Roadha Mihaaru
ހަަރަދު ނުކޮށް އާސެނަލަށް ދެން ކުރިމަގެއް ނެތް: އޮންރީ

ހަަރަދު ނުކޮށް އާސެނަލަށް ދެން ކުރިމަގެއް ނެތް: އޮންރީ

16 އޯގަސްޓް 2016

ލަންޑަން (އޮގަސްޓް 16) - އާސެނަލަށް ދެން އިނގިރޭސި ލީގުގައި ރަނގަޅު ކާމިޔާބެއް ހޯދޭނީ ހަރަދުކޮށްގެން ކަމަށް އެ ޓީމަށް ކުރިން ކުޅުނު ފްރާންސްގެ ފޯވާޑް ތިއަރީ އޮންރީ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (އޮގަސްޓް 16) - އާސެނަލަށް ދެން އިނގިރޭސި ލީގުގައި ރަނގަޅު ކާމިޔާބެއް ހޯދޭނީ ހަރަދުކޮށްގެން ކަމަށް އެ ޓީމަށް ކުރިން ކުޅުނު ފްރާންސްގެ ފޯވާޑް ތިއަރީ އޮންރީ ބުނެފި އެވެ.

ސީޒަނުގެ ފުރަތަމަ މެޗުގައި ލިވަޕޫލް އަތުން އާސެނަލް 4-3 އިން ބަލިވި މެޗަށް ފަހު ވާހަކަ ދައްކަމުން އޮންރީ ބުނީ ޕްރިމިއާ ލީގުގެ ވާދަވެރިކަން މިހާރު ވަރަށް ބޮޑުވެފައިވާއިރު ކާމިޔާބު ލިބޭނީ ބޮޑު ހަރަދުކޮށްގެން ކަމަށެވެ.

"ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން ކާމިޔާބު ހޯދުން އެއީ ފުޓްބޯޅަ އަށް ރަނގަޅު ކަމެއް. އެކަމަކު އެއީ މިހާރު މާޒީ. ބޮޑު ހަރަދުނުކޮށް މިހާރު ކުރިއަކަށް ނުދެވޭނެ. ކޮންމެ ޓީމެއް ވެސް މި އަންނަނީ މިގޮތަށް ވަރުގަދަކޮށް ކާމިޔާބު ހޯދަމުން،" ސްކައި ސްޕޯޓްސްގެ ފުޓްބޯޅަ އެކްސްޕާޓް އެނަލިސްޓެއްގެ މަގާމު ފުރަމުން އަންނަ އޮންރީ ބުންޏެވެ.

މިދިޔަ ސީޒަނުގައި ލެސްޓާ ސިޓީ ލީގު ހޯދުމުން އެއީ އެހެން ޓީމުތަކުން މާ ބޮޑު ސަމާލުކަމެއް ދޭންވީ ކަމެއް ނޫން ކަމަށް އޮންރީ ބުންޏެވެ.

"ބޮޑު ހަރަދެއް ނުކޮށް ލެސްޓާ ލީގު ހޯދުމަކީ މިސާލަކަށް ބަލަންވީ ސަބަބެއް ނޫން. އެއީ ކޮންމެ 20 ނޫނީ 30 ވަރަކަށް އަހަރުން އެއް ފަހަރު ވާ ކަމެއް. މިސާލަކަށް 1995 ގައި ބްލެކްބާން ރޯވާސް ވެސް ލީގު ހޯދި. ފަހުން އެކަމެއް ތަކުރާރެއް ނުވި. ބޮޑެތި ކްލަބްތައް މަގާމު ދަމަހައްޓަން މަސައްކަތް ކުރަން ޖެހޭނެ. ފުޓްބޯޅައިގައި މިހާރު ކާމިޔާބު ލިބެނީ ހަރަދުކުރާ ޓީމަކަށް،" އޮންރީ ބުންޏެވެ.

އޮންރީ އަކީ އެންމެ ފަހުން 2004 ވަނަ އަހަރު ލީގު ހޯދި އާސެނަލް ޓީމުގެ ކުޅުންތެރިއެކެވެ. އޭގެ ފަހުން އާސެނަލަށް ހޯދުނު ކާމިޔާބަކީ ދެ ފަހަރު އެފްއޭ ކަޕާއި ޗެރިޓީ ޝީލްޑެވެ. އޮންރީ ބުނީ މި ސީޒަނަށް ތައްޔާރުވާން އާސެނަލުން އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރާ ކަމަށެވެ.

"އާސެނަލަށް ވެސް ބޭނުންވަނީ ތަރިން. ސްވިޒަލެންޑުގެ ގްރޭނިޓް ޝާކާ އަކީ ރަނގަޅު ކުޅުންތެރިއެއް. އެކަމަކު އޭނާ ގަތުމަށް ފަހު ދެން އެ ފެންވަރުގެ އިތުރު ކުޅުންތެރިއަކު އާސެނަލަށް ނުގެނެވޭ. އޭގެ ނަތީޖާ މި ފެނުނީ ސީޒަނުގެ ފުރަތަމަ މެޗުން. ކުޅުންތެރިން އަނިޔާގައި ތިބޭއިރު ބަދަލުގައި ކުޅޭނެ މޮޅު ކުޅުންތެރިން ނެތުން،" އޮންރީ ބުންޏެވެ.

އޮންރީ ބުނީ މި ސީޒަނުގައި އާސެނަލަށް ލީގުގެ ގަދަ ހަތަރެއްގައި އޮވެވޭނީ ފެންވަރު ރަނގަޅު ޑިފެންޑަރަކާއި ފޯވާޑެއް ގަނެގެން ކަމަށެވެ.