Roadha Mihaaru
ގުރުއާން ކިޔަވައިދޭން އިސްކަމެއް ދޭނަން: ނައިބު ރައީސް

ގުރުއާން ކިޔަވައިދިނުމަށް ސަރުކާރުން އިސްކަމެއް ދޭނަން: ނައިބު ރައީސް

24 ނޮވެމްބަރ 2018

ކީރިތި ގުރުއާން ކިޔަވައިދިނުމަށް ހާއްސަ ސަމާލުކަމެއް ދީގެން ސަރުކާރުން މަސައްކަތްތަކެއް ފެއްޓެވުމަށް ނިންމަވާފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކީރިތި ގުރުއާން ކިޔަވައިދިނުމަށް ހާއްސަ ސަމާލުކަމެއް ދީގެން ސަރުކާރުން މަސައްކަތްތަކެއް ފެއްޓެވުމަށް ނިންމަވާފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފް މުހައްމަދު ބޭއްވެވި ތިން ވަނަ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ދިއްދޫގައި ބޭއްވެވި ހަފްލާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މި ސަރުކާރުން އިސްލާމް ދީނުގެ ވަހުދަތު ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

އެގޮތުން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހައްޖުގެ އަޅުކަން އަދާ ކުރުމަށް ޕެންޝަން ފަންޑުން ފައިސާ ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދިނުމުގެ މަސައްކަތާއި ދީނީ އިލްމު ފެތުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަދުގެ ސަރުކާރުން ދިވެހި ރާއްޖެ ތަރައްގީ ކުރެއްވުމަށްޓަކައި ރާއްޖޭގެ އިސްލާމީ ވަހުދަތު ދެމެހެއްޓުމަށް. ދީނީ އެއްބައިވަންތަކަން ގާއިމް ކުރުމަށް ދީނީ ވާޖިބުތައް އަދާކުރުމަށް ޓަކައި ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކުރާނެ،" ކުރު ވާހަކަފުޅުގައި ނައިބު ރައީސް ވިދާޅުވި އެވެ.

ދުނިޔަމަތީ ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ ދީނީ ވަހުދަތު ދެމެހެއްޓުމާއި ގުރުއާންގެ އިލްމު އުނގަންނައި ދިނުންކަން ފާހަގަ ކުރައްވައި ނައިބު ރައީސް ވަނީ އެ މުބާރާތް އިންތިޒާމް ކުރެއްވި ދިއްދޫ ދާއިރާގެ މެމްބަރު ލަތީފަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.

ހއ. އަތޮޅަށާއި ދިއްދޫއަށް ހާއްސަކޮށްގެން ބޭއްވި އެ މުބާރާތުގެ ފަހުރުވެރި ހުރިހާ ވަނައެއް ހޯދީ ދިއްދޫގެ ކުދިންނެވެ.

އެ މުބާރާތުގެ އެއްވަނަ ހޯދައިގެން 100،000ރ. ގެ ފައިސާގެ އިނާމް ހާސިލްކުރީ ނުޒްލާ އިސްމާއިލް ރަޝީދެވެ. ދެ ވަނަ ހާސިލް ކުރެއްވި ދެ ދަރިވަރުންނަކީ އައިމިނަތު ނާޖިހާ އާއި މައިޝާ ރަޝީދެވެ. ތިން ވަނަ ހޯއްދެވީ ޝާނިހާ ޝާރީފެވެ. އެކުދިންނަށް އިނާމު ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލެވެ.

މިރޭގެ ބޭއްވި ހަފްލާގައި ވަނީ އެކި އުމުރު ފުރައިން ވަނަވަނަ އަށް ދިޔަ ކުދިންނަށް ވެސް ތައްޓާއި ސެޓްފިކެޓް ދީފަ އެވެ.

އެ ހަފްލާގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ގުރުއާން ކިޔެވުމާއި އެ އިލްމު ފެތުރެއްވުމުގެ މާތްކަމަށް އަލިއަޅުވާ ލައްވައިފަ އެވެ. އަދި މުދައްރިސުންނަށާއި މައިންބަފައިންނަށް ކިޔަމަންތެރިވުމަށް މިނިސްޓަރު ނަސޭހަތްތެރިވެވަޑައިގަތެވެ.

އެ ހަފްލާ ނިންމާލެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން މެމްބަރު ލަތީފް ވިދާޅުވީ ދިއްދޫގެ ރައްޔިތުންގެ އުއްމީދު ހާސިލް ކޮށްދެއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ. އޭނާ އަށް އިތުބާރު ކުރެއްވި ކަމަށްޓަކައި ލަތީފް ވަނީ ދިއްދޫ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.

މި ދައުރުގައި ދިއްދޫ ދާއިރާގެ މެމްބަރުކަން ކުރައްވާ ލަތީފް ވަނީ އެކި ދާއިރާތަކުން އެ ރަށަށް ގިނަ ހޭދަތަކެއް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ސްކޫލާއި ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން ތަރައްގީގެ އެހެނިހެން މަސައްކަތްތައް ހިމެނެ އެވެ.