Roadha Mihaaru
ސްކޫލްތަކުގެ ވެރިންނަށް އިތުރު ބާރުތައް ދެނީ

ސްކޫލްތަކުގެ ވެރިންނަށް އިތުރު ބާރުތައް ދޭނަން: މިނިސްޓަރު

29 ނޮވެމްބަރ 2018

ސްކޫލްތަކުގެ ވެރިންނަށް އިތުރު ބާރުތައް ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނިންމަވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިރޭ ވިދާޅުވި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސްކޫލްތަކުގެ ވެރިންނަށް އިތުރު ބާރުތައް ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނިންމަވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިރޭ ވިދާޅުވި އެވެ.

ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ސްކޫލްތަކުގެ ވެރިން ބާރުވެރި ކުރުވުން ކަމަށެވެ. އެކަން ކުރައްވާނީ މިނިސްޓްރީގެ ބައެއް ބާރުތައް ވެރިންނަށް ދީގެން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ބާރުތަކެއް ކަމެއް ވިދާޅެއް ނުވެ އެވެ.

"މިހާރު މިނިސްޓްރީގައި ހުރި ގިނަ ބާރުތައް ސްކޫލްތަކާ ހަމައަށް އަޅުގަނޑުމެން ދޫކޮށްލަން ބޭނުން ވަނީ. އެގޮތުން ސްކޫލް ބޭސް މެނޭޖްމަންޓް ސިސްޓަމަކަށް އަޅުގަނޑުމެންގެ މެނިފެސްޓޯގައި ވެސް މި އޮންނަނީ،" ތައުލީމާ ގުޅޭ ދާއިރާ އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕީއެޗްޑީ ހާސިލް ކުރެއްވި ދެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އައިޝާ ވިދާޅުވި އެވެ.

މިިނިސްޓަރު ވިދާޅުވިގޮތުގައި، މި ސަރުކާރުގެ މެނިފެސްޓޯގައި ވާ ގޮތަށް މުދައްރިސުން ބާރުވެރި ކުރުމާއި އެ މީހުންގެ މުސާރަ ބޮޑު ކުރަން ވެސް ވަނީ ނިންމައިފަ އެވެ. އެކަމަކު، އެކަން ކުރާނެ ގޮތުގެ ތަފްސީލެއް އަދި ނުދެއްވަ އެވެ.

ގައުމީ ޔުނިވަސިޓީގައި މީގެ ކުރިން ޓީޗަރުން ތަމްރީން ކުރައްވަން އުޅުއްވި އައިޝާ ވިދާޅުވީ، ޓީޗަރުންނަށް ދެމުން އަންނަ ތައުލީމަކީ ވެސް ފެންވަރު ރަނގަޅު ތައުލީމަކަށް ހައްދަވާނެ ކަމަށެވެ. އެކަން ކުރައްވާނީ ޓީޗަރުން ތައުލީމް ހާސިލް ކުރުމަށް ހޭދަކުރާ ވަގުތު އިތުރު ކޮށްގެން ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ތައުލީމުގެ ފެންވަރު ވަރަށް ބޮޑުތަން ރަނގަޅުކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިހާރު ތަންފީޒު ކުރަމުން އަންނަ މުގައްރަރުގައި ހުރި މައްސަލަތައް ދެނެގަތުމަށް މަހާސިންތާއެއް ބާއްވައި މައްސަލަތަކަށް ހައްލު ގެނައުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ތައުލީމީ ދާއިރާގައި ހުރި މައްސަލަތައް ދެނެގަތުމަށް ހާއްސަ އޮޑިޓެއް ހެއްދެވުމަށް ނިންމާފައިވާ ކަމަށް އާއިޝާ ވިދާޅުވި އެވެ. އޭގެ ތެރެއިން، އެއް ދަންފަޅިއަށް ސްކޫލުތަކުގެ ކިޔެވުން ބަދަލު ކުރުމަށް ހުރި ދަތިތައް ދެނެގަނެ އެކަން ހައްލު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ސްކޫލް ކުދިންނަށް ހެނދުނުގެ ނާސްތާ ދިނުމަކީ ސަރުކާރުގެ ވައުދަކަށް ވާއިރު މިނިސްޓަރު ވިދާޅުވީ އެކަން ކުރައްވާނެ ގޮތެއް ރާއްވަވަމުން އަންނަ ކަމަށެވެ. ހެނދުނުގެ ނާސްތާއަށް ކަނޑައަޅާނެ މެނޫ އާއި އެކަން ކުރާނެ ގޮތް ރާއްވަވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.