Roadha Mihaaru
މިފްކޯ ދޫކޮށްލެވޭނީ ފައިދާވާން ފެށުމުން: އަމްރު

މިފްކޯ ދޫކޮށްލެވޭނީ ފައިދާވާން ފެށުމުން: އަމްރު

09 ޑިސެމްބަރ 2018

މިފްކޯ ދޫކޮށްލެވޭނީ އެ ކުންފުނިން ފައިދާވާން ފެށުމުން ކަމަށާއި އެއީ ދުވަސް ބޭނުންވާ ކަމެއް ކަމަށް އެސްޓީއޯގެ އާ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިފްކޯ ދޫކޮށްލެވޭނީ އެ ކުންފުނިން ފައިދާވާން ފެށުމުން ކަމަށާއި އެއީ ދުވަސް ބޭނުންވާ ކަމެއް ކަމަށް އެސްޓީއޯގެ އާ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަމްރު ވިދާޅުވީ މިފްކޯ ވަކިން ހިންގުމުގެ ވިސްނުން އާ ސަރުކާރުން ގެންގުޅުނު ނަމަވެސް އެކަން ކުރުމަށް ވަގުތު ނަގާނެ ކަމަށެވެ. މިފްކޯ އެސްޓީއޯ އިން ދޫކޮށްލެވޭނީ އެ ކުންފުނީގެ ހިންގުން ރަނގަޅުކޮށް، އެތެރޭގެ ގިނަ މައްސަލަތައް ހައްލުކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޮޕަރޭޝަން ހުއްޓާނުލާ ކުރިއަށް ގެންދަން ޖެހޭ. ރީސްޓްރަކްޗާ ކޮށްފައި. ބޭނުންވާ އިތުރު އިންވެސްޓްމެންޓް ގެނެސްފައި. އެކަން ކުރުމަށް ވަގުތު ބޭނުންވޭ. ވަގުތު ކޮޅުގައި ވެސް އެބަ ޖެހޭ ހިފަހައްޓަން،" އަމްރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއްވެސް ބޭންކަކުން މިފްކޯއަކަށް ލޯނު ނުދޭ ކަމަށާއި އެހެންކަމުން މިފްކޯއަށް ބޭނުންވާ ފައިސާ ހޯދަނީ އެސްޓީއޯ އިން ލޯނު ނަގައިގެން ކަމަށެވެ.

އަމްރު ވިދާޅުވި ގޮތުގައި މަސްވެރިންގެ އަތުން މަސް ގަނެފައި ދޭން ޖެހޭ ފައިސާ ދެވެނީ ވެސް ވަރަށް އުނދަގުލުންނެވެ. އެހެންކަމުން މިފްކޯއަށް ރަނގަޅު އިންވެސްޓްމެންޓްތަކެއް ގެންނަން ޖެހޭ ކަމަށާއި އެ ކުންފުނި ދޫކޮށްލެވެން އޮތީ ހާލަތު ރަނގަޅުކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެސްޓީއޯ އިން މިފްކޯ ދޫކޮށްލާއިރު އެކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހަދަން ޖެހޭ،" އަމުރު ވިދާޅުވި އެވެ.

މިފްކޯ އިން މަސްވެރިންނަށް ދޭން ޖެހޭ 38 މިލިއަން ރުފިޔާ މިދިޔަ ބުރާސްފަތި ދުވަހު ވަނީ ދީފަ އެވެ. އެއީ ގާތްގަނޑަކަށް ދެ ހަފްތާގެ ފައިސާ އެވެ.

އެހާ ބޮޑު އަދަދެއް މަސްވެރިންނަށް ދޭން ޖެހޭ އިރު މަސް ވިއްކައިގެން މިފްކޯއަށް އެ ވަރުގެ އާމްދަނީއެއް ނުލިބޭ ކަމަށް އަމްރު ވިދާޅުވި އެވެ. އެހެންކަމުން އޭނާ ވިދާޅުވީ މަސް ގަންނަ އަގުތަކަށް ގެނެވިދާނެ ބަދަލުތައް ދެނެގަންނަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އޮތީ ދަޅުގައި މަސް ބަންދުކުރުމުން ވިއްކާ އަގު ރަނގަޅުވެއޭ. އެ ފެސިލިޓީ އެބަ ޖެހޭ އެއަށް ވުރެ ރަނގަޅު ކުރަން،" އަމްރު ވިދާޅުވި އެވެ.

"މިހާރު ހުރި ފެސިލިޓީ އަޕްގްރޭޑްކޮށް އެކްސްޕޭންޑް ކޮށްގެން އެކަން ކުރެވެން އޮތީ. އެހެން ނޫނީ ޖެހެނީ މަސްވެރިންގެ އަތުން ގަންނަ މަސް އައިސްކޮށްފައި އެ ވިއްކަން. އެގޮތަށް ވިއްކުމުން ލިބެންވާ އަގެއް ނުލިބޭ."

އަމްރު ވިދާޅުވީ މަސް ވިއްކުމަކީ ހަގީގަތުގައި ރާއްޖެއަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި އެކަން ރަނގަޅަށް ކުރެވޭ ނަމަ މަސް ވިއްކުމުގައި ދުނިޔޭގައި ފާހަގަކޮށްލެވޭ ގައުމަކަށް ވެސް ރާއްޖެ ހެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ މިހާތަނަށް މިފްކޯ އިން 800 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް މިފްކޯ އިން ބުނެ އެވެ.

ކުރީގެ ސަރުކާރުން އެސްޓީއޯގެ ދަށަށް މިފްކޯގެ ބަދަލުކުރީ ދަރަނި ބޮޑުވެ، ކުންފުނި ބަނގުރޫޓުވުމުން 2016 ވަނަ އަހަރު އެވެ.

މިފްކޯގެ މާލީ ހާލަތު ރަނގަޅު ކުރަން މިދިޔަ ފަސް އަހަރުގެ ތެރޭގައި އޭރުގެ ސަރުކާރުން 621.4 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ.