Roadha Mihaaru
ސައުދަށް ކުރި ޓެރަރިޒަމްގެ ދައުވާ ބޭރުކޮށްލައިފި

ސައުދަށް ކުރި ޓެރަރިޒަމްގެ ދައުވާ ކޯޓުން ބޭރުކޮށްލައިފި

25 ނޮވެމްބަރ 2018

ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި އެޑިއުކޭޝަންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ހަނީފަށް ކުރި ޓެރަރިޒަމްގެ ދައުވާ ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި އެޑިއުކޭޝަންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ހަނީފަށް ކުރި ޓެރަރިޒަމްގެ ދައުވާ ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނު އަވަހާރަކޮށްލަން ރޭވިކަމުގެ ތުހުމަތުގައި ސައުދާއި ހަނީފްގެ މައްޗަށް ދައުލަތުން ކުރީ ޓެރަރިޒަމްގެ އަމަލެއް ހިންގަން ރޭވުމުގެ ދައުވާ އެވެ. ކޯޓުން އެ ދައުވާ ބޭރުކޮށްލީ އެ މައްސަލަ އަކީ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ދައުވާއެއް ކަމަށް ބުނެފަ އެވެ.

ސައުދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރި ސަރުކާރުން އޭނާގެ މައްޗަށް އުފައްދާފައި ވަނީ އަސްލެއް ނެތް ޓެރަރިޒަމްގެ ސިޔާސީ ދައުވާ އެއް ކަމަށެވެ. ސައުދުގެ ވަކީލުން ކުރިން ވިދާޅުވި ގޮތުގައި ދެ ބޭފުޅުންގެ މައްޗަށް ދައުވާ ކުރީ އެއްވެސް ހެއްކަކަށް ބިނާ ނުކޮށެވެ. ހަމައެކަނި، ދައުވާ ކުރީ ދެ މީހަކު ދެއްކި ވާހަކައަށް ބިނާކޮށް ކަމަށް ވަކީލުން ވިދާޅުވި އެވެ.

ސައުދު މިއަދު ކުރެއްވި ޓުވީޓު.

އެހެންވެ، އިބްތިދާއީ އަޑުއެހުމުގައި ވަކީލުން ވަނީ އެ ދައުވާއަކީ ޓެރަރިޒަމްގެ ގާނޫނުގައި ބުނާ މިންގަނޑަށް ފެތޭ ދައުވާއެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށް އެދިވަޑައިގެންފަ އެވެ. ސައުދާއި ހަނީފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ސައުދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ބޭރުކުރިއިރު، ސައުދުގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމިތާ އަހަރަކަށްވުރެ ގިނަ ދުވަސްވީ ފަހުން ސްޕްރީމް ކޯޓުން ވަނީ އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފަ އެވެ.

އެ މައްސަލައިގެ އިތުރުން އެހެން ދެ ދައުވާއެއް ވެސް ސައުދުގެ މައްޗަށް ކުރި އެވެ. އެއީ މިދިޔަ އަހަރުގެ މެއި 24 ވަނަ ދުވަހު ގަދަކަމުން މަޖިލީހުގެ އިދާރާ އަށް ވަން މައްސަލާގައި ކުރާ ދައުވާއަކާއި ސައުދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ނިންމާފައި ވަނިކޮށް އެ ދުވަހު ސައުދު މަޖިލީހަށް ވަން މައްސަލާގައި ކުރާ ދައުވާ އެކެވެ. އެކަމަކު، ޕީޖީން ވަނީ އެ މައްސަލަތައް އަނބުރާ ގެންގޮސްފަ އެވެ.