Roadha Mihaaru
އާސެނަލާއި ބާސެލޯނާ އަށް ނޫނެކޭ ނުބުނާނަން: އޮންރީ

އާސެނަލާއި ބާސެލޯނާ އަށް ނޫނެކޭ ނުބުނާނަން: އޮންރީ

09 މާޗް 2021

ލަންޑަން (މާޗް 9) - ކުރިއަށް އޮތްތަނުގައި ފުޓްބޯޅައިގެ މަސައްކަތެއް ކުރަން އާސެނަލް އާއި ބާސެލޯނާ އިން ހުށަހެޅުމެއް ލިބިއްޖެނަމަ ނޫނެކޭ ނުބުނާނެ ކަމަށް ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ތިއަރީ އޮންރީ ބުނެފި އެވެ.

ލަންޑަން (މާޗް 9) - ކުރިއަށް އޮތްތަނުގައި ފުޓްބޯޅައިގެ މަސައްކަތެއް ކުރަން އާސެނަލް އާއި ބާސެލޯނާ އިން ހުށަހެޅުމެއް ލިބިއްޖެނަމަ ނޫނެކޭ ނުބުނާނެ ކަމަށް ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ތިއަރީ އޮންރީ ބުނެފި އެވެ.

އޮންރީ ވަނީ އޭނާގެ ކުޅުމުގެ ކެރިއަރުގައި އާސެނަލާއި ބާސެލޯނާގައި ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. މި ވަގުތު އާއިލާއާ އެކު ލަންޑަންގައި ދިރިއުޅެމުން އަންނަ އޮންރީ، ފޯފޯޓޫ އަށް ދިން އިންޓަވިއުއެއްގައި ބުނީ ބާސެލޯނާ އާއި އާސެނަލް އަކީ އޭނާ އަށް ހާއްސަ ދެ ކްލަބް ކަމަށާއި އެ ދެ ޓީމަށް ހިދުމަތެއް ކޮށްދޭން ލިބޭ ފުރުސަތެއް ދޫކޮށްނުލާނެ ކަމަށެވެ.

"ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ކާމިޔާބު ކޯޗަކަށް ނޫނީ ބޮޑެތި ޓީމުތަކުން ފުރުސަތެއް ނުލިބޭނެ. އަހަރެން ކޯޗިންގައި ތަށީގެ ގޮތުން ބަލާނަމަ އެހާ ކާމިޔާބެއް ނޫން. އެކަމަކު ވެސް އަހަރެންގެ އުއްމީދެއް އާސެނަލްގެ ކޯޗަށް ވުމަކީ. ބާސެލޯނާގެ ކޯޗުކަން ބޭނުންތޯ އަހައިފިނަމަ ވެސް އަހަރެންގެ ޖަވާބު އެންމެނަށް އެެނގޭނެ. އެއީ މި ދެ ކްލަބަކީ އަހަރެންގެ ވަރަށް ގާތް ދެ ކްލަބް،" އޮންރީ ބުންޏެވެ.

އޮންރީ ފުޓްބޯޅަ ކުޅުން ރަސްމީކޮށް ހުއްޓާލީ 2014 ވަނަ އަހަރު އެވެ. އޭގެ އެއް އަހަރު ފަހުން އޭނާ ވަނީ އާސެނަލްގެ ޔޫތު ޓީމުތަކުގައި މަސައްކަތްކޮށް ކޯޗިންގެ މަސައްކަތް ފަށައިފަ އެވެ. ފަހުން ޓީވީ އެނަލިސްޓެއްގެ ގޮތުގައި ވެސް ފެނުނު އޮންރީ 2016-2018 ވަނަ އަހަރަށް މަސައްކަތްކުރީ ބެލްޖިއަމް އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ.

ހެޑް ކޯޗެއްގެ ގޮތުގައި އޮންރީގެ ފުރަތަމަ ތަޖުރިބާ އެންމެ ރަނގަޅެއް ނޫނެވެ. އޭނާ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މޮނާކޯއާ ހަވާލުވެ އެ ޓީމުގައި ރަނގަޅު ނަތީޖާތަކެއް ނުނެރެވުމުން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު އެ ޓީމު ކޯޗުކަމުން ވަކިކުރި އެވެ. އޭގެ ފަހުން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެމެރިކާ ލީގުގައި ކުޅޭ ކެނަޑާ އަށް ނިސްބަތްވާ މޮންޓްރެއާލް އިމްޕެކްޓާ ހަވާލުވި އެވެ. އެ ޓީމުގައި ރަނގަޅު މަސައްކަތްތަކެއް ކުރި ނަމަވެސް ހާލަތުގެ ގޮތުން އާއިލާ އަށް ވަގުތު ދޭން ބޭނުންވާތީ އޮންރީ ވަނީ މިދިޔަ މަހު ފަހުކޮޅު މޮންޓްރެއާލް ކޯޗުކަން ދޫކޮށްލައިފަ އެވެ.

އުމުރުން 43 އަހަރުގެ އޮންރީ ބުނީ އޭނާ އަކީ އާސެނަލް ސަޕޯޓަރެއް ކަމަށާއި އަބަދުވެސް އެ ކްލަބަށް ރަނގަޅު ގޮތް އެދެނޭ ކަމަށެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން އާސެނަލްގެ މެނޭޖްމަންޓުން އަންނަނީ ލަންޑަންގައި އޮންރީ އާއިލާއާ އެކު ހުންނަ މުއްދަތުގައި ކްލަބްގެ އެކެޑަމީގެ ބައެއް މަސައްކަތްތައް އޮންރީއާ ހަވާލުކުރާށެވެ.