Roadha Mihaaru
ޕީޖީ ވަކިކުރަނީ މެމްބަރުންނާ މެދު އަމަލުކުރި ގޮތުން

ޕީޖީ ވަކިކުރަން އުޅެނީ މެމްބަރުންނާ މެދު އަމަލުކުރި ގޮތުން

18 ނޮވެމްބަރ 2018

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ބޭނުންވަނީ، މަޖިލީހުގެ މެމްބަރުން ހައްޔަރު ކުރުމުގަ އާއި އެ މެމްބަރުންގެ މައްޗަށް ދައުވާ ކުރުމުގައި ޕީޖީ އަމަލު ކުރެއްވި ގޮތުން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ބޭނުންވަނީ، މަޖިލީހުގެ މެމްބަރުން ހައްޔަރު ކުރުމުގަ އާއި އެ މެމްބަރުންގެ މައްޗަށް ދައުވާ ކުރުމުގައި ޕީޖީ އަމަލު ކުރެއްވި ގޮތުން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ޕީޖީ ބިޝާމް އިސްތިއުފާ ނުދެއްވައިފި ނަމަ، އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ މެމްބަރަކު މި ރޭ ވަނީ ވިދާޅުވެފަ އެވެ. އެނގިފައިވާ ގޮތުގައި ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ، އާ ސަރުކާރު ކޯލިޝަންގެ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕަށް ހުށަހަޅާ އިރު، އެ މައްސަލައިގައި މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައިވަނީ މެމްބަރުން ހައްޔަރު ކުރުމާއި ދައުވާ ކުރުމުގައި ޕީޖީ އަމަލުކުރި ގޮތުގެ މައްސަލަ އެވެ.

އެގޮތުން މެމްބަރުން ހައްޔަރު ކުރުމުގައި އެކަށީގެންވާ ސަބަބުތަކެއް ހުރިތޯ ޕީޖީ ބައްލަވާފައި ނުވާ ކަމަށާއި މެމްބަރުންގެ އިމްތިޔާޒްގެ ގާނޫނާ ޚިލާފަށް މެމްބަރަކު ހައްޔަރުކޮށް، ބަންދުގައި ހުރި އިރު އެ ކަން ރަނގަޅު ކުރަން ޕީޖީ ވަގުތުން ވަގުތަށް އަންގަވާފައި ނުވާ ކަމަށް ވެސް އެ މައްސަލާގައި ބުނެފައިވާ ކަމަށް އެނގިފައިވެ އެވެ. އަދި ގާނޫނާ ޚިލާފަށް ބައެއް މެމްބަރުންގެ ބަންދުގެ މުއްދަތު އިތުރު ކުރި އިރު ވެސް، އެކަމުގައި ޕީޖީ ފިޔަވަޅެއް އަޅުއްވާފައި ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން މެމްބަރެއްގެ ޣައިރު ހާޒިރުގައި ޖަލު ހުކުމް ކުރި އިރު ވެސް އެކަން ޕީޖީ ހުއްޓުވާފައި ނެތް ކަމަށާއި އެކަން ރަނގަޅު ކުރަން މަސައްކަތް ވެސް ކުރައްވާފައި ނެތް ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ. ޣައިރު ހާޒިރުގައި ހުކުމްކުރީ މަޖިލީހުގެ މިހާރުގެ ރައީސް ގާސިމް އިބްރާހިމްގެ މައްޗަށް މިދިޔަ އަހަރު އެވެ. އެ ހުކުމް ހައި ކޯޓުން މިހާރު ވަނީ ބާތިލް ކޮށްފަ އެވެ.

މެމްބަރުންގެ މައްޗަށް ގާނޫނާ ޚިލާފަށް ޝަރީއަތް ހިންގަމުން ދިޔަ އިރު އެކަން ހުއްޓުވާފައި ނެތް މައްސަލަ ވެސް އެ މައްސަލައިގައި ފާހަގަ ކޮށްފައިވެ އެވެ. އެ ކަންކަމުގެ ސަބަބުން، ޖަލަށް ދާން ނުޖެހޭ ފަރާތްތަކާއި ބަންދުގައި ތިބެން ނުޖެހޭ ފަރާތްތަކެއް ބަންދުގައި ތިބި ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާ އަށް ފަހު، ބައެއް ދައުވާތައް ޕީޖީން އަނބުރާ ގެނައުމާއި ބައެއް ތުހުމަތުތަކުގައި ބަންދުގައި ތިބި މީހުން މިނިވަން ކުރުމުން، ކުރިން އެ ދައުވާތައް ކުރީ ގާނޫނީ ހުއްޖަތެއް ނެތިކަން ސާފުވާ ކަމަށް އެ މައްސަލާގައި ފާހަގަ ކޮށްފައިވާ ކަމަށް ވެސް އެނގިފައިވެ އެވެ.