Roadha Mihaaru

ސައުދުގެ ބަންދަށް ވެސް 15 ދުވަސް ޖަހައިފި

ފުލުުހުން ހައްޔަރު ކޮށްފައިވާ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން މިރޭ 15 ދުވަސް ޖަހައިފި އެވެ.

ސައުދުގެ ބަންދަށް ވެސް 15 ދުވަސް ޖަހައިފި
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

28 ޖުލައި 2017

ފުލުުހުން ހައްޔަރު ކޮށްފައިވާ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން މިރޭ 15 ދުވަސް ޖަހައިފި އެވެ.

މިއަދު މެންދުރު ސައުދު ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ އިދިކޮޅު މެމްބަރުން މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ވަދެވަޑައިގެންނެވިއިރު، މެމްބަރުންގެ ގޮތުގައި ނުހިމެނޭ ބޭފުޅުންތަކެއް އޭގެ ތެރޭގައި ހިމެނޭ ކަމަށް ބުނާ މައްސަލައިގަ އެވެ. ސައުދަކީ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ހަ ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.

ސައުދު ހައްޔަރުކުރީ އޭނާ ހޯދަން ފުލުހުން ރޭ ދަންވަރު އިއުލާން ކޮށްފައި ވަނިކޮށް، މިއަދު ފުލުސް އޮފީހަށް އަމިއްލަ ވަޑައިގަތުމުންނެވެ.

ސައުދުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވެސް އެ މައްސަލާގައި ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ވަނީ އިތުރުކޮށްފަ އެވެ. މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އެ ދެ ބޭފުޅުންގެ ތެރެއިން އަމީތު ރޭ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހީ މިރޭގަ އެވެ.

ވަހީދާއި އަމީތާއި ސައުދުގެ މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލަ ބާތިލް ކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ އެ މައްސަލަ މިދިޔަ ހޯމަ ދުވަހު ބަލައިގެންފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުންގެ ތެރެއިން ހަތަރު ބޭފުޅަކު މިހާރު ވަނީ ތަހުގީގަށް ބަންދުކޮށްފަ އެވެ. އެއީ ވަހީދާއި އަމީތާއި ސައުދުގެ އިތުރުން ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނެވެ.

މީގެ ތެރެއިން ފާރިސް ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދިއިރު، އެކަމަށް ބޭނުންވާ ސޮއި ހަމަކުރުމަށްޓަކައި ބައެއް ބޭފުޅުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. ފާރިސް އެ މައްސަލާގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެކަމަކު އެ މައްސަލައިގެ ތަހުގީގު ނިމި އަދި ޝަރީއަތް ފަށާނެ ދުވަހެއް ވެސް ނޭނގެ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި އިދިކޮޅު ފަރާތްތަކަށް އެކިއެކި ތުހުމަތުކޮށް ފުލުސް އޮފީހަށް ހާޒިރުކުރުން މިހާރު ވަނީ އާންމު ކަމަކަށް ވެފަ އެވެ. މީގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުން ޚާއްސަކޮށް ފާހަގަކުރެވެ އެވެ.