Roadha Mihaaru
އިބޫ މުލީއާގެ އަށް، ފައިސަލް ހިލާލީގެ އަށް

އިބޫ މުލީއާގެ އަށް، ފައިސަލް ހިލާލީގެ އަށް

15 ނޮވެމްބަރ 2018

އަންނަ ހޮނިހިރު ދުުވަހު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، ވެރިކަމުގެ މުއްދަތުގައި ދިރިއުޅުއްވާނީ މުލީއާގޭގައި ކަމަށް ނިންމަވާފައިވާ އިރު އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް، ހިލާލީގޭގައި އުޅުއްވާ ގޮތަށް ހަމަޖައްސާފައިވާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އަންނަ ހޮނިހިރު ދުުވަހު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، ވެރިކަމުގެ މުއްދަތުގައި ދިރިއުޅުއްވާނީ މުލީއާގޭގައި ކަމަށް ނިންމަވާފައިވާ އިރު އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް، ހިލާލީގޭގައި އުޅުއްވާ ގޮތަށް ހަމަޖައްސާފައިވާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އިބޫ މުލީއާގެ އަށް ވަޑައިގަތުމަށްޓަކައި އެ ގެކޮޅު މަރާމާތު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެ ގޮތުން ގޭތެރެ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ވަނީ ނިންމައިފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދައުލަތުގެ އެ ގެކޮޅު ބޭނުންކޮށްފައި ވަނީ ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ކެމްޕެއިނަށާއި ބައްދަލުވުންތަކަށެވެ. އަދި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ހިންގެވި ސިޔާސީ ހަރަކާތްތަކަށެވެ.

މުލީއާގެ

މުލީއާގެ

މީގެ 104 އަހަރު ކުރިން އައްސުލްޠާން މުހައްމަދު ޝަމްސުއްދީންގެ ވެރިކަމުގައި ހަދާފައިވާ މުލީއާގޭގައި ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަގުތީ ގޮތުން ދިރިއުޅުއްވި އެވެ. އެއީ 1994 ވަނަ އަހަރު ތީމުގޭ މިހާރު އެ ހުރިގޮތަށް އިމާރާތްކޮށް ނިމެންދެނެވެ. ނަޝީދު 2008 ވަނަ އަހަރު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު، އަނބިކަނބަލުންގެ ގެ، މ. ޔާގޫތުގޭގައި ދިރިއުޅުއްވުމަށް ފަހު، މުލީއާގެ އަށް ބަދަލުވެވަޑައިގެން، 2012 ވަނަ އަހަރު އިސްތިއުފާ ދެއްވުމާ ހަމައަށް ވެސް އުޅުއްވީ މުލީއާގޭގަ އެވެ.

ފައިސަލް ދިރިއުޅުއްވަން ނިންމާފައިވާ ހިލާލީގޭގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ ރައީސް ޔާމީން އެ ގެކޮޅުން ނުކުމެވަޑައިގަތުމަށް ނިންމާފައިވަނީ މާދަމާ ހެނދުނެވެ. ދައުރު ހަމަވުމުން އެ މަނިކުފާނު ވަޑައިގަތުމަށް ނިންމާފައިވަނީ މި ދައުރުގައި ހެންވޭރު ކޮޅުން ބައްލަވައިގެންނެވި ގެކޮޅަށެވެ.

ހިލާލީގެ.

ހިލާލީގެ.

ހިލާލީގެ އަކީ އިބްރާހިމް ނަސީރުގެ މުދާތައް މައުމޫންގެ ވެރިކަމުގައި ދައުލަތަށް ނެގި އިރު ދައުލަތަށް ނަގާފައިވާ ގެ އެކެވެ. މައުމޫންގެ ވެރިކަމުގައި ރާއްޖޭން ބޭރުން ވަޑައިގަންނަވާ ބޭފުޅުން ތިއްބަވާ ގެކޮޅެއްގެ ގޮތުގައި ބޭނުންކުރި ހިލާލީގެ، ނަޝީދުގެ ވެރިކަމުގައި ބޭނުން ކުރެއްވީ ނައިބު ރައީސް މުހައްމަދު ވަހީދު ދިރިއުޅުއްވާ ގެ ކޮޅުގެ ގޮތުގަ އެވެ. މި ސަރުކާރުގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވެސް އުޅުއްވީ ހިލާލީގޭގަ އެވެ.