Roadha Mihaaru
އޮންރީ ހަވާލުވާނީ ފްރާންސް ކްލަބަކާ: ވެންގާ

އޮންރީ ހަވާލުވާނީ ފްރާންސް ކްލަބަކާ: ވެންގާ

21 އޯގަސްޓް 2018

ޕެރިސް (އޮގަސްޓް 21) - ފްރާންސާއި އާސެނަލްގެ ކުރީގެ ފޯވާޑް ތިއަރީ އޮންރީ ދެން ހަވާލުވާނީ ފްރާންސްގެ ކްލަބަކާ ކަމަށް އޭނާ އަށް އާސެނަލްގައި އިރުޝާދުދިން ފްރާންސް ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (އޮގަސްޓް 21) - ފްރާންސާއި އާސެނަލްގެ ކުރީގެ ފޯވާޑް ތިއަރީ އޮންރީ ދެން ހަވާލުވާނީ ފްރާންސްގެ ކްލަބަކާ ކަމަށް އޭނާ އަށް އާސެނަލްގައި އިރުޝާދުދިން ފްރާންސް ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ބެލްޖިއަމް އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އޮންރީ ވަނީ ވަރަށް އަވަހަށް ޓީމެއްގެ ހެޑް ކޯޗެއްގެ މަގާމުން ފެންނާނެ ކަމަށް ބުނެފަ އެވެ. އިނގިރޭސި ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ އެސްޓަން ވިލާއާ އޮންރީ ހަވާލުވާނެ ކަމަށް މީޑިއާގައި އަޑުފެތުރުނެވެ. އެކަމަކު އޮންރީ ވަނީ އެކަން ދޮގުކޮށްފަ އެވެ.

ވެންގާ ބުނީ އޮންރީ އަށް ހެޑް ކޯޗެއްގެ ޒިންމާ ވަރަށް ރަނގަޅަށް އަދާކުރެވޭނެ ކަމަށެވެ.

"އެސިސްޓަންޓް ކޯޗަކަށް ހުރެ އޮންރީ އަށް ރަނގަޅު ތަޖުރިބާތަކެއް ލިބިއްޖެ. އަހަރެންގެ ނަޒަރުގައި އޭނާ ދެން ހަވާލުވާންވީ ފްރާންސް ކްލަބަކާ. ވަރަށް ގިނަ ޓީމުތަކުން އޭނާ ގެންދަން ބޭނުންވާނެ،" ވެންގާ ބުންޏެވެ.

ފްރާންސްގެ ކްލަބް ބޯޑޯގެ ކޯޗުކަމުން ދާދި ފަހުން ގަސް ޕޮޔެޓް ވަނީ ވަކިކޮށްފަ އެވެ. ޕޮޔެޓް ވަކިކުރީ ކްލަބާ އޭނާއާ ދެމެދު މައްސަލަތަކެއް ޖެހިގެންނެވެ. ޕޮޔެޓަށް ނޭގި ބޯޑޯ އިން އެ ޓިމުގެ ފޯވާޑް ގައޭޓަން ލަބޯޑް ވާދަވެރި މޮންޓެޕިއޭ އަށް ވިއްކާލުމުން އޭނާ ވަނީ މީޑިއާގައި ބޯޑޯގެ ވެރިންނަށް ފާޑުކިޔައިފަ އެވެ. އެއާ އެކު އޭނާ އަށް އެ ޓީމުގެ ވަޒީފާ ވަނީ ގެއްލިފަ އެވެ.

ވެންގާ ބުނީ ބޯޑޯ އަކީ އޮންރީ ހަވާލުވާން ވަރަށް ރަނގަޅު ކްލަބެއް ކަމަށެވެ.

"ބޯޑޯ ކޯޗުކަން އޮންރީ ބޭނުންވާނެ. އެއީ ފްރާންސް ޓީމެއްގައި އޭނާ އަށް މަސައްކަތް ކުރަން ފަސޭހަ ވެސް ވާނެތީ،" ވެންގާ ބުންޏެވެ.

ބާވީސް އަހަރަށް ފަހު ވެންގާ ވަނީ މިދިޔަ ސީޒަނަށް ފަހު އާސެނަލް ކޯޗުކަން ދޫކޮށްލައިފަ އެވެ. ވެންގާ ބުނީ ކޯޗިން އަށް ކުރިމަތިލާން ޖެހޭނީ ވަރަށް ތައްޔާރުވެގެން ކަމަށާއި އެއީ އެކަން ފަށައިފިނަމަ ވަރަށް ގިނަ ގުރުބާނީތަކެއް ވާން ޖެހޭނެތީ ކަމަށެވެ.

"ސީޒަނެއް ފަށާއިރު އަހަރެން މިދިޔަ 35 އަހަރު ވެސް ހުރީ ޓީމަކާ ހަވާލުވެގެން. އެ ދުވަސްތަކުގައި އަހަރެން ވެސް ވަރަށް ގިނަ ގުރުބާނީތަކެއް ވިން. އެއީ ކޯޗިންގައި ކަންތައް ހުންނަގޮތް. އޮންރީ ވެސް ތައްޔާރުވެގެން ކޯޗިން އަށް ކުރިމަތިލާން ޖެހޭނީ،" ވެންގާ ބުންޏެވެ.

އޮންރީ ބުނީ އޭނާ ދެން ހަވާލުވާ ވަޒީފާ އަންނަ މަހު އިއުލާން ކުރާނެ ކަމަށެވެ.