Roadha Mihaaru
މަންތާ އެއާގެ ދެވަނަ ބޯޓު ރާއްޖެ ގެނެސްފި

މަންތާ އެއާގެ ދެވަނަ ބޯޓު ރާއްޖެ ގެނެސްފި

16 ޑިސެމްބަރ 2018

އާ ޑޮމެސްޓިކް އެއާލައިން، މަންތާ އެއާގެ ދެވަނަ މަތިންދާބޯޓު މިއަދު ހަވީރު ރާއްޖެ ގެނެސްފި އެވެ.

މުހައްމަދު ފައިޒާން އިސްމާއިލް މުހައްމަދު ފައިޒާން އިސްމާއިލް

އާ ޑޮމެސްޓިކް އެއާލައިން، މަންތާ އެއާގެ ދެވަނަ މަތިންދާބޯޓު މިއަދު ހަވީރު ރާއްޖެ ގެނެސްފި އެވެ.

އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރަން މަންތާ އެއާއިން ގެނައި ދެ ވަނަ ބޯޓަކީ ވެސް އޭޓީއާރް 72-600 މަރުކާގެ ބޯޓެކެވެ.

އޮމާންގެ މަސްކަޓް އެއާޕޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި މަންތާ އެއާގެ 8Q-RAZ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސީ ހަވީރު 4:20 ކަންހާއިރު އެވެ.

މިދިޔަ ނޮވެމްބަރު މަހު 12 ގައި މަންތާ އެއާއިން އެންމެ ފުރަތަމަ ގެނައީ ވެސް އޭޓީއާރު 72-600 މަރުކައިގެ ބޯޓެކެވެ.

އެއާލައިންގެ ދަތުރުތައް ފަށަން ތިން މަތިންދާބޯޓު ގެންނަން ވަނީ ހަމަޖައްސައިފަ އެވެ.

މަންތާ އެއާއިން ބުނީ 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެ އެއާލައިންގެ ތިން ވަނަ އޭޓީއާރް 72-600 މަރުކާގެ ބޯޓު ގެންނާނެ ކަމަށެވެ.

މަންތާ އެއާގެ ފުރަތަ މަތިންދާބޯޓު ރާއްޖެ ގެނެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި މަންތާ އެއާގެ ޗީފް އެގްޒްކެޓިވް އޮފިސަރު މުހައްމަދު ޚަލީލް ވިދާޅުވީ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ލިބެން ޖެހޭ ހުުއްދަތައް ލިބުމާ އެކު ދަތުރުތައް ފަށާނެ ކަމަށެވެ.

މަންތާ އެއާއިން ފަސިންޖަރުންނަށް ދެ ކްލާހެއްގެ ޚިދުމަތް ދެ އެވެ. އެގޮތުން އެ ހިދުމަތަށް ނަން ދީފައި ވަނީ "ސެފަޔާ" ކްލާސް އާއި "ކޮމްފޯޓް" ކްލާހުގެ ނަމުންނެވެ.

ޚަލީލް ވިދާޅުވި ގޮތުގައި، އެ އެއާލައިނުން ފުރިހަމަ ޚިދުމަތްތަކާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަތަމަ އުދުހުންތައް ފަށާނީ ދ. ކުޑަހުވަދު އަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ބ. ދަރަވަންދޫ އަދި ތ. ތިމަރަފުށީ އެއާޕޯޓަށް ވެސް ދަތުރުތައް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.