Roadha Mihaaru

މާފަރު އެއާޕޯޓް: ބޮޑެތި އޮޅުވާލުންތަކާ އެކު، ރައްޔިތުންގެ އުންމީދުތައް ފެނަށް!

05 ޑިސެމްބަރ 2018

ނ. މާފަރުގައި އެއާޕޯޓް އަޅަން ސަރުކާރުން ހަވާލު ކުރުމާ އެކު، އެ އަތޮޅާއި އެ ރަށު ރައްޔިތުން ގަބޫލުކުރީ އެ މީހުންގެ އުންމީދުތަކަށް ނިމުމެއް އައީ ކަމަށެވެ! ބޮޑު އަގުގައި އެ މަޝްރޫއު ބިޑްކޮށް މަޝްރޫއުގައި އެހެން ކަންކަން ވެސް ހިމެނޭތީ ރައްޔިތުން ތިބީ ވަރަށް އުފަލުންނެވެ. އެކަމަކު އާޚިރުގައި އެކަން ނިމިގެން މި ދަނީ ހީ ވެސް ނުކުރާ ގޮތަކަށެވެ! އެ މަޝްރޫއުގެ ތެރޭގައި އަޑި ނޭނގޭ އެތައް ކަމެއް ހިމެނޭކަން މިހާރު ވަނީ ކަށަވަރު ވެފަ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ނ. މާފަރުގައި އެއާޕޯޓް އަޅަން ސަރުކާރުން ހަވާލު ކުރުމާ އެކު، އެ އަތޮޅާއި އެ ރަށު ރައްޔިތުން ގަބޫލުކުރީ އެ މީހުންގެ އުންމީދުތަކަށް ނިމުމެއް އައީ ކަމަށެވެ! ބޮޑު އަގުގައި އެ މަޝްރޫއު ބިޑްކޮށް މަޝްރޫއުގައި އެހެން ކަންކަން ވެސް ހިމެނޭތީ ރައްޔިތުން ތިބީ ވަރަށް އުފަލުންނެވެ. އެކަމަކު އާޚިރުގައި އެކަން ނިމިގެން މި ދަނީ ހީ ވެސް ނުކުރާ ގޮތަކަށެވެ! އެ މަޝްރޫއުގެ ތެރޭގައި އަޑި ނޭނގޭ އެތައް ކަމެއް ހިމެނޭކަން މިހާރު ވަނީ ކަށަވަރު ވެފަ އެވެ.

ނ. މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ހަވާލު ކުރީ، ސިންގަޕޫރުގެ ޓަފް އޮފްޝޯ އިންޖިނިއަރިން ސާވިސަސް ޕްރައިވެޓް ލިމިޓެޑާ އެވެ. މިއީ އެ ކުންފުނިން ރާއްޖޭގައި ހިންގާ ފުރަތަމަ މަޝްރޫއެވެ. އެ ކުންފުންޏާ ދޭތެރޭ ކުރެވޭ އެންމެ ބޮޑު އެއް ތުހުމަތުތަކަކީ ސަބް ކޮންޓްރެކްޓަރުން ލައްވައި، މަސައްކަތް ކުރުވާފައި އެ ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ނުދީ ލަސް ކުރުމެވެ.

"މިހާރު" އަށް ލިބިފައިވާ ލިޔެކިޔުންތަކުން ޓަފް ކުންފުނިން 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ނެގި އިރު، ސަބް ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ އެތައް މިލިއަން ރުފިޔާއެއް މިހާތަނަށް އައި އިރު، ނުދީ އޮތުމުގެ ސަބަބުން ސަބް ކޮންޓްރެކްޓަރުން ތިބީ ރުޅިގަދަވެފަ އެވެ.

ޓަފް ކުންފުންޏަށް މިހާތަނަށް ދިން އަދަދަކީ ރާއްޖޭގައި އެއާޕޯޓެއް އަޅަން ނިސްބަތުން ބޮޑު އަދަދެކެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އެންމެ ފުރަތަމަ މާފަރުގައި އެއާޕޯޓެއް އަޅަން 52 މިލިއަން ޑޮލަރު (801 މިލިއަން ރުފިޔާ) ދިނީ ވީވީއައިޕީ ޓާމިނަލަކާއި ސިޓީ ހޮޓަލަކާއެކުގަ އެވެ.

އެކަމަކު، އެ ދެ މަޝްރޫއު އުނި ކުރަން، އެއާޕޯޓު އެޅުމަށް އެހީވާ އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިން އެންގީ ވެސް ޓަފް ކުންފުނީގެ ހަރަދުތައް މާ ބޮޑު ކަމަށް ބުނެ އެވެ. ދެ މަޝްރޫއު އުނި ކުރަން އޭޑީއެފްޑީ އަށް އެންގިކަން ރީޖަނަލް އެއާޕޯޓްސް އިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. އެންމެ ފަހުން، ޓަފުން އެންގީ އެ ދެ މަޝްރޫއު ކުރިއަށް ނުދާނެ ކަމާއި ދެން އެއާޕޯޓުގައި ހުރި މަޝްރޫއުތަކަށް ވެސް ގާތްގަނޑަކަށް 48 މިލިއަން ޑޮލަރު (740 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށެވެ.

ޓަފުން ކޮންމެ މަހަކު މިލިއަން ޑޮލަރު ހޯދި އިރު، ދިވެހިން ކުރި އުންމީދާ ގާތަށް ވެސް އެ މަޝްރޫއު ކުރިއަކަށް ނުދިޔަ އެވެ. ހަމައެކަނި ނިމިފައި އޮތީ 2.2 ކިލޯ މީޓަރުގެ ދިގު ރަންވޭއެކެވެ. އެއާޕޯޓުގައި މަސައްކަތްތަކެއް ކުރިޔަސް، ނިމުމަކާ ހަމައަށް ނުދެ އެވެ. މިދިޔަ އޮގަސްޓް މަހު މަޝްރޫއުގެ ހުރިހާ ކަމެއް ނިންމަން އޮތަސް، ޓަފުން އެދިގެން މުއްދަތު އިތުރު ކުރީ އެވެ. އަދި އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް މުއްދަތެއް ދިނަސް، އެއާޕޯޓުގެ ހުރިހާ މަސައްކަތެއް ނިމޭނެކަމުގެ ޔަގީންކަމެއް ނެތެވެ.

ޓަފް ކުންފުންޏަށް ކުރެވޭ އެތައް ތުހުމަތުތަކާ ގުޅިގެން އެމީހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ފޯނުންނާއި މެއިލް މެދުވެރިކޮށް، ސުވާލު ފޮނުވުމުން ވެސް ޖަވާބެއް ނުލިބުނެވެ.

މާފަރު އެއާޕޯޓުގެ ރަންވޭ.

މާފަރު އެއާޕޯޓުގެ ރަންވޭ.

ލިޔެކިޔުންތަކުން ފަޅާ އެރި ގޮތުގައި ޓަފުން ވަނީ އޮޅުވާލައިގެން އެތައް މިލިއަން ޑޮލަރެއްގެ ފައިދާއެއް ނަގައިފަ އެވެ. އެކަމުގެ ސަބަބުން ގެއްލުން ލިބިގެން ދިޔައީ ރައްޔިތުންނަށާއި ދިވެހި ސަރުކާރަށެވެ. އަދި އެއާޕޯޓު އެޅުމުގެ މަޝްރޫއުގައި އަމަލީ ގޮތުން ބައިވެރިވި ސަބް ކޮންޓްރެކްޓަރުންނަށެވެ. ސަބް ކޮންޓްރެކްޓަރުން ބުނި ގޮތުގައި ޓަފް ކުންފުނިން އެ ރަށުގެ "ބިމުން ވެލި ފުކެއް ވެސް" ނަގާފައެއް ނެތެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މާފަރުގައި އެއާޕޯޓެއް އެޅުމަށް ޓަފްއާ ހަވާލު ކުރިއިރު، ޔަގީންވާ ކަމަކީ މިއީ އެވެ؛ ޓަފްއަކީ މީގެ ކުރިން ދުނިޔޭގެ އެއްވެސް ގައުމެއްގައި އެއާޕޯޓެއް ހެދި ބައެއް ނޫނެވެ. އޭޑީއެފްޑީން ޓަފް ކުންފުންޏަށް 52 މިލިއަން ޑޮލަރު ދިނުމަށް އެއްބަސްވެފައި އޮތަސް، އިތުރު 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ހޯދަން އެ ކުންފުނިން އެދުނެވެ.

އެކަމަކު، އެއާޕޯޓަށް ޖުމްލަ އެއް ބިލިއަން ރުފިޔާ ހަރަދުވާނެކަމީ އޭޑީއެފްޑީ އިން ގަބޫލު ކުރި ކަމެއް ނޫނެވެ. އެއާއެކު، އޭޑީއެފްޑީން ސިޓީ ހޮޓަލާއި ވީވީއައިޕީ ޓާމިނަލަށް ދާ ހަރަދު ކަނޑާލީ އެވެ. ނ. އަތޮޅުގެ ރައްޔިތުންނަށް ސިޓީ ހޮޓަލަކާއި ވީވިއައިޕީ ޓާމިނަލަށް ކުރި އުންމީދު ފެނަށް ދިޔައީ އެވެ.

މާފަރު އެއާޕޯޓާއި ސިޓީ ހޮޓާ ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އަބޫދާބީ ފަންޑުން ސޮއިކުރުމަށް ފަހު، ކުރީގެ ޓޫރިޒަމް މިނިސްޓަރު ޒަމީރާއި އެ ފަންޑުގެ އެހެން ބޭފުޅުން ފޮޓޯއަކަށް ހުއްޓިވަޑައިގެން.

މާފަރު އެއާޕޯޓާއި ސިޓީ ހޮޓާ ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އަބޫދާބީ ފަންޑުން ސޮއިކުރުމަށް ފަހު، ކުރީގެ ޓޫރިޒަމް މިނިސްޓަރު ޒަމީރާއި އެ ފަންޑުގެ އެހެން ބޭފުޅުން ފޮޓޯއަކަށް ހުއްޓިވަޑައިގެން.

މާފަރު އެއާޕޯޓަކީ އަބޫދާބީން ދިން ހިލޭ ހަދިޔާއެއް

މާފަރުގައި އެއާޕޯޓެއް އެޅުމަށް ފާއިތުވެދިޔަ ހަތަރު ސަރުކާރުން ވެސް ވައުދުވި އިރު، މިދިޔަ އަހަރުގެ ފަހުކޮޅާ ހަމައަށް އެ ކަން އޮތީ "ހުވަފެނެއްގެ" ގޮތުގަ އެވެ. ރައްޔިތުން ދުށް ހުވަފެނުގައި "ކުލަ" ޖެހުނީ ޝެވަލް ބްލޮންކް ރަންދެލި ރިސޯޓު، ޔޫއޭއީގެ ޝާހީ އާއިލާގެ ބޭފުޅަކު ބައްލަވައިގަތުމުންނެވެ. އެއާއެކު، މާފަރުގައި އެއާޕޯޓު އަޅަން ނިންމައި އެއީ އަބޫދާބީން ދިވެހިންނަށް ދިން ހިލޭ ހަދިޔާއެއްގެ ގޮތުގައި ގަބޫލުކުރި އެވެ.

މާފަރުގައި އެއާޕޯޓް ހަދަން ޓޫރިޒަމް މިނިސްޓްރީން އެންމެ ފުރަތަމަ ހަވާލު ކުރީ މަޝްހޫރު ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ މިލޭނިއަމް ކެޕިޓަލް ކިޔާ ކުންފުންޏާ އެވެ. ނަމަވެސް އެއްބަސްވުމާ ހިލާފުވި ކަމަށް ބަލައި އެ ކުންފުންޏާއެކު ވި އެއްބަސްވުން ސަރުކާރުން އުވައިލި އެވެ. ދެވަނަ ބަޔަކަށް އެ މަސައްކަތް، ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ހިއްސާވާ ސަން ސިޔާމް ރިސޯޓު ކުންފުންޏާ ހަވާލު ކުރި ނަމަވެސް، ދިވެހިންގެ އުންމީދު ހަގީގަތަކަށް ނުހެދުނެވެ.

ޓަފް އިން އެކި ފަހަރު މަތިން ނެގި ފައިސާގެ އަދަދުތައް

ޓަފް އިން އެކި ފަހަރު މަތިން ނެގި ފައިސާގެ އަދަދުތައް

ސިޔާމްގެ އަތުން މާފަރު އެއާޕޯޓު ހެދުމުގެ މަޝްރޫއު ނަގައި، ޓޫރިޒަމް މިނިސްޓްރީން އެ މަޝްރޫއު ބިޑަށް ހުޅުވައިލުމުން ބިޑް ކާމިޔާބު ކުރީ ޓަފުންނެވެ. ބައިނަލްއަގުވާމީ ފެންވަރުގެ އެއާޕޯޓު އެޅުމަށް ދިވެހި ސަރުކާރުން ސިންގަޕޫރުގެ ޓަފްއާ ހަވާލު ކުރީ ޑިސެމްބަރު 24، 2017 ގަ އެވެ. އެއީ ވީވީއައިޕީ ޓާމިނަލަކާއި ސިޓީ ހޮޓަލަކާއެކު 52 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެކެވެ. އެކަމަކު، ޓާމިނަލާއި ސިޓީ ހޮޓާ ފަހުން، އުނި ކުރުމުން މަޝްރޫއުގެ މިހާރު އަގަކީ 48 މިލިއަން ޑޮލަރެވެ. އަދި ޓަފް ކުންފުންޏަށް މިހާރު ބާކީ ނުލިބި އޮތީ އަށް މިލިއަން ޑޮލަރު (123 މިލިއަން ރުފިޔާ) އެވެ.

ޓަފުން ބިޑް ކާމިޔާބު ކުރީ ވެސް މަކަރު ހަދައިގެން!

ޓަފުން ހުށަހެޅި ބިޑްގައިވާ ގޮތުންނަމަ، އެ ކުންފުންޏަކީ އެއާޕޯޓު އެޅުމަށް ތަޖުރިބާ ލިބިފައި އޮތް ކުންފުންޏެކެވެ. ބިޑްގައިވާ ގޮތުން، އެ ކުންފުނިން ވަނީ ކާމިޔާބުކަމާއެކު ހަ މަޝްރޫއެއް ނިންމާލައިފަ އެވެ. އެކަމަކު، ބިޑްގައި ހިމެނި އެއާޕޯޓުތަކަކީ ޓަފްއާ އެއްވެސް ގުޅުމެއް ނެތް އެއާޕޯޓުތަކެކެވެ. ބިޑްގައި ޓަފުން ހިމެނި ބައެއް ކަންކަމަކީ ވުޖޫދުގައި ވެސް ނެތް ކަންކަން ކަމަށްވީއިރު، ސަރުކާރަށް މިކަން ފާހަގައެއް ނުކުރެވުނެވެ. ބިޑު ކާމިޔާބުކޮށްފައި ވަނީ މަކަރާއި ހީލަތް ހަދައި ދޮގު މައުލޫމާތުތަކެއް ހުށަހަޅައިގެން ބޮޑު އަގުގަ އެވެ. ތަޖުރިބާއެއް ނެތް ޓަފަށް ބޭކާރު ގޮތުގައި އެތައް ފައިސާއެއް ދިނީ އެވެ.

ބިޑް ޕްރޮޕޯސަލްގައި ޓަފް އިން ހިމެނި ހަ މަޝްރޫއު. މިއީ ޓަފްއާ އެއްވެސް ގުޅުމެއް ނެތް ޕްރޮޖެކްޓުތަކެއް.

ބިޑް ޕްރޮޕޯސަލްގައި ޓަފް އިން ހިމެނި ހަ މަޝްރޫއު. މިއީ ޓަފްއާ އެއްވެސް ގުޅުމެއް ނެތް ޕްރޮޖެކްޓުތަކެއް.

ބިޑް ޕްރޮޕޯސަލްގައި ޓަފުން ހިމެނި ކަންކަން:

- އެފްޕީއޯއެސްއޯ އާވަންޓް ނަމުގައި 32 މިލިއަން ޑޮލަރުގެ މަޝްރޫއެއް.

- އިންޑިއާގެ ކުޝިނިގަރުގައި އެއާޕޯޓެއް އަޅަން 54 މިލިއަން ޑޮލަރު.

- އިންޑިއާގެ ޗުޓިސްގަރުގެ އޭވިއޭޝަން ދާއިރާ ކުރިއަރުވަން 85 މިލިއަން ޑޮލަރު.

- އެފްޕީއޯއެސްއޯ އާވަންޓް ނަމުގައި 92 މިލިއަން ޑޮލަރުގެ މަޝްރޫއެއް.

- އިންޑިއާގެ ނަގްޕޫރްގައި ހުރި އެއާޕޯޓު ތަރައްގީއަށް ނުވަ މިލިއަން ޑޮލަރު.

- އެފްޕީއޯއެސްއޯ އާވަންޓް ނަމުގައި 19 މިލިއަން ޑޮލަރުގެ މަޝްރޫއެއް.

ސަރުކާރާއި ޓަފް ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން މަޝްރޫއުގެ އެއްވެސް މަސައްކަތެއް ސަބް ކޮންޓްރެކްޓަރުންނާ ހަވާލު ކުރާނަމަ، ސަރުކާރުގެ ހުއްދަ ހޯދަން ޖެހެ އެވެ.

ނަމަވެސް، މިހާތަނަށް އައިއިރު ވެސް ޕްރޮޖެކްޓުގެ ހުރިހާ މަސައްކަތެއް ކުރީ ކޮންޓްރެކްޓާ ހިލާފަށް ސަބް ކޮންޓްރެކްޓަރުން ބޭނުންކޮށްގެންނެވެ. ސަބް ކޮންޓްރެކްޓަރުން ބޭނުންކޮށްގެން މަސައްކަތް ކުރުވާފައި، އެމީހުންނަށް ހައްގުވާ ބައެއް ފައިސާ ނުލިބިގެން އެމީހުން ވެސް ޝަކުވާ ކުރަނީ އެވެ. ބައެއް ސަބް ކޮންޓްރެކްޓަރުން ވަނީ މަސައްކަތް ހުއްޓާލައި، މާފަރުން ފައިބައިފަ އެވެ. ސަބް ކޮންޓްރެކްޓަރުން ލައްވައި، މަސައްކަތް ކުރުވާފައި އެތައް މިލިއަން ރުފިޔާއެއް ޓަފުން ނުދީ އަދިވެސް އޮތީ ހިފަހައްޓައިފަ އެވެ.

މާފަރު އެއާޕޯޓުގެ ރަންވޭ މަސައްކަތް ކުރި ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ޖީކޭޑީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ރަންވޭގެ މަސައްކަތްކޮށްގެން ޓަފުން ދޭން ޖެހޭ 1.4 މިލިއަން ޑޮލަރު (15 މިލިއަނަށްވުރެ ގިނަ ރުފިޔާ) އަދިވެސް ނުލިބެ އެވެ. ރަންވޭގެ 80-90 ޕަސަންޓު މަސައްކަތް ނިމިފައިވިޔަސް، ޖީކޭޑީ އަށް ދޭން ޖެހޭ ފައިސާ ނުދީ ޓަފުން ލަސްކުރަމުންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"އެކަމަކު، އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އޮތް ގޮތުން އޭޑީއެފްޑީން ވަނީ އެ ފައިސާ ޓަފް ކުންފުންޏަށް ދީފައި. ޓަފުން ބުނަނީ ފައިސާއެއް ނުލިބެއޭ،" އޮފިޝަލް ވިދާޅުވި އެވެ.

ޖީކޭޑީގެ އޮފިޝަލް ވިދާޅުވީ ތިން މަސް ތެރޭގައި ރަންވޭގެ މަސައްކަތް ނިންމާލި އިރު، ބޭނުންކޮށްފައިވަނީ އެއް މިލިއަން ޑޮލަރުގެ މެޝިނަރީޒް އެވެ. އަދި އެ މަސައްކަތުގައި ޖީކޭޑީގެ 100 އެއްހާ މުވައްޒަފުން ބޭނުން ކުރިއިރު، އެ މީހުންނަށް މުސާރަ ދިނުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ޓަފް ކުންފުނިން ވަނީ ޖީކޭޑީ އަށް ލިބެން ޖެހޭ ފަސް މިލިއަން ޑޮލަރު މިހާތަނަށް ދީފަ އެވެ.

ޖީކޭޑީން ވަނީ ރާއްޖޭގައި ބައެއް މަޝްރޫއުތައް ކުރިން ހިންގައިފަ އެވެ. އޭގެތެރޭގައި ތިލަފުށީގެ މަގު ހެދުމާއި ހދ. ކުޅުދުއްފުށީގައި ރަންވޭ އެޅުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

ޓަފްއާއެކު ހެދި ކޮންޓްރެކްޓުގައި ސަބް ކޮންޓްރެކްޓަރުންނާ ހަވާލު ނުކުރެވޭނެ ކަމަށް ބުނާ ބައި.

ޓަފްއާއެކު ހެދި ކޮންޓްރެކްޓުގައި ސަބް ކޮންޓްރެކްޓަރުންނާ ހަވާލު ނުކުރެވޭނެ ކަމަށް ބުނާ ބައި.

ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ބިޑް ޕްރޮޕޯސަލް ހުށަހެޅުމުގެ މަރުހަލާގައި މަކަރު ހެދުމަށް ފަހު، ޓަފުން އިތުރު 18 މިލިއަން ޑޮލަރު ހޯދަން އޭޑީއެފްޑީ އަށް ހުށަހެޅި އެވެ. އެއާއެކު، ޓަފުން ހޯދަން އުޅުނު އަދަދު 70 މިލިއަން ޑޮލަރަށްވުރެ މަތިވި ނަމަވެސް، އޭޑީއެފްޑީން ޓަފުން ބުނި އަދަދު ދޭން ދެކޮޅު ހެދީ އެވެ.

ދާއިރާގެ ބައެއް ތަޖުރިބާކާރުން ބުނި ގޮތުގައި، ސިޓީ ހޮޓަލަކާއި ވީވީއައިޕީ ޓާމިނަލަކާ ނުލައި، އިންޓަނޭޝަނަލް އެއާޕޯޓަކަށް 48 މިލިއަން ޑޮލަރު މާ ބޮޑެވެ. އެކަމަކު، ސިޓީ ހޮޓަލަކާއި ވީވީއައިޕީ ޓާމިނަލަކާއެކު އެއާޕޯޓެއް އަޅާނަމަ، އެއީ ހަމަ އެންމެ ރަނގަޅު އަދަދުގެ ގޮތުގައި އެ މީހުން ގަބޫލު ކުރެ އެވެ.

"އިންޓަނޭޝަނަލް އެއާޕޯޓެއް، އެއީ 2.2 ކިލޯމީޓަރުގެ ރަންވޭއަކާއި ދެން ކޮންމެހެން އެއާޕޯޓުގައި ގާއިމު ކުރަން ޖެހޭ ވަސީލަތްތަކާއެކު، އަރާނެ ކަމަށް ބެލެވެނީ ގާތްގަނޑަކަށް 30-35 މިލިއަން ޑޮލަރު. ސިޓީ ހޮޓަލެއް ހިމަނައިގެން އެކަނި ވެސް ޕްރޮޖެކްޓަށް އަރައިފާނެ 48 މިލިއަން ޑޮލަރު،" ޔާމީންގެ ސަރުކާރުގައި އެމްއޭސީއެލްގެ އިސް މަގާމެއް ފުރުއްވި ބޭފުޅަކު ނަން ނުޖަހާ ގޮތަށް ވިދާޅުވި އެވެ.

"މިހާރު" އަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، މާފަރު އެއާޕޯޓު އެޅުމަށް ޓަފުން ހޯދަން އުޅުނު ބޮޑެތި އަދަދުތަކުގެ ތެރޭގައި ރަންވޭ އެޅުމަށާއި ލައިޓް ޖެހުމާއި ސޭފްޓީ ސިސްޓަމް ބެހެއްޓުމަށް ހަތް މިލިއަން ޑޮލަރު (107 މިލިއަން ރުފިޔާ)، ބިންގަނޑު ލެވަލްކޮށް، ވަރުގަދަ ކުރުމުގެ މަސައްކަތަށް 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ)، ބިން ހިއްކުމަށް ހަތަރު މިލިއަން ޑޮލަރު (61 މިލިއަން ރުފިޔާ)، ވީވީއައިޕީ ޓާމިނަލާއި ޕަސެންޖާ ޖެޓީގެ މަސައްކަތަށް ފަސް ލައްކަ ޑޮލަރު (އަށް މިލިއަން ރުފިޔާ)، އެއާޕޯޓު ޓްރާންސިޓް ހޮޓަލް އެޅުމަށް ތިން މިލިއަން ޑޮލަރު (46 މިލިއަން ރުފިޔާ) ހިމެނެ އެވެ.

މީގެއިތުރުން، އާރުއޯ ޕްލާންޓާއި ފެން ޕަމްޕާއި ޓޭންކް އިމާރާތް އެޅުމަށާއި އެއާޕޯޓު މަޝްރޫއު ސުޕަވައިޒު ކުރުމާއި އެ މަސައްކަތަށް މީހުން ގެނައުމަށާއި މާފަރުގައި ހުރި ގަސްތައް ނެގުމަށް ކަމަށް ބުނެ، ޓަފް ކުންފުނިން ފައިސާގެ ބޮޑެތި އަދަދުތަކެއް ޖެހި އެވެ.

އެގޮތުން، އެއާޕޯޓުގައި މިހާތަނަށް ހިންގި ހުރިހާ ކަމެއް ސަބް ކޮންޓްރެކްޓަރުން ބޭނުންކޮށްގެން ކުރިއިރު، ޓަފް ކުންފުނީގެ ނަމުގައި ވޯކް ޕާމިޓްގެ ދަށުން މަސައްކަތް ކުރަން ގެނައީ އެންމެ މީހެކެވެ. އެނގިފައިވާ ގޮތުގައި، ޓަފް ކުންފުނީގެ ނަމުގައި އައި 20 މީހުންގެ ތެރެއިން ގިނަ ބަޔަކު ރާއްޖެ އައީ ޓޫރިސްޓު ވިސާގަ އެވެ. އެކަމަކު، ސަބް ކޮންޓްރެކްޓަރުންގެ ފަރާތުން 400 އަށް ވުރެ ގިނަ މީހުން މަސައްކަތް ކުރި އެވެ.

އާޚިރުގެ ނަތީޖާއަކީ މާފަރު އެއާޕޯޓު މަޝްރޫއުގައި ހިމެނި ސިޓީ ހޮޓަލާއި ވީވީއައިޕީ ޓާމިނަލް އުނި ކުރަން އަބޫދާބީން ޓަފް ކުންފުންޏަށް އެންގުމެވެ. އެއާއެކު، މާފަރާއި ސަރަހައްދުގެ ރައްޔިތުންނަށް ލިބެން އޮތް ފައިދާ އިން މަހްރޫމްވެގެން ދިއުމެވެ. މާފަރުގައި މިހާރު ކުރިއަށް ދަނީ ރަންވޭގެ ދެ ފަރާތުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމާއި ސްޓޭންޑަޑް ޓާމިނަލާއި ޓަވަރު ފަދަ ތަންތަން ހެދުމުގެ މަސައްކަތެވެ.

މާފަރުގައި ހަދާފައިވާ އިންޓަނޭޝަނަލް އެއާޕޯޓާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަނީ ވެސް ޓަފުން އެތައް މިލިއަން ރުފިޔާ ނެގުމާއި ސަބް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ކުރި މަސައްކަތަށް ފައިސާ ނުދީ އޮތުމުންނެވެ.

މާފަރުގައި އެޅި 2.2 ކިލޯ މީޓަރުގެ ދިގު ރަންވޭ.

މާފަރުގައި އެޅި 2.2 ކިލޯ މީޓަރުގެ ދިގު ރަންވޭ.

މިދިޔަ އޮކްޓޯބަރު 30 ގައި އޭސީސީގެ މެމްބަރު ސަފްވަތު މުހައްމަދު ސޮއި ކުރައްވައި ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު ސާމީ އަގީލަށް ފޮނުއްވި ސިޓީއެއްގައި ވަނީ މާފަރު އެއާޕޯޓުގެ މަސައްކަތް ޓަފް އާ ހަވާލު ކުރުމުގައި އާއި ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ބުނާ މައްސަލައެއް ކޮމިޝަނަށް ހުށަހެޅިފައިވާތީ އެކަން ބަލަމުންދާ ކަމަށެވެ.

އެހެންވެ، އޭސީސީން މިކަން ބެލުމަށް ފަހު، ވަކި އެއްޗެއް އަންގަންދެން މާފަރުގެ އެއާޕޯޓުގެ މަސައްކަތް ހަވާލުކޮށްފައިވާ ޓަފްއަށް އިތުރަށް ފައިސާ ދިނުމަށް މަޑުޖައްސާލަން ކޮމިޝަނުން އެދުނެވެ.

އެކަމަކު، ޓަފް ކުންފުންޏަށް އެއްވެސް ފައިސާއެއް ދޫނުކުރުމަށް އޭސީސީން އަންގާފައި ވަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެސް ވަނީ ޓަފަށް މިލިއަން ޑޮލަރުގެ ފައިސާ ދީފަ އެވެ.

ނ. އަތޮޅުގެ ރައްޔިތުން އެއާޕޯޓެއްގެ އިންތިޒާރުގައި ތިބޭތާ 10 އަހަރަށްވުރެ ގިނަ ދުވަސްވީ އިރު، އެ ދިގު އިންތިޒާރަށް ނިމުމެއް އަންނަންވީ މިހެންތޯ އެ އަތޮޅުގެ ރައްޔިތުން ދަނީ ސުވާލު ކުރަމުންނެވެ. ރަނގަޅު ފެންވަރެއްގައި އެއާޕޯޓް އަޅާނެ ކަމުގެ އުންމީދުގައި ތިއްބާ މިކަން ވާނީ މިހެންތޯ މިއީ ވެސް އުފެދޭ ސުވާލެކެވެ.