Roadha Mihaaru
ސައުދީ ގުރުއާން މުބާރާތުގެ ފައިނަލަށް ނަބީހު

ސައުދީ ގުރުއާން މުބާރާތުގެ ފައިނަލަށް ނަބީހު ދަތުރުކޮށްފި

18 ސެޕްޓެމްބަރ 2022

ސައުދި އަރަބިއްޔާގެ ކުރީގެ ރަސްގެފާނު ކިންގް އަބްދުލް އަޒީޒްގެ ހަނދާނުގައި ބާއްވާ ބައިނަލްއަގުވާމީ ގުރުއާން މުބާރާތުން ރާއްޖޭގެ އަހުމަދު ނަބީހު އަބްދުލްގާދިރު ފައިނަލަށް ދަތުރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސައުދި އަރަބިއްޔާގެ ކުރީގެ ރަސްގެފާނު ކިންގް އަބްދުލް އަޒީޒްގެ ހަނދާނުގައި ބާއްވާ ބައިނަލްއަގުވާމީ ގުރުއާން މުބާރާތުން ރާއްޖޭގެ އަހުމަދު ނަބީހު އަބްދުލްގާދިރު ފައިނަލަށް ދަތުރުކޮށްފި އެވެ.

މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އަންނަ ބުދަ ދުވަހާ ހަމައަށް ގެންދާ މުބާރާތުގައި ރާއްޖެ ތަމްސީލުކުރީ ނަބީހުގެ އިތުރުން އަރަބިއްޔާ ސްކޫލުގެ ދަރިވަރު، ޔޫޝައު ޒަމްޒަމް ފާރިޝެވެ. އެ ދެ ކުދިން ހޮވާފައިވަނީ އޮޑިޝަނަކުންނެވެ.

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިލްޔާސް ޖަމާލް ވިދާޅުވީ ސައުދީގައި ބާއްވާ އެންމެ ބޮޑު އިންޓަނޭޝަނަލް މުބާރާތުގައި 112 ގައުމަކުން، 153 ކުދިން ބައިވެރިވި ކަމަށެވެ.

ސައުދީގައި ބާއްވާ ގުރުއާން މުބާރާތުގައި ބައިވެރިވާ ނަބީހާއި ޔޫޝައު، މިނިސްޓްރީގެ ޓީމާއެކު.-- ފޮޓޯ: ގުރުއާނާ ބެހޭ މަރުކަޒު

ސައުދީގައި ބާއްވާ ގުރުއާން މުބާރާތުގައި ބައިވެރިވާ ނަބީހާއި ޔޫޝައު، މިނިސްޓްރީގެ ޓީމާއެކު.-- ފޮޓޯ: ގުރުއާނާ ބެހޭ މަރުކަޒު

އެ މުބާރާތުން، އޯޓިޒަމް ހުންނަ ނަބީހު ވަނީ، ހިތުން ކިއުމުގެ ބައިން ފުރަތަމަ ރައުންޑުން ރަނގަޅު ނަތީޖާއެއް ހޯދުމުން ދެ ވަނަ އަދި ފައިނަލް ރައުންޑަށް ދަތުރުކޮށްފަ އެވެ.

ނަމަވެސް، ހަރަމްފުޅުގައި ބޭއްވި ފަހު ބުރުގެ ކިޔެވުން ގެންދަނިކޮށް އެ ތަނަށް ދޫންޏެއް ދިއުމުން އެކަމާ ނަބީހު ބިރުގަތުމުން ކިޔެވުމުގައި ކޮންމެ ވެސް ވަރަކަށް އުނދަގޫތަކެއް ދިމާވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ ރައުންޑުގައި ވަރަށް ފުރިހަމައަށް ކިޔަވާފައި ދެ ވަނަ ބުރުގައި މި ގޮތަށް މި ދިމާވީ. އެކަމަކު، މިއީ، ފަހުގެ ތާރީހެއްގައި ބޮޑު މުބާރާތެއްގެ ފައިނަލަށް ދެވުނު ކުއްޖެއް،" އިލްޔާސް ވިދާޅުވި އެވެ.

އެ މުބާރާތުގެ ނަތީޖާ އިއުލާނުކުރުން މާދަމާ އޮންނާނެ އެވެ.

ސައުދީގައި ބާއްވާ ގުރުއާން މުބާރާތުގައި ބައިވެރިވި ނަބީހު، އޭނާގެ މަންމަ އާއި ބައްޕައާއެކު.-- ފޮޓޯ: ގުރުއާނާ ބެހޭ މަރުކަޒު

ސައުދީގައި ބާއްވާ ގުރުއާން މުބާރާތުގައި ބައިވެރިވި ނަބީހު، އޭނާގެ މަންމަ އާއި ބައްޕައާއެކު.-- ފޮޓޯ: ގުރުއާނާ ބެހޭ މަރުކަޒު

އިލްޔާސް ވިދާޅުވީ ސައުދީގެ އޮފިޝަލުންނަށް ނަބީހުގެ ހާލަތު ކިޔައިދިނުމުން އޭނާގެ ކިޔެވުމަށް ވަރަށް ބޮޑަށް ތައުރީފް ކުރި ކަމަށެވެ.

ކިންގް ސަލްމާން މުބާރާތުގައި ބައިވެރިވާ ހުރިހާ ކުދިންގެ އިތުރުން 17 އަހަރުން ދަށުގެ ކުދިންގެ ބެލެނިވެރިންނަށް ވެސް ދެކޮޅު ޓިކެޓު ހަމަޖައްސައިދިނީ އެ ގައުމުންނެވެ. ނަމަވެސް، ނަބީހަށް ހާއްސަ އެހީތެރިކަން ބޭނުންވާތީ މިނިސްޓްރީން ކުރި މަސައްކަތުން ސައުދީ ސަރުކާރުން ވަނީ އޭނާގެ މަންމަ އާއި ބައްޕަގެ ދެކޮޅު ޓިކެޓު ހަމަޖައްސައިދީފަ އެވެ.