Roadha Mihaaru

ލިއުޝާގެ މަސައްކަތުން އުފެދުނު ހުނަރުވެރި ކުދިންތައް

16 ނޮވެމްބަރ 2018

އަމީރު އަހުމަދު ސްކޫލްގައި އެލްކޭޖީއަށް ކިޔަވަމުން އަންނަ ދިވެހި 32 ކުދިންގެ ފަރާތުން ފެނުނު އާދަޔާ ހިލާފު ކަމަކީ މިއީ އެވެ؛ "ގައުމީ ސަލާމް"، "އޯ ވަޒަން"، "ދިވެހި ބިން" ފަދަ ދިވެހި މަޝްހޫރު ރާގުތައް ކުޅެލާ އިރު، ދިވެހިންގެ ގައިން ހީބި ނަގާވަރުވެ އެވެ. އެހާ ވެސް ފުރިހަމަ އެވެ. އުމުރުން އެންމެ ފަސް އަހަރާއި ހަ އަހަރާ ދެމެދުގެ ކުދިން އެ ރާގުތައް ކުޅެލަނީ ކުޅަދާނަ ކަމާއެކީގަ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަމީރު އަހުމަދު ސްކޫލްގައި އެލްކޭޖީއަށް ކިޔަވަމުން އަންނަ ދިވެހި 32 ކުދިންގެ ފަރާތުން ފެނުނު އާދަޔާ ހިލާފު ކަމަކީ މިއީ އެވެ؛ "ގައުމީ ސަލާމް"، "އޯ ވަޒަން"، "ދިވެހި ބިން" ފަދަ ދިވެހި މަޝްހޫރު ރާގުތައް ކުޅެލާ އިރު، ދިވެހިންގެ ގައިން ހީބި ނަގާވަރުވެ އެވެ. އެހާ ވެސް ފުރިހަމަ އެވެ. އުމުރުން އެންމެ ފަސް އަހަރާއި ހަ އަހަރާ ދެމެދުގެ ކުދިން އެ ރާގުތައް ކުޅެލަނީ ކުޅަދާނަ ކަމާއެކީގަ އެވެ.

ކުދިންގެ ހުނަރުވެރިކަން ހާއްސަވާ ސަބަބަތުތައް ބައިވަރެވެ. އެ އުމުރުގެ ކުދިންގެ ބޭންޑެއް ރާއްޖޭގައި އޮންނަ މިއީ ފުރަތަމަ ފަހަރެވެ. އެކަމަކު، އަމީރު އަހުމަދުގައި ބޭންޑް އުފެދިފައި އޮންނަތާ މިހާރު ފަސް އަހަރުވީ އެވެ. ކޮންމެ އަހަރަކު ވެސް އެލްކޭޖީ ކުދިންގެ ތެރެއިން ބޭންޑުގައި އުޅެން ޝައުގުވެރިވާ ކުދިންނަށް އެ ފުރުސަތު ލިބެ އެވެ. ނަމަވެސް، ގިނަ ބަޔަކު ބަޔަކު ގަބޫލު ކުރާ ގޮތުގައި، މި އަހަރުގެ ބެޗުގެ ކުދިން ތަފާތީ އެވެ. އެކުދިންގެ ހުށަހެޅުން މާ ބޮޑަށް ވެސް ފުރިހަމަ އެވެ. އެކުދިން ނުވަ ރާގު ކުޅެލަ އެވެ.

އަމީރު އަހުމަދު ސްކޫލް ބޭންޑްގެ ދަރިވަރުން މިދިޔަ އާދިއްތަ ދުވަހު ޕެރޭޑްގައި. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އަމީރު އަހުމަދު ސްކޫލް ބޭންޑްގެ ދަރިވަރުން މިދިޔަ އާދިއްތަ ދުވަހު ޕެރޭޑްގައި. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

މި ފަހުން، އެ ދަރިވަރުން ވަނީ މާލޭގައި އެކި ސަރަހައްދުތަކުގައި އެކުދިންގެ ކުޅަދާނަކަން ދައްކާލައިފަ އެވެ.

އެގޮތުން ނޫ ޔުނިފޯމެއްގައި ބެރާއި މެލޮޑިކާ އަދި ދިދަ ހިފައިގެން ތިބި ކުދިން ނުކުމެ، ކެއާ ސޮސައިޓީއަށް 20 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި އާއި ނޮވެމްބަރު 3 ގައި ޖުމްހޫރީ މައިދާނުގައި އަދި މިދިޔަ އާދިއްތަ ދުވަހު އަމީނީ މަގުގެ ހިސާބެއްގައި ކުޅުނު ރާގުތަކުން އާންމުންނަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. "ބާރު ބާރު ދޭކޯ"، "ފަރިވެފައި ފޮނިވެފައި"، "ބާރަށް ދުއްވާ" ފަދަ ރާގުތައް ކުޅެލުމުން އާންމުންނަށް މާ ބޮޑަށް ވެސް ކަމުހިނގައްޖެ އެވެ. އެކުދިން އެކަމަށް ހުރި ޝައުގުވެރިކަން ފާހަގަވި އެވެ.

މި ކުދިން ތަމްރީން ކުރުމުގައި އެންމެ ބޮޑު ބުރައެއް އުފުލި އެކަކީ، އެ ކުދިންގެ ބޭންޑް ޓީޗަރު އަދި ޓީވީއެމް އިން ގެނެސްދިން އެހަނދާނުގައި ޑުއެޓް ޝޯ އިން މަޝްހޫރުވި ލިއުޝާ މުހައްމަދު (ލިއު އާންޓީ) އެވެ. ކުދިން ތަމްރީން ކުރުމުގެ މަސައްކަތް ލިއުޝާ ކޮންމެ އަހަރެއްގެ ޖެނުއަރީ މަހު ފަށަ އެވެ.

"ކްލާސްތަކަށް ގޮސް ޑްރަމްގެ ދެ ދަނޑިކޮޅު ދީފައި ބުނަނީ އާންޓީ ޖަހާ ގޮތަށް ޖަހަން. އެކިއެކި ބީޓުތަކުގައި ޖަހަން ބުނަނީ. އޭރުން އެނގޭނެ ހަމަ ހުންނަ ކުދިންނާއި ކޯޑިނޭޓް ހުންނަ ކުދިން. އަސްލު ކުދިން ހޯދުމުގައި ފަށައިގަންނަ ހިސާބު އެއީ. ޝައުގުވެރިވާ ކުދިން ވަރަށް ރަނގަޅަށް އޭރުން އެނގޭ،" ލިއުޝާ ބުންޏެވެ.

ބޭންޑްގެ ދަރިވަރުން ޖެހި ޕެރޭޑް. މި ބޭންޑްގައި 32 ކުދިން ތިބޭ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ބޭންޑްގެ ދަރިވަރުން ޖެހި ޕެރޭޑް. މި ބޭންޑްގައި 32 ކުދިން ތިބޭ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ލިއުޝާ ބުނީ އޭގެ ފަހުން ކުދިންނަށް މެލޮޑިކާ ހަވާލުކޮށް، ވަރަށް އާދައިގެ ރާގު ކުޅެގެން އެ ކުދިން ހުނަރުވެރި ކުދިންތަކެއްގެ ގޮތުގައި ހަދަނީ ކަމަށެވެ. އެއީ ހުނަރުން ފުރިގެންވާ ކުދިންތަކެއްގެ ގޮތުގައި ލިއުޝާ އެ ކުދިން އެންމެ ދެ މަސްތެރޭގައި ހަދަނީ އެ ކުދިންނަށް ބޭނުންވާ ތަމްރީންތައް ދީގެންނެވެ.

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މި އުމުރުގެ ކުދިންނަކީ "ހަލަނި" ކުދިންނެވެ. އެހެންވެ، ބައެއް ފަހަރު މާލޭގައި ޕެރޭޑް ޖެހުމަށް ހައުސިން މިނިސްޓްރީ އާއި ފުލުހުންގެ ހުއްދަ ނުލިބެ އެވެ. އެކަމަކު، ފަހުން އައިސް، މި ކުދިންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު މާލެ އިން ވަނީ ލިބެން ފަށައިފަ އެވެ.

"ބައެއް މީހުން ހީކުރަނީ އެ އުމުރުގެ ކުދިން ލައިންގައި ނުތިބޭނެއޭ. އެކަމަކު މި ކުދިން ވަރަށް ތަފާތު. މިކަން ކުރަން ބޭނުންވެގެން ބޭންޑަށް ވަދެފައި ތިބި ކުދިން މިއީ،" ލިއުޝާ ބުންޏެވެ.

ބޭންޑްގެ ކުދިން މެލޮޑިކާ ކުޅެނީ. އާންމުންގެ ގިނަ ބަޔަކު ތިބެނީ ހައިރާންވެފައި. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ބޭންޑްގެ ކުދިން މެލޮޑިކާ ކުޅެނީ. އާންމުންގެ ގިނަ ބަޔަކު ތިބެނީ ހައިރާންވެފައި. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ހަމަގައިމުވެސް ލިއުޝާގެ ހިތްހަމަޖެހުމަކީ މި ކުދިން ދައްކަމުން އަންނަ ތަފާތެވެ. ކުދިންގެ ހުނަރުވެރިކަން ދިވެހިންގެ ގިނަ ބަޔަކު ވަނީ ބަލައިގަނެ، ތައުރީފް ވެސް ކޮށްފަ އެވެ. އެކަމުގެ އެއް ހެއްކަކީ މާލޭގެ ބައެއް މަގުތަކުގައި ޕެރޭޑް ޖަހަމުންދާ އިރު، އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމެވެ.

"ގިނަ ބަޔަކު ތިބެނީ ވެސް ވަރަށް ހައިރާންވެފައި. ފޮޓޯ އާއި ވީޑިއޯ ވެސް ކުރާނެ،" ލިއުޝާ ބުންޏެވެ.

ލިއުޝާ ބުނި ގޮތުގައި، މިކަން ކުރުމުގައި ބޭންޑްގައި އުޅޭ ކުދިންގެ ބެލެނިވެރިންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެ އެވެ. އެގޮތުން ބުރާސްފަތި ދުވަސް ފިޔަވައި، ކޮންމެ ދުވަހަކު ސްކޫލް ނިމޭ ގަޑީގައި ބޭންޑް ޕްރެކްޓިސް ކުރުމުގެ ފުރުސަތު ލިބޭ ކަމަށް އޭނާ ބުންޏެވެ.

އަމީރު އަހުމަދު ސްކޫލް ބޭންޑުގެ ކުދިން އަމީނީ މަގުގައި ހުއްޓި ތިބެ ރާގު ކުޅެނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އަމީރު އަހުމަދު ސްކޫލް ބޭންޑުގެ ކުދިން އަމީނީ މަގުގައި ހުއްޓި ތިބެ ރާގު ކުޅެނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އަމީރު އަހުމަދު ސްކޫލްގެ ބޭންޑު.

"ބުރާސްފަތި ފިޔަވައި ކޮންމެ ދުވަހަކު 45 މިނިޓު ލިބޭނެ ޕްރެކްޓިސް ކުރަން. އަސްލު ބެލެނިވެރިންގެ ބޮޑު އެއްބާރުލުމެއް ލިބެނީ. އެ ކުދިންގެ ބެލެނިވެރިންނަށް ޝުކުރު އަދާކުރަން،" ލިއުޝާ ބުންޏެވެ.

2013 އިން ފެށިގެން އަމީރު އަހުމަދުގައި މި އުމުރުފުރައިގެ ބޭންޑެއް އޮންނަ އިރު، ރާއްޖޭގެ އެހެން ސްކޫލެއްގައި މިހާ އުމުރުން ކުޑަ ބޭންޑެއް މިހާތަނަށް އުފެދިފައެއް ނުވެ އެވެ. ހަގީގަތުގައި އެ އުމުރާ ބަލާފައި އެ ކުދިން މާ ބޮޑަށް ވެސް މޮޅުވެފައި ހުނަރު ހުރީ އެވެ. ލިއުޝާގެ އުންމީދަކީ ވެސް ހުނަރުވެރި މި ކުދިންނަށް މުސްތަގުބަލުގައި އިތުރު ފުރުސަތުތައް ލިބިގެން ދިއުމެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި ވެސް ގާތްގަނޑަކަށް މި އުމުރުގެ ކުދިންގެ ބޭންޑު އޮވެ އެވެ. އެކުދިންނަށް ވެސް ތަފާތު ރާގުތައް ކުޅެލުމުގެ ގާބިލްކަން ވަނީ ލިބިފަ އެވެ.