Roadha Mihaaru
ޗާންސެލަރުކަމުން ޑރ. ޝަހީމް އިސްތިއުފާ ދެއްވައިފި

އައިޔޫއެމްގެ ޗާންސެލަރުގެ މަގާމުން ޑރ. ޝަހީމް އިސްތިއުފާ ދެއްވައިފި

15 ނޮވެމްބަރ 2018

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ޗާންސެލަރުގެ މަގާމުން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ޗާންސެލަރުގެ މަގާމުން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އިސްލާމިކް މިނިސްޓަރުކަމާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޝަހީމް އައިޔޫއެމްގެ ޗާންސެލަރުގެ މަގާމުން އިސްތިއުފާ މި ދެއްވީ އާ ރައީސް އިދިކޮޅު ކޯލިޝަންގެ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އުފައްދަވާ ސަރުކާރުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން ވެރިކަމާ ހަވާލުވާތީ އެވެ.

ޝަހީމަކީ މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓެވެ. އެ އިންތިޚާބުގައި އިބޫ ވަނީ ބޮޑު ތަފާތަކުން ރައީސް ޔާމީން ބަލިކުރައްވައި ކުރި ހޯއްދަވައިފަ އެވެ.

އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ޝަހީމް ވިދާޅުވީ، އެ މަގާމުގައި ނުހުންނެވި ކަމުގައި ވިޔަސް އިސްލާމްދީނަށާއި ގައުމަށް ހިދުމަތް ކުރުމުގައި ދެމިހުންނެވުމަކީ އަޒުމެއް ކަމަށެވެ.

"މަގާމުގައި ނެތަސް އިސްލާމްދީނާއި ދިވެހި ގައުމާއި އިސްލާމީ އުއްމަތަށް ހިދުމަތް ކުރުން މަތީ ދެމިހުރުމަކީ ފަހުނޭވަޔަށް ވެސް ހަޔާތުގެ އެންމެ މަތިވެރި އަޒުމެވެ،" ޓްވީޓްގައި ޝަހީމް ވިދާޅުވި އެވެ.

ޝަހީމް އިސްތިއުފާ މި ދެއްވީ މި ސަރުކާރު ބަދަލުވާތީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިވެވަޑައިގަތުމަށް، އިބޫގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ގޮވާލައްވާފައި ވަނިކޮށެވެ.

ޝަހީމަކީ އިސްލާމިކް ޔުނިވާސިޓީ އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ފުރަތަމަ އަދާކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރުގެ މަގާމެވެ.