Roadha Mihaaru
ބުލީ ކުރާތީ އަދަބެއްގެ ގޮތުން ފައިމަގުގައި ސްކޫލަށް

ބުލީ ކުރާތީ އަދަބެއްގެ ގޮތުން ފައިމަގުގައި ދަރިފުޅު ސްކޫލަށް ފޮނުވައިފި

10 ޑިސެމްބަރ 2018

އެމެރިކާގެ އޮހައިއޯ ސިޓީގެ ސްކޫލެއްގައި ކިޔަވާ 10 އަހަރުގެ އަންހެން ދަރިވަރަކު ސްކޫލްގެ ބަހުގެ ތެރޭގައި އެހެން ދަރިވަރުން ބުލީ ކުރާ މައްސަލަ ބޮޑުވެގެން އެ ދަރިވަރު ބަހަށް އެރުން ތިން ދުވަހަށް މަނާކޮށްފައި ވަނިކޮށް އަދަބެއްގެ ގޮތުން އެ ކުއްޖާގެ ބައްޕަ އޭނާ ފައިމަގުގައި ސްކޫލަށް ފޮނުވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ އޮހައިއޯ ސިޓީގެ ސްކޫލެއްގައި ކިޔަވާ 10 އަހަރުގެ އަންހެން ދަރިވަރަކު ސްކޫލްގެ ބަހުގެ ތެރޭގައި އެހެން ދަރިވަރުން ބުލީ ކުރާ މައްސަލަ ބޮޑުވެގެން އެ ދަރިވަރު ބަހަށް އެރުން ތިން ދުވަހަށް މަނާކޮށްފައި ވަނިކޮށް އަދަބެއްގެ ގޮތުން އެ ކުއްޖާގެ ބައްޕަ އޭނާ ފައިމަގުގައި ސްކޫލަށް ފޮނުވައިފި އެވެ.

ކާސްޓެން ނަމަކަށް ކިޔާ އަންހެންކުއްޖާގެ ބައްޕަ މެޓް ކޮކްސް ވަނީ ދަރިފުޅު ފައިމަގުގައި ސްކޫލަށް ދަނިކޮށް ނަގާފައިވާ ވީޑިއޯއެއް އޭނާގެ ފޭސްބުކްގައި ޕޯސްޓްކޮށްފަ އެވެ. ފިނި ގަދަ ދުވަހެއްގައި އަންހެންކުއްޖާ ހިނގާފައި ސްކޫލަށްދާ އިރު، ބައްޕަ ދިޔައީ ފަހަތުން ކާރުގަ އެވެ.

ދަރިފުޅު ބަހުގެ ތެރޭގައި އެހެން ކުދިން ބުލީ ކުރާ މައްސަލާގައި ރުޅިގަދަވެގެން ދިން އަދަބާ އެކު ކާސްޓެން އަށް ޖެހުނީ ތިން ދުވަހު ސްކޫލަށް ދާން ފަސް މޭލު (8 ކިލޯމީޓަރަށް) ހިނގާށެވެ.

މެޓްގެ ވީޑިއޯ.

މިކަމާ ބެހޭ ގޮތުން މެޓް ބުނީ އޭނާގެ ދަރިފުޅަށް މި ދިން އަދަބަށް ބައެއް މީހުން ފާޑުކިޔައިފާނެ ކަމަށެވެ. އެކަމަކު މިފަދަ އަދަބެއް ދޭން ޖެހުނީ ސްކޫލް ބަހުގައި ކާސްޓެން ބުލީ ކުރާކަމުގެ ޝަކުވާ ދެ ފަހަރެއްގެ މަތިން ލިބިގެން ކަމަށާއި ބުލީ ކުރުމަކީ ކިހާ ގޯސްކަމެއްކަން ދަރިފުޅަށް އިހުސާސްކޮށް ދޭން ބޭނުންވީ ކަމަށް އޭނާ ބުންޏެވެ.

"ބުލީ ކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަހަލަ ކަމެއް ނޫން. މިއީ ބުލީ ކުރުން ހުއްޓުވަން އަހަރެން ކުރާ ކަމެއް،" އިތުރު ދެ ކުދިން ވެސް ތިބި މެޓް ބުންޏެވެ. "އަހަރެން ގަބޫލު ކުރަނީ ދަރިފުޅަށް މި ދެވޭ އަދަބާ އެކު އޭނާ އަށް ރަނގަޅު ފިލާވަޅެއް ލިބޭނެ ކަމަށް."

އޭނާ ބުނި ގޮތުގައި ބަހާއި ކާރުގައި ސްކޫލަށް ދިއުމުގެ ފުރުސަތު ލިބިފައި އޮތް ކުއްޖަކަށް ހިނގާފައި ސްކޫލަށް ދާން ޖެހުމަކީ ފިލާވަޅަކަށް ވާނެ އެވެ. މެޓް ބުނި ގޮތުގައި ކާސްޓެން ވަނީ ދިން އަދަބަށް ވަރަށް ރަނގަޅަށް ބޯލަނބައިފަ އެވެ.

މެޓްގެ ވީޑިއޯ އަށް ކުރި ކޮމެންޓްތަކާ ބެހޭ ގޮތުން އޭނާ ފަހުން ކުރި ޕޯސްޓެއް.

މިކަމާ ބެހޭ ގޮތުން ކާސްޓެން ބުނީ އޭނާ އަށް ވެސް ކުރިން ބުލީން ތަޖުރިބާ ކުރަން ޖެހުނު ކަމަށާއި ދެން ދުވަހަކު ވެސް އެކަހަލަ ކަމެއް ނުކުރާނެ ކަމަށެވެ.

"އަހަންނަށް މިހާރު އިހުސާސް ކުރެވޭ ބުލީ ކުރީމަ ވާނެ ގޮތް. ކުރެވޭނެ އިހުސާސްތައް. އަހަރެން މިހާރު ބޭނުން ވަނީ ހިތްހެޔޮ ރަނގަޅު މީހަކަށް ވާން،" ޑަބްލިއުޓީވީޖީ ނިއުސް އަށް ކާސްޓެން ބުންޏެވެ.

ދަރިފުޅަށް މެޓް ދިން އަދަބާ މެދު ހިތްހަމަނުޖެހިގެން ގިނަ ބަޔަކު ކޮމެންޓްކޮށްފައިވާ އިރު، ބައެއް މީހުން ވަނީ އެ އަދަބަށް ތައުރީފު ވެސްކޮށްފަ އެވެ.

އޭނާގެ ވީޑިއޯ އަށް 20 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވާ އިރު، އެތައް ހާސް ލައިކާއި ކޮމެންޓް ލިބި، އެތައް ބަޔަކު އެ ވީޑިއޯ ޝެއާ ވެސް ކޮށްފައިވެ އެވެ.