Roadha Mihaaru
ފިނޭންސް މިނިސްޓަރުގެ ބޮލުގައި އަޅުވާ 'އަންފަންޑަޑް މޭންޑޭޓްސް' ގެ ޒިންމާ

ބަޖެޓު ސައްލާ: ފިނޭންސް މިނިސްޓަރުގެ ބޮލުގައި އަޅުވާ "އަންފަންޑަޑް މޭންޑޭޓްސް' ގެ ޒިންމާ

06 ޑިސެމްބަރ 2018

ދައުލަތުގެ ބަޖެޓުގެ ނިސްބަތުން، 'އަންފަންޑަޑް މޭންޑޭޓްސް' އަކީ އެ ޚިދްމަތް ދިނުމަށް ބޭނުންވާ އާމްދަނީ ހޯދާނެ ގޮތެއް ކުރިޔަށް ކަނޑަނާޅައި، ފިނޭންސް މިނިސްޓަރުގެ ބޮލުގައި އަޅުވާ ޒިންމާ އެވެ.

ދައުލަތުގެ ބަޖެޓުގެ ނިސްބަތުން، 'އަންފަންޑަޑް މޭންޑޭޓްސް' އަކީ އެ ޚިދްމަތް ދިނުމަށް ބޭނުންވާ އާމްދަނީ ހޯދާނެ ގޮތެއް ކުރިޔަށް ކަނޑަނާޅައި، ފިނޭންސް މިނިސްޓަރުގެ ބޮލުގައި އަޅުވާ ޒިންމާ އެވެ.

ދައުލަތުގެ ބަޖެޓް ފާސްކުރަނީ، ކުރަން ގަސްދުކުރާ ކަންތައް ބަޔާން ކުރުމަށް ފަހުގަ އެވެ. ލިބޭ އާމްދަނީން ދެކޮޅުނުޖެހޭކަން އެނގި، ޑެފިސިޓް ފަންޑުކުރަން ފައިސާ ހޯދާނެ ގޮތް ބަޔާންކޮށްގެންނެވެ. ތަކުރާރުކޮށް ބަޖެޓް ޑެފިސިޓް ކުރުމަކީ ރަނގަޅު ކަމެއް ނޫންކަމުގައި ވިޔަސް، މިއަދުގެ މަޢުޟޫއަކީ އަންފަންޑަޑް މޭންޑޭޓްސް ކަމުން، ބަޖެޓު ޑެފިސިޓު ވުމާއި ގައުމުގެ ދަރަނި އިތުރުވުމުގެ ނުރައްކަލުގެ ވާހަކަ އެހެން ފަހަރަކަށް ބާއްވަމާތޯއެވެ؟

ސަރުކާރުގެ ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާ ބަޖެޓު، އިސްލާހާ އެކު ރައްޔިތުންގެ މަޖިލިހުން ފާސްކުރުމުން، އެ ބަޖެޓުގެ އަދަދުތަކާ މެދު ދައުލަތުން އާނ! ބަސް ބުނެވުނީ އެވެ. އެ ބަޖެޓާ އެއްގޮތަށް ހިންގުމަށް ފިނޭންސް މިނިސްޓަރުގެ ބޮލުގައި ޒިންމާއެއް އެޅުވުނީ އެވެ.

ކުރިއަށް އޮތް 2019 ވަނަ އަހަރުގެ ބަޖެޓު ފާސްކުރިއިރު ބަޖެޓުން ކުރަން ހުރި ޚަރަދުތަކުގެ އިތުރުން، ރެކަމެންޑޭޝަންތަކެއް ބަޖެޓުގައި ހިމަނާފައިވެ އެވެ. މީގެ ތެރޭގައި އޮފީސްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އޮޑިޓެއް ހެދުމާއި ބޮޑެތި މަޝްރޫއުތައް ދިޔައީ ގާނޫނާ އެއްގޮތަށްތޯ ބަލަން އޮޑިޓެއް ހެދުން ފަދަ ރިކޮމަންޑޭޝަންތައް ވަނީ ހިމަނައިފަ އެވެ.

ނަމަވެސް މިއަދަކު ޚަރަދަކާ ނުލައި ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އޮފީސްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އޮޑިޓެއް ހެދުމަކީ އަގުހެޔޮ އަދި ފަސޭހަ މަސައްކަތަކަށް ނުވާނެ އެވެ. ބޮޑެތި މަޝްރޫއުތައް ދިޔައީ ގާނޫނާ އެއްގޮތަށްތޯ ބަލަން ފޮރެންސިކް އޮޑިޓެއް ހެދުމަކީ އެކަމުގެ ޚާއްޞަ ފަންނުވެރިން ހޯދައިގެން ނޫނީ ނުވާނެ ކަމެކެވެ. އަގުބޮޑު، ބުރަ، ބޮޑު މަސައްކަތެކެވެ. ކުރަން މުހިންމެވެ. އަދި ބޭނުމެވެ. އެކަމަކު ހިލެޔަކު ކުރެވޭނެ އެއްވެސް ކަމެއް ރެކަމެންޑޭޝަންތަކުގެ ތެރޭގައި ހިމެނިފައެއް ނެތެވެ.

އަޅުގަނޑުމެންގެ ފިނޭންސް މިނިސްޓަރަކީ ވަރަށް ޤާބިލު ކުޅަދާނަ ބޭފުޅެއް ކަމުގައި ނިންމަމާތޯ އެވެ؟ އެކި ކަންކަމަށް، ކަނޑައަޅާފައިވާ ޚަރަދުތަކުން، ސޭވްކޮށްގެން، ނުވަތަ ފިނޭންސުގެ ޚާޢްސަ ބަޖެޓުގެ ބޭނުންކޮށްގެން ރެކެމަންޑޭޝަންސް ފުރިހަމަ ކުރައްވާނެ ކަމަށް ވެސް ޔަގީން ކުރަމާތޯ އެވެ؟ އެހެންކަމުން ބަޖެޓް ފާސްކުރި ރެކަމެންޑޭޝަންސާ އެކު ފިނޭންސް މިނިސްޓަރު ބަޖެޓް ތަންފީޒް ކުރައްވާނެ ކަމާ މެދު ޝައްކު ނުކުރަމާތޯ އެވެ؟

ނަމަވެސް އެ ހިސާބަކުން އަދި ނުނިމެ އެވެ. ކުރަން ހުރި އިތުރު ކަންތައްތައް ބައިވަރެވެ. ފުއްދަން ހުރި ވަޢުދުތައް ހުރީ ފުނިޖެހިފަ އެވެ. ފާސްކުރަން ހުރި ބިލްތަކުގެ ލިސްޓް އެހާ ދިގެވެ.

ޙަޤީޤަތަކީ، އަލަށް ފާސްކުރާ ކޮންމެ ޤާނޫނަކާ ގުޅިގެން އިތުރު ޚަރަދުތަކެއް ހިނގުމަށް މަޖްބޫރުވާކަމެވެ. ބައެއް ޤާނޫނުތައް ހެދުމުގެ ސަބަބުން މުޅިން އަލަށް ވުޖޫދު ކުރެވޭ މުއައްސަސާތައް ހިމެނެ އެވެ. ފާސްކޮށް ތަސްދީގުކުރާ ކޮންމެ ގާނޫނަކީ ދައުލަތުގެ މައްޗަށް ކަނޑައެޅޭ މޭންޑޭޓެކެވެ. އެހެންކަމުން އާންމު ގޮތެއްގައި، މަޖިލިހުން ފާސްކުރާ ކޮންމެ ޤާނޫނަކުން، ފިނޭންސް މިނިސްޓަރުގެ ބޮލަށް އިތުރު ތަޅެއް މަހާލަވެ އެވެ. ކޮންމެ ޤާނޫނެއް ފާސްވުމާއި ހަމައިން، ކޮންމެ ގަވާއިދެއް ގެޒެޓު ކުރެވުމާ ހަމައިން، ފިނޭންސް މިނިސްޓަރުގެ ބޮލުގައި ރިހޭރިހުން އިތުރުވެ އެވެ.

ދައުލަތުގެ ބަޖެޓު ޑެފިސިޓް ފޫބެއްދުމަށް ލާރި ހޯދާނެ ގޮތް ބަޔާން ކޮށްފައި ބަޖެޓުގައި އޮވެ އެވެ. ނަމަވެސް، ބަޖެޓް ފާސްކުރުމުގެ ފަހުން މަޖިލިހަށް ހުށަހަޅައި، އަލަށް ފާސްކުރާ އެއްވެސް ޤާނޫނަކުން، ވުޖޫދަށް ގެނުވާ ކަންތައް ކުރުމަށް ހޯދަން ޖެހޭ ފައިސާ ހޯދާނެ ގޮތެއް، އެ ޤާނޫނަކުން ބަޔާންކޮށްފައެއް ނުހުރެ އެވެ. ދައުލަތުގެ އެހެން މުއައްސަސާއަކުން ދިނުމަށް ނިންމާފައިވާ ޚިދްމަތެއް ކަމުގައިވިޔަސް، އެޚިދްމަތް ދިނުމަށް ބޭނުންވާ މުއައްޒަފުން ހޯދައި، ޚިދްމަތް ދިނުމަށް ބޭނުންވާ އޮފީހެއް ހަމަޖައްސައި، ކަރަންޓާއި ފެން ލިބޭ ގޮތް ހަމަޖައްސައި، ކޮމްޕިޔުޓަރު ގަނެ، އިންޓަނެޓް ގުޅޭނީ، ފިނޭންސުން ފައިސާ ދޫކުރުމުންނެވެ. ޤާނޫނެއް ފާސްވެ، ޤާނޫނު ތަސްދީޤް ކުރުމުން، ދައުލަތުގެ ކޮނޑުގައި އިތުރު މޭންޑޭޓެއް އެޅުވުނީ އެވެ. ފިނޭންސް މިނިސްޓަރުގެ އިސްތަށިފުޅަށް އިތުރަށް ބަރުކުރެވުނީ އެވެ. ޚަރަދު ކުރާނެ ގޮތް ފަހިކޮށްނުދީ، ފިނޭންސް މިނިސްޓަރުގެ ބޮލުގައި އެޅުވޭ މޭންޑޭޓަކީ "އަންފަންޑަޑް މޭންޑޭޓްސް" އެވެ. ޤާނޫނީ ގޮތުން ކުރަން ލާޒިމެވެ. ނަމަވެސް ޚަރަދު ހޯދާނެ ގޮތެއް ނެތެވެ.

މިސާލަކަށް، އުފެދެން މިހާރު އެއުޅޭ ބާ އެސޯސިއޭޝަންގެ ވާހަކަ ދައްކަމާތޯ އެވެ؟ އަޅުގަނޑު ވެސް އެއްބަހެވެ. ކޮންމެހެން އުފައްދަން ޖެހި، އަދި މިހާރުވެސް ލަސްވެފައިވާ ޤާނޫނެކެވެ. ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރު ކުރުމުގައި ވަކީލުންގެ މައްސޫލިއްޔަތު، މިނިވަންކަމާ އެކު އުފުލާ، މުވައްކިލުންގެ ދިފާޢުގައި ވަކީލުން ކުރަން ޖެހޭ ކަންތައް ކުރުމުގެ މިނިވަންކަން ހޯދުމަށް، މުޅި ގައުމަށް މިއަދު ވެސް ބޭނުންވެފައިވާ ޤާނޫނެކެވެ. ޤާނުނީ ޚިދްމަތް ދިނުމުގައި ޢަމަލު ކުރަން ޖެހޭ ޢުޞޫލުތައް ކަނޑައެޅުމާއި، އެކަންކަމަށް ބޭނުންވާ ތަމްރީނު ދިނުމާއި، ޤާނޫނީ ތައުލީމު ދިނުމުގެ މުޤައްރިރު އެކުލަވާލުން ވެސް ހިމެނޭ ގޮތުން މައިގަނޑު އަށް ކަމެއް ކުރުމަށް އެކުލެވިފައިވެ އެވެ. ޤާނޫނު ހިންގާ ބެލެހެއްޓުމަށް ބާ އެސޯސިއޭޝަންގެ ރައީސާއި ނާއިބު ރައީސް ހިމަނައިގެން ހަތް މެންބަރުންގެ ކޮމިޓީއެއް އުފެއްދުމަށް ބައްޓަން ކޮށްފައިވާ ޤާނޫނެކެވެ.

މި ޤާނޫނު ތަންފީޒު ކުރުމުގެ ސަބަބުން، ބަޖެޓަށް ކުރާނޭ އަސަރު ކުޑަ ކުރުމަށްޓަކައި، ކޮށައި މަށައި ހެދުމަށް ފަހު އެންމެ ޚަރަދު ކުޑަ ގޮތަށް ފާސްކުރާނެ ކަމަށް ވިސްނަމާތޯ އެވެ؟ ނަމަވެސް، އޭރުން ވެސް، ބާ އެސޯސިއޭޝަނަށް ވެސް، ކުޑަ މިނުން، އޮފީހަކާއި ސެކްރެޓޭރިއަޓެއް ބޭނުންވާނެ އެވެ. ކޮންމެވެސް މިންވަރެއްގެ ޚަރަދުތަކެއް އިތުރަށް ހިނގާނެކަން ޔަގީނެވެ. މިގޮތުން ހިނގާނެ ކަމަށް ލަފާކުރާ އަދަދަކީ 2019 ބަޖެޓުގައި ދައުލަތުގެ އޮފީހަކަށް ކަނޑައަޅާފައިވާ އެންމެ ކުޑަ އަދަދު ކަމަށް ވާ 1.25 މިލިއަން ކަމަށް ބަލަމާތޯ އެވެ؟ ނަމަވެސް މި އަދަދު ވެސް ހޯދާނެ ގޮތެއް ފިނޭންސް މިނިސްޓަރަށް ބުނެދެން ޖެހެ އެވެ. މިކަމަށް ހިނގާނީ މިހާރު ފާސްކޮށްފައިވާ 30 ބިލިއަން ރުފިޔާގެ މާސިންގާ ބަޖެޓުގެ އެންމެ 0.003 ޕަސެންޓް ކަމަށް ވިޔަސް، މިހާރުވެސް ޑެފިސިޓް ވެފައިވާ ބަޖެޓެއްގެ ބޭރުން، ފިނޭންސް މިނިސްޓަރުގެ ބޮލުގައި "އަންފަންޑަށް މޭންޑޭޓް" އެއް އެޅުވުމަށް ފަހު، ބަޖެޓު ނުލިބިގެން ތުންފިއްތައިގެން ކުދިކިޔަން ތިބުމަކުން ނުފުދެ އެވެ.

ޤާނޫނުން ލާޒިމް ކުރާ ވަރަށް ގިނަ ކަންތައް، ނުނިމި ހުރުމުގެ އެެންމެ ބޮޑު ސަބަބަކީ ސަރުކާރު ހިންގަން ތިބި ފަރާތުގެ ސިޔާސީ އެޖެންޑާއާ ދިމާނުވުން ކަން ޔަގީނެވެ. ނަމަވެސް، ބަޖެޓު ފާސްކުރުމަށް ފަހު، މަޖިލީހުގައި ވޯޓެއް ލައި، އާ ޤާނޫނެއް ވުޖޫދަށް ގެންނަ ކޮންމެ ފަހަރަކު، އެކަމަށް ބޭނުންވާ ޚަރަދު ހަމަނުޖައްސާ، "އަންފަންޑަޑް މޭންޑޭޓްސް" ތަކެއް ސަރުކާރުގެ ބޮލުގައި އަޅުވަމުން ގެންދިޔުމަކީ ޒިންމާދާރު ކަމެއް ނޫނެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި 'އަންފަންޑަށް މޭންޑޭޓްސް' އާ ބެހޭ ޤާނޫނެއް ފާސްކޮށްފައި އޮވެ އެވެ. މި ޤާނޫނަކީ ވަރަށް އާދައިގެ ބަހުން ލިޔެފައި އޮންނަ، ސަފުހާގެ ގޮތުން ފަގީރު ޤާނޫނެކެވެ. އޭގައި ބަޔާން ކޮށްފައިވަނީ އެންމެ ވާހަކައެކެވެ. ޚަރަދެއް ހިނގާ ގޮތަށް ފާސްކުރާ ކޮންމެ ޤާނޫނަކުން، ސަރުކާރުގެ ބޮލުގައި އަޅުވާ ކޮންމެ މޭންޑޭޓެއް ހިންގަން ބޭނުންވާ ޚަރަދު ހޯދާނެ ގޮތެއް އެ ޤާނޫނެއްގައި ބަޔާން ކޮށްފައި އޮންނަން ޖެހޭނެކަމެވެ. އެނޫން ގޮތަކަށް ޤާނޫނު ފާސްނުކުރެވޭނެކަމާއި، އިތުރު ޚިދްމަތް ދިނުމަށް ފިނޭންސް މިނިސްޓަރު ގާތު ބުނަންވާނީ، އެ ޚިދްމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތެއް ކިޔައިދީ، އެކަމަށް މަގު ހޯދައިދީފައި ކަމެވެ.

މިއީ އަންފަންޑަޑް މޭންޑޭޓްސްގެ ވާހަކަ އެވެ. މި ވާހަކަތައް ފެށެނީ 'ވައުދާ ހިނގާ' މީހުންނާ ހަމައިންނެވެ. ވަޢުދާ ހިނގާ މީހުންގެ ތެރެއިން މޮޅުވާ މީހުން ކުރި ވަޢުދުތައް ބަދަލުވަނީ ޤާނޫނަށެވެ. ޚަރަދު ހޯދާނެ ގޮތް ބުނެނުދޭ އަންފަންޑަޑް މޭންޑޭޓްސް އެވެ. އެހެންކަމުން މަޖިލިސްގެ މި ދައުރުގައި، އަދި ކުރިޔަށް އޮތް އިންތިޚާބުވާ މަޖިލިސްތަކުގައި، އަންފަންޑަޑް މޭންޑޭޓްސްގެ ބިޔަ، ބޮޑު، ބިރުން ފިނޭންސް މިނިސްޓަރު ސަލާމަތް ކޮށްފައި ބަހައްޓަމާތޯ އެވެ؟