Roadha Mihaaru
ފުރުސަތު ނުދޭތީ އިސްކޯ ހިތްހަމަނުޖެހިފައި

ފުރުސަތު ނުދޭތީ އިސްކޯ ހިތްހަމަނުޖެހިފައި

29 ނޮވެމްބަރ 2018

މެޑްރިޑް (ނޮވެމްބަރު 29) - ރެއާލް މެޑްރިޑްގެ ކޯޗުކަމާ ސަންޓިއާގޯ ސޮލާރީ ހަވާލުވި ފަހުން ސްޕެއިނުގެ މިޑްފީލްޑަރު އިސްކޯ އަލާކޯނަށް ކުޅުމުގެ ފުރުސަތު ނުލިބޭތީ ޖެނުއަރީ މަހު ޓްރާންސްފާ މާކެޓްގައި އޭނާ އެ ޓީމު ދޫކޮށްލަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (ނޮވެމްބަރު 29) - ރެއާލް މެޑްރިޑްގެ ކޯޗުކަމާ ސަންޓިއާގޯ ސޮލާރީ ހަވާލުވި ފަހުން ސްޕެއިނުގެ މިޑްފީލްޑަރު އިސްކޯ އަލާކޯނަށް ކުޅުމުގެ ފުރުސަތު ނުލިބޭތީ ޖެނުއަރީ މަހު ޓްރާންސްފާ މާކެޓްގައި އޭނާ އެ ޓީމު ދޫކޮށްލަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސޮލާރީގެ ކުރިން ރެއާލުގެ ކޯޗަކަށް ހުރި ދެ ކޯޗުން ކަމަށްވާ ޒައިނުއްދީން ޒިދާން އާއި ހުލެން ލޮޕެޓެގީ ވަނީ އެންމެ ފަހު މެޗުތަކުގައި އިސްކޯ އަށް ޓީމުގެ މެދުތެރެެއިން މުހިއްމު ރޯލެއް ދީފަ އެވެ. އެކަމަކު ލޮޕެޓެގީ ވަކިކޮށް ސޮލާރީ ހަވާލުވި ފަހުން އިސްކޯ ގިނަ މެޗުތަކުގައި ހުންނަނީ ބާކީވެފަ އެވެ.

ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހު ރަށުން ބޭރުގައި އިޓަލީގެ ރޯމާ އަތުން ރެއާލް މޮޅުވި މެޗުގައި އިސްކޯ އަށް ޓީމުން ފުރުސަތު ނުދެ އެވެ. އެ މެޗަށް ފަހު ސޮލާރީ ބުނީ އިސްކޯ ނުނަގަން ނިންމީ ފުޓްބޯޅައިގެ ސަބަބުތަކަށްޓަކައި ކަމަށެވެ.

"އިސްކޯ އަށް ފުރުސަތު ނުދިނީ ވަކި ހާއްސަ ސަބަބުތަކެއް އޮވެގެނެއް ނޫން. ފުޓްބޯޅައިގައި ވަކި ހާލަތްތަކުގައި ވަކި ނިންމުންތައް ނިންމަންޖެހޭނެ. އެއީ ޓީމަށް ފައިދާއަށް. އެ ނިންމުން ނިންމަން ޖެހޭ މީހަކީ ކޯޗު. އެހެންވެ އަހަރެން އެ ޒިންމާ މި ނަގަނީ،" ސޮލާރީ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން އިސްކޯގެ މަސައްކަތުގެ ރޭޓާ މެދު ސޮލާރީ ހިތްހަމަ ނުޖެހެ އެވެ. އަދި ޓީމުގެ ފަރިތަކުރުންތަކުގައި އިސްކޯގެ ފަރާތުން ސޮލާރީ ބޭނުންވާ ވަރުގެ ކުޅުމެއް ނުފެންނަ ކަމަށް ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކުރެ އެވެ.

"ފުރަތަަމަ އެގާރައިގައި ހިމެނޭ ކުޅުންތެރިންނާއި ބަދަލަކަށް ނުކުންނަ ކުޅުންތެރިން. މި ދެ ބައި ވެސް އޮންނަން ޖެހޭނީ 100 ޕަސެންޓްގައި. އަހަރެންގެ ޓީމަކުން ފުރުސަތު އޮތީ މި ހަމަތަކުގެ މަތިން،" ސްޕެއިނުގެ މީޑިއާގައި އިސްކޯއާ ބެހޭގޮތުން ފެތުރިފައިވާ ވާހަކަތަކާ ބެހޭގޮތުން ސޮލާރީ ބުންޏެވެ.

އުމުރުން 26 އަހަރުގެ އިސްކޯ ހޯދަން ބާސެލޯނާ އާއި ބަޔާން މިއުނިކުން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެކަމަކު އިސްކޯގެ ގާތް ފަރާތްތަކާ ހަވާލާދީ ސްޕެއިނުގެ އެލްމުންޑޯ ޑިޕޯޓިވޯ އިން ރިޕޯޓްކުރާގޮތުގައި އިސްކޯގެ ވިސްނުން ހުރީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ އެކު މަސައްކަތް ކުރުމަށެވެ.