Roadha Mihaaru
ޔުނައިޓެޑުން ޕޮޗެޓީނޯ ބޭނުން: ރިޕޯޓް

ޔުނައިޓެޑުން ޕޮޗެޓީނޯ ބޭނުން: ރިޕޯޓް

13 ޑިސެމްބަރ 2018

މެޑްރިޑް (ޑިސެމްބަރު 13) - މެންޗެސްޓާ ޔުނައިޓެޑުން ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އަށް ފާރަލަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (ޑިސެމްބަރު 13) - މެންޗެސްޓާ ޔުނައިޓެޑުން ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އަށް ފާރަލަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ފާއިތުވި ހަފްތާގައި ކުރިއަށްދިޔަ ޔުނައިޓެޑްގެ ބޯޑް މެމްބަރުންގެ ބައްދަލުވުމުގައިވަނީ ޕޮޗެޓީނޯއާ އެ ޓީމު ހަވާލުކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ. ޕޮޗެޓީނޯ ހޯދަން ޔުނައިޓެޑްގެ އިތުރުން ސްޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑުން ވެސް ޝައުގުވެެރިވެ އެވެ.

ބީޓީ ސްޕޯޓްސް އިން ރިޕޯޓްކުރާގޮތުގައި މި އަހަރުގެ ނިޔަލަށް ޔުނައިޓެޑުން މޮރީނިއޯ އަށް ފުރުސަތު ދިނުމަށް ވަނީ ނިންމައިފަ އެވެ. އަދި އޭގެ ކުރިން ޓީމުގެ ހާލަތު މޮރީނިއޯ އަށް ބަދަލުނުކުރެވިއްޖެނަމަ އޭނާ މަގާމުން ވަކިކޮށް ވަގުތީ ގޮތުން ސީޒަނުގެ ނިޔަލަށް ކޯޗެއް ގެންނަން ވަނީ ނިންމައިފަ އެވެ. އަދި މި ސީޒަން ނިމުމުން ޕޮޗެޓީނޯ ގެންނަން ކުރަމުން އަންނަ މަސައްކަތް ވަރުގަދަކުރާނެ އެވެ.

މި އަހަރުގެ މެއި މަހު ޕޮޗެޓީނޯ ވަނީ ޓޮޓެންހަމާ އެކު ހަދާފައިވާ އެއްބަސްވުން 2021 ވަނަ އަހަރުގެ ނިޔަލަށް އާ ކޮށްފަ އެވެ. އަންގާރަ ދުވަހުގެރޭ ބާސެލޯނާ ދަނޑުގައި އެ ޓީމާ 1-1 އިން ޓޮޓެންހަމް އެއްވަރުކުރި މެޗަށް ފަހު ޕޮޗެޓީނޯ ވަނީ އޭނާގެ މުސްތަގުބަލާ ބެހޭގޮތުން ވާހަކަ ދައްކަން ދެކޮޅު ހަދައިފަ އެވެ.

ޕޮޗެޓީނޯ މީގެ ކުރިން ވަނީ ޓޮޓެންހަމްގެ އާ ސްޓޭޑިއަމްގައި އަންނަ އަހަރު އެ ޓީމަށް އިރުޝާދުދޭން ކެތްމަދުވެފައި ހުރި ކަމަށް ބުނެފަ އެވެ. ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލެވީ ވިދާޅުވީ ޕޮޗެޓީނޯ އެ ޓީމާ އެކު ފަށާފައިވާ ޕްރޮޖެކްޓަކީ ދުރު ރާސްތާ ޕްލޭނެއް އޮތް އެއްޗެއް ކަމަށާއި އެހެންކަމުން އޭނާ އެ ޓީމުން ދޫކޮށްލާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން ޕޮޗެޓީނޯ އަށް ބޮޑު މުސާރައެއް ހުށަހަޅާނެ އެވެ. އަދި ޓޮޓެންހަމާ އެކު ޕޮޗެޓީނޯ ހަދާފައިވާ އެއްބަސްވުން އުވާލަން ދައްކަން ބަދަލުގައި ދޭން ޖެހޭ ފީ ދެއްކުމަށް ވެސް ޔުނައިޓެޑުން އޮތީ ތައްޔާރަށެެވެ.

އެސްޕަންޔޯލުން 2009 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ޕޮޗެޓީނޯ އެންމެ ފުރަތަމަ ބަދަލުވީ 2013 ވަނަ އަހަރު ސައުތެމްޓަން އަށެވެ. އޭނާ ޓޮޓެންހަމާ ގުޅުނީ 2014 ވަނަ އަހަރު އެވެ. ޓޮޓެންހަމާ ހަވާލުވެ ޕޮޗެޓީނޯ އަންނަނީ އެ ޓީމުގައި ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ.