Roadha Mihaaru
އިބޫ، ނޮވެމްބަރު 11 ގައި ހުވާކުރައްވަން ހުރަހެއްނެތް

އިބޫ، ނޮވެމްބަރު 11 ގައި ރައީސްކަމުގެ ހުވާކުރައްވަން ހުރަހެއް ނެތް ކަމަށް ނިންމައިފި

21 އޮކްޓޯބަރ 2018

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް، (އިބޫ)، ނޮވެމްބަރު 11 ގައި ރައީސް ކަމުގެ ހުވާކުރެއްވުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް، (އިބޫ)، ނޮވެމްބަރު 11 ގައި ރައީސް ކަމުގެ ހުވާކުރެއްވުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.

އީސީގެ ފަސް މެމްބަރުންގެ އިއްތިފާގުން މި ގޮތަށް ނިންމީ، "މިހާރު" އަށް އެނގިފައިވާ ގޮތުގައި، އިބޫ ރައީސް ކަމުގެ ހުވާ ކުރެއްވުމާ ގުޅޭގޮތުން އެމަނިކުފާނުގެ އޮފީހުން ހުށަހެޅި ސިޓީއަކާ މެދު މެމްބަރުން މަޝްވަރާ ކުރެއްވުމަށް ފަހު އެވެ. މި މަޝްވަރާ ކުރިއަށް ގެންދިޔަކަން ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ކަށަވަރު ކޮށްދެއްވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯއްދެވި އިބޫ، ނޮވެމްބަރު 11 ގައި ހުވާކުރެއްވުމުގެ ހުރެހެއް ނެތް ކަމަށް ނިންމައި، އެމަނިކުފާނާއި ރައްޔިތުންގެ މަޖިލީހަށް، އިލެކްޝަންސް ކޮމިޝަނުން އެކަން އަންގާފައި ވަނީ ސަބަބުތަކެއް ވެސް ބަޔާން ކުރުމަށް ފަހު އެވެ.

އީސީން ފާހަގަކުރި އެއް ކަމަކީ، 2013 ގެ ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާގައި، ރައީސް ޔާމީންގެ ރިޔާސީ ދައުރު ފެށުނީ ނޮވެމްބަރު 11 ގައި ކަމަށް ކަނޑައަޅާފައި އޮތުމެވެ. އާއްމު ކޮށްފައިވާ އަދި ރަސްމީ ލިޔުންތަކުގައި ހިމަނާފައިވާ އެ ނަތީޖާގައި ވަނީ "2013 ނޮވެމްބަރު 11 ގައި ފެށުނު ރިޔާސީ ދައުރަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ރިޔާސީ އިންތިޚާބަށް ކުރިމަތިލި، މއ. ކާމިނީހުޅަނގުގޭ، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވަނީ އިންތިޚާބުވެފައި" ކަމަށެވެ.

އިންތިޚާބީ ނައިބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް..---ފޮޓޯ: ނިޝާން އަލީ/މިހާރު

އިންތިޚާބީ ނައިބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް..---ފޮޓޯ: ނިޝާން އަލީ/މިހާރު

ދެ ވަނަ ކަމަކަށް އީސީން ފާހަގަކުރީ، ރިޔާސީ އިންތިޚާބުގެ ކަލަންޑަރު 2018 ހެދުމުގައި، ގާނޫނީ ގޮތުން ބަޔާންކޮށްފައިވާ ތާރީޚުތައް، ނޮވެމްބަރު 11 އަކީ ދައުރު ހަމަވާ ދުވަސްގެ ގޮތުގައި ބަލައިގެން ކަނޑައަޅާފައި ވުމެވެ.

ރިޔާސީ އިންތިޚާބުގެ ދައުރާ ގުޅޭގޮތުން، އިންތިޚާބު ބޭއްވުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ބަންޑާރަ ނައިބުގެ ލަފައަކަށް އެދިފަ އެވެ. އޭރު ބަންޑާރަ ނައިބުގެ އޮފީހުން ދިން ލަފާގައި އޮންނަނީ، "މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މަގާމްގެ ދައުރު ގުނަން ފަށާނީ، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރައްވައި، އެ ހުވާގެ އިގްރާރުގައި ސޮއިކުރެއްވި ތާރީޚު ކަމުގައިވާ 2013 ނޮވެމްބަރު 17 އިން ފެށިގެން ކަމުގަ އާއި އެމަނިކުފާނުގެ މަގާމުގެ ދައުރު ހަމަވާނީ 2013 ނޮވެމްބަރު 17 އިން ފެށިގެން ފަސް އަހަރު ހަމަވާ ތާރީޚުގައި ކަމަށް ފެންނަ" ކަމަށެވެ.

ރިޔާސީ އިންތިޚާބު ބޭއްވުާއި ރައީސް ކަމުގެ ހުވާކުރެއްވުމާއި ރިޔާސީ ދައުރުގެ މުއްދަތު ކަނޑައަޅާފައި އޮންނަނީ ގާނޫނުއަސާސީގަ އެވެ.

ރައީސް އަބްދުﷲ ޔާމީން ނޮވެމްބަރު، 17، ގައި ވެރިކަމުގެ ހުވާ ކުރެއްވީ، 2013ގެ ރިޔާސީ އިންތިޚާބުގައި ކުރިމަތިވި މައްސަލަތަކަކާ ގުޅިގެން، ސުޕްރީމް ކޯޓުން ދެ ފަހަރަށް އިންތިޚާބު ފަސްކޮށް، ނޮވެމްބަރު 11 އަށް ރައީސްގެ މަގާމަށް މީހަކު އިންތިހާބު ނުކުރެވުމުންނެވެ.

އެކަމަކު، ރާއްޖޭގައި އަމަލު ކުރަމުން އަންނަ ގޮތުން ރިއާސީ ދައުރު ގުނަން ފަށަނީ ރިއާސީ އިންތިހާބު ބާއްވާ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ.

އެހެންވެ، އިލެކްޝަންސް ކޮމިޝަނުން 2013 ގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާންކުރިއިރު ރިޔާސީ ދައުރު ފެށުނީ ނޮވެމްބަރު 11 ގައި ކަމަށް ލިއެފައި ވާތީ، އެ ތާރީޚުން ފެށިގެން ފަސް އަހަރު ހަމަވާ އަންނަ ނޮވެމްބަރު 11 ގައި އިބޫ ރައީސް ކަމުގެ ހުވާކުރެއްވުމަށް ހުރަހެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ދެކެ އެވެ.

އީސީން އާއްމުކޮށްފައިވާ ދާއިމީ ނަތީޖާގައިވާ ގޮތުން ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އިބޫ އަށް ލިބިވަޑައިގަތީ 134،705 ވޯޓެވެ.