Roadha Mihaaru
ގޮންޖެހުންތަކުން އަރައިގަނެވޭނީ ގައުމުތައް ގުޅިގެން

ގޮންޖެހުންތަކުން އަރައިގަނެވޭނީ އިސްލާމީ ގައުމުތައް ގުޅިގެން: ޝާހިދު

30 މެއި 2019

އިސްލާމީ އުއްމަތަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނީ އިސްލާމީ ގައުމުތަކުގެ ގުޅުން ބަދަހިކޮށްގެން ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިސްލާމީ އުއްމަތަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނީ އިސްލާމީ ގައުމުތަކުގެ ގުޅުން ބަދަހިކޮށްގެން ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

މައްކާގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ 14 ވަނަ އިސްލާމިކް ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި އިސްލާމީ ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ އިސްލާމީ އުއްމަތަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރިގަތުމަށް އެއްގައުމުން އަނެއް ގައުމަށް އެއްބާރުލުންދީ ތަޖުރިބާ ހިއްސާކުރަން ޖެހޭ ކަމަށެވެ.

"އިސްލާމީ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ދެމެހެއްޓެނީ ގައުމުތަކުގެ މެދުގައި އޮންނަ ޒަމާންވީ ރަހުމަތްތެރިކަމާއި މަޝްވަރާކުރުމުގެ އުސޫލަށް އިހުތިރާމްކުރުމުކޮށްގެން،" މިނިސްޓަރު ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ޝާހިދު ސައުދީގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވަނީ-- ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު ޝާހިދު ސައުދީގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވަނީ-- ފޮޓޯ: ފޮރިން މިނިސްޓްރީ

ފަލަސްތީނުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ އެ ގައުމުގެ ރައްޔިތުންނަށް ސުލްހަވެރި ދިރިއުޅުމެއް އުޅެން ލިބިގެންވާ ހައްގަށް ރާއްޖެ އިން ތާއީދު ކުރާ ކަމަށެވެ. ފަލަސްތީނުގެ އިތުރުން ރާއްޖެ ދެމިއޮންނާނީ އެކި ކަންކޮޅުތަކުގައި ތިބި އަނިޔާ ލިބޭ މުސްލިމުންނާ އެކުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި އޯއައިސީގެ މެމްބަރު ގައުމުތަކުގެ ހާރިޖީ ވަޒީރުން ވަނީ އިސްލާމިކް ސަމިޓް ކޮންފަރެންސްގެ އެޖެންޑާ ފާސް ކޮށްފަ އެވެ. އަދި ސަމިޓްގެ ފައިނަލް ކޮމިއުނިކޭޝަން ކަމަށްވާ މައްކާ ޑެކްލަރޭޝަން އާއި ސީނިއާ އޮފިޝަލުންގެ ބައްދަލުވުމުގައި މަސައްކަތް ފެށި ފަލަސްތީނުގެ މައްސަލައިގެ ގަރާރުގެ ޑްރާފްޓާ މެދު ވެސް މަޝްވަރާ ކުރި އެވެ. އެ ގަރާރު ފާސްކުރާނީ އޯއައިސީ ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ އިސްލާމިކް ސަމިޓް ކޮންފަރެންސްގަ އެވެ.

ސަމިޓުގައި ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވާނެ އެވެ.