Roadha Mihaaru
އެސްޓީއޯ އިން މިފްކޯއަށް 154 މިލިއަން ހޭދަކުރި

އެސްޓީއޯ އިން މިފްކޯއަށް 154 މިލިއަން ރުފިޔާ ހޭދަކުރި

19 ޑިސެމްބަރ 2018

އެސްޓީއޯ އިން މިފްކޯއަށް މިހާތަނަށް 154 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަ ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެސްޓީއޯ އިން މިފްކޯއަށް މިހާތަނަށް 154 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަ ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

ކުރީގެ ސަރުކާރުން އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކުރީ 2016 ވަނަ އަހަރު އެވެ. މިފްކޯ އަކީ ފައިދާވާ ކުންފުންޏަކަށް ދޮޅު އަހަރުގެ ތެރޭގައި ހަދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ރައީސް ވިދާޅުވީ، ގެއްލުމުގައި ވެސް ހިންގައިގެން މަސްވެރިންނަށް ރަނގަޅު އަގެއް ދިނުމަށް މިފްކޯއިން މަސައްކަތް ކުރާތީ އެ ކުންފުނީގެ މާލީ ހާލަތު ވަރަށް ދަށްވެފައިވާ ކަމަށެވެ.

މީގެ ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އަމްރު ވިދާޅުވީ މިފްކޯ ވަކިން ހިންގުމުގެ ވިސްނުން އާ ސަރުކާރުން ގެންގުޅުނަސް އެކަން ކުރުމަށް ވަގުތު ނަގާނެ ކަމަށެވެ. މިފްކޯ އެސްޓީއޯ އިން ދޫކޮށްލެވޭނީ އެ ކުންފުނީގެ ހިންގުން ރަނގަޅުކޮށް، އެތެރޭގެ ގިނަ މައްސަލަތައް ހައްލުކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއްވެސް ބޭންކަކުން މިފްކޯއަކަށް ލޯނު ނުދޭ ކަމަށާއި އެހެންވެ މިފްކޯއަށް ބޭނުންވާ ފައިސާ ހޯދަނީ އެސްޓީއޯ އިން ލޯނުގެ ގޮތުގައި ކަމަށެވެ.

މި އަހަރުގެ މިހާތަނަށް މިފްކޯ އިން 800 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް މިފްކޯ އިން ވަނީ ބުނެފަ އެވެ. ކުރީގެ ސަރުކާރުން އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކުރީ ދަރަނި ބޮޑުވެ، ކުންފުނި ބަނގުރޫޓުވުމުންނެވެ.

މިފްކޯގެ މާލީ ހާލަތު ރަނގަޅު ކުރަން މިދިޔަ ފަސް އަހަރުގެ ތެރޭގައި އޭރުގެ ސަރުކާރުން 621.4 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ.