެން ދިއުމެވެ. އެހެންވެ، އެކި ސަބަބުތަކާ ހެދި ގިނަ ދުވަސްވެ، ދައުލަތުގެ މައްޗަށް އުފަންވާ ބޮޑު މާލީ ޒިންމާތައް ކުޑަކުރެވޭނެ ގޮތެއް މި އޮތީ ހޯދަން ޖެހިފަ އެވެ.
ފުލުހުންގެ އޮފިސަރުންތަކެއްގެ މައްސަލާގައި މާލީ ބޮޑު ބުރައަކަށް އެއްބަސްވުމުގެ އިތުރަށް، ދައުލަތުން އަމަލުކުރި ގޮތާ މެދު ވެސް ސުވާލު އުފެއްދިދާނެ އެވެ. އެ މީހުން ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ދައުލަތުން އެއްބަސްވުމުން އެނގެނީ އެކަން ކުރި ބަޔަކު ގޯސްކޮށް އަމަލު ކޮށްފައިވާ ކަމެވެ. އެހެންވީއިރު، އެކަމުގައި އިހުމާލުވި ބަޔަކާ މެދު ފިޔަވަޅު ނޭޅީ ކީއްވެގެން ހެއްޔެވެ؟ އަދި ގޯސްކޮށް ވަކިކުރި ކަން އެނގި ތިބެ، ވަޒީފާ އަނބުރާ އިއާދަކުރަން ދައުލަތުން ކުރިން މަސައްކަތް ނުކޮށް އޮތުމަކީ ވެސް މައްސަލައެކެވެ.
ދައުލަތުން ވަކި ބަޔަކަށް ބޮޑެތި އަދަދުތަކުން މާލީ ބަދަލު ދޭން ނުޖެހޭނެ ގޮތެއް އޮންނަން ޖެހޭނެ: -- ފޮޓޯ/މިހާރު
ގާނޫނީ ބޭފުޅުންގެ ނަޒަރުގައި ގިނަ ދުވަސްވެފައި ހުންނަ އެފަދަ މައްސަލަތަކުގައި، ގެއްލުނު ހުރިހާ ދުވަސްތަކުގެ ފައިސާ ދޭން ދައުލަތުން އެއްބަސްވެ، ބޮޑު މާލީ ބުރައަކަށް ޒިންމާ ނެގުމަކީ ރަނގަޅު ގޮތެެއް ނޫނެވެ. ނުހައްގުން ވަޒީފާއިން ވަކިކޮށްފައިވާ ނަމަ، ގެއްލުނު ދުވަސްތަކަށް ކޮންމެވެސް ބަދަލެއް ދޭން ޖެހޭނެ ކަމަށް އެ ބޭފުޅުން ވެސް ދެކެވަޑައިގަންނަވަ އެވެ. އެކަމަކު އެގޮތަށް ނަގައިދެވޭނެ އެންމެ މަތީ މިންގަނޑެއް އޮންނަން ޖެހޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ. އަދި އެގޮތަށް ކޯޓުތަކުން މައްސަލަ ނިންމާފައި އެބަހުރި ކަމަށް ވެސް ބައެއް ބޭފުޅުން ފާހަގަކުރެއްވި އެވެ.
"ރާއްޖޭގެ ލިމިޓޭޝަން ގާނޫނެއް ނެތް. އެހެންވެ، ކޯޓުތަކުން އެބަހުރި މިފަދަ މައްސަލަތަކުގައި މުސާރަ އާއި އިނާޔަތްތައް ނަގައިދެވޭނެ މުއްދަތުތަކެއް ކަނޑައަޅާފައި. މިސާލަކަށް ގޯސްކޮށް ވަކިކުރިޔަސް، ބަދަލު ނަގައިދެވޭނީ ތިން މަސް ދުވަހަށޭ، އެގޮތަށް ނިންމާފައި އެބަހުރި،" މި ރިޕޯޓަށް ވާހަކަ ދެއްކެވި ވަކީލަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
"އެއީ އެކަށީގެންވާ މުއްދަތެއް ކަމަށް ބެލެވިދާނެ. އެއީ މީގައި އެބަ ޖެހޭ ދެއްތޯ ކޮންމެވެސް މިންގަނޑެއް އޮންނަން؟."
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ދައުވާ ނުކޮށް ތިބުމަށް ފަހު، ދައުވާކުރާ މައްސަލަތަކުގައި ގެއްލުނު މުއްދަތުގެ ހުރިހާ ދުވަސްތަކަށް ވާ މުސާރަ އާއި އިނާޔަތްތައް ދޭން ފަށައިފި ނަމަ، އެ ނިޒާމުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފުމުގެ ފުރުސަތު އެބަ އޮތެވެ.
"ގޯސްކޮށް ވަޒީފާއިން ވަކިކުރީމަ ލަސްނުކޮށް، އެ މީހާގެ ވެސް ޒިންމާއެއް އެބަ އޮތް ދެއްތޯ ހައްގު ހޯދަން ކޮންމެވެސް މަސައްކަތެއް ކުރަން،" އޭނާ ވިދާޅުވި އެވެ.
އެހެން ވަކީލަކު ވިދާޅުވި ގޮތުގައި ވަޒީފާއިން ވަކިކޮށްފައި ހުރި ދުވަސްތަކުގެ މުސާރަ އާއި އިނާޔަތްތައް ނަގައިދޭއިރު، އެ މުއްދަތުގައި އެހެން ވަޒީފާއެއް އަދާކޮށްފައިވާ ނަމަ، އެ މުއްދަތު އުނިކޮށް މާލީ ބަދަލުދިނުމުގެ އުސޫލެއް ކުރިން ރާއްޖޭގައި ގެންގުޅުނެވެ.
ކުރީގެ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވެފައިވާ ގޮތުގައި މިފަދަ މައްސަލަތަކުގެ ސަބަބުން އުފުލަން ޖެހޭ މާލީ ބުރަތަކަށް ޒިންމާ ކުރުވަން ޖެހޭނީ އެކަމެއްގައި އިހުމާލުވި ފަރާތެކެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވެފައިވަނީ އިންސާފު ގާއިމްކުރުމުގައި އިހުމާލުވަނީ މުއައްސަސާތަކުން އަމިއްލައަށް ކަމަށް ނުވެފައި، އެއީ މަގާމެއްގައި ހުންނަ މީހަކު ކުރާ ކަމަށްވުމެވެ.
"އެފަދަ އިހުމާލާ ގުޅިގެން ދައުލަތުގެ ޚަޒާނާއިން ހޭދަކުރަން ޖެހޭ ފައިސާއަށް ވެސް ޒިންމާ ކުރުވަން ޖެހޭނީ ޒިންމާއިން ރެކި، އިހުމާލުވި މީހާ،" ޓްވީޓެއްގައި ސަވާދު ވިދާޅުވި އެވެ.
ނުހައްގުން ވަޒީފާއިން ވަކިކުރުމުން މާލީ ބަދަލު ލިބޭނެ ނިޒާމެއް އޮތީ ސަބަބުތަކެއް ވެސް ހުރެގެންނެވެ. އެކަމަކު އެއީ މާލީ ގޮތުން ބަޔަކަށް ބޮޑު ފައިދާތަކެއް ނަގަން ފުރުސަތު ދެވޭ ގޮތަށް އޮތް ނިޒާމަކަށް ވެގެން ނުވާނެ އެވެ. ސިޔާސީ ޕްރެޝަރާ ހެދި މަދު ބަޔަކު ވާ އިހުމާލެއްގެ ސަބަބުން ކޮންމެ ފަހަރަކު ދައުލަތުން މާލީ ބޮޑު ބުރަ އުފުލުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. އެކަން މިހާރު މި އޮތީ ބަދަލުކުރަން ޖެހިފަ އެވެ.
"ބަދަލުގެ މިންވަރު އެއް އަހަރަށް ލިމިޓް ނުކުރެވޭނެ"
ވަޒީފާތަކުގެ 60 ޕަސެންޓް ދިވެހިންނަށް ޚާއްސަކުރަނީ
މަސައްކަތްތެރިންނަށް ހިމާޔަތް ދޭނެ އަތެއް ނެތް؟!
މިއަހަރު 9،000 ވަޒީފާ އުފެއްދިއްޖެ: ފައްޔާޒް
ޖޮބް ސެންޓަރުގެ ވެބްސައިޓް އިފްތިތާހު ކޮށްފި
ވަކިކުރި ދެ ފުލުހަކަށް ވަޒީފާދޭން އަމުރުކޮށްފި
ވަޒީފާގެ މައްސަލަތައް އަލުން ހުށަހެޅޭނީ އެއް ފަހަރު
"އެއްވެސް އިނާޔަތެއް ކަނޑާލުމުގެ ވިސްނުމެއް ނެތް"
ސިފައިން، ފުލުހުންނަށް ޕްރައިވެޓް އިންޝުއަރެންސްސްކީމެއް
މުސާރައަށް ކުރި ހޭދަ 10 ޕަސެންޓް އިތުރުވެއްޖެ