Roadha Mihaaru
ރާޖަޕަކްސާ ސަރުކާރަށް އިތުބާރު ނެތް ކަމަށް ފާސްކޮށްފި

ރާޖަޕަކްސާ ސަރުކާރަށް އިތުބާރު ނެތް ކަމަށް ފާސްކޮށްފި

14 ނޮވެމްބަރ 2018

ކޮލަމްބޯ (ނޮވެމްބަރު 14) - ސްރީ ލަންކާގެ ބޮޑު ވަޒީރުގެ މަގާމަށް ހަމަޖެއްސި މަހިންދާ ރާޖަޕަކްސާގެ ސަރުކާރަށް އިތުބާރު ނެތް ކަމަށް ޕާލަމެންޓުން މިއަދު ހެނދުނު ފާސްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ނޮވެމްބަރު 14) - ސްރީ ލަންކާގެ ބޮޑު ވަޒީރުގެ މަގާމަށް ހަމަޖެއްސި މަހިންދާ ރާޖަޕަކްސާގެ ސަރުކާރަށް އިތުބާރު ނެތް ކަމަށް ޕާލަމެންޓުން މިއަދު ހެނދުނު ފާސްކޮށްފި އެވެ.

ރާޖަޕަކްސާގެ އިތުބާރު ނެތް ކަމަށް މާކްސިސްޓް ޕާޓީން ހުށަހެޅި މައްސަލައިގައި ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިއާ ވޯޓަށް އެއްސެވި ޕާލަމެންޓް އުވާލުން ބާތިލް ކަމަށް ސުޕްރީމް ކޯޓުން ރޭ ވަގުތީ އަމުރެއް ނެރުމާ ގުޅިގެންނެވެ. ވޯޓަށް ފަހު ޖަޔަސޫރިއާ ވިދާޅުވީ 225 މެންބަރުން ހިމެނޭ ޕާލަމެންޓުގެ އަަޣުލަބިއްޔަތު ރާޖަޕަކްސާ ސަރުކާރަށް ނެތް ކަމަށެވެ.

ވޯޓަށް އެހުން ޖަޔަސޫރިއާ އިއުލާން ކުރެއްވުމާ އެކު ރާޖަޕަކްސާ، 72، އާއި އޭނާގެ ދަރިކަލުން ނަމާލް ރާޖަޕަކްސާ ވަނީ ޗެމްބަރުން ނުކުމެވަޑައިގެންފަ އެވެ. ރާޖަޕަކްސާ އަށް ވަފާތެރި މެންބަރުން ވަނީ އިދާރީ މޭޒު ކައިރިއަށް ގޮސް ވޯޓަށް ހުރަސް އަޅަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް ޖަޔަސޫރިއާ ވަނީ ވޯޓައިގެން ކުރިއަށް ވަޑައިގެންފަ އެވެ.

"ރާޖަޕަކްސާ ސަރުކާރަށް ޕާލަމެންޓުގެ އިތުބާރު ނެތް ކަމަށް އިއުލާން ކުރަން،" ވޯޓުގެ ނަތީޖާ އިއުލާން ކުރައްވަމުން ޖަޔަސޫރިއާ ވިދާޅުވި އެވެ.

ވޯޓަށް ފަހު ރާޖަޕަކްސާގެ ބައެއް ވަޒީރުން ވަނީ ޕާލަމެންޓުގެ ރައީސް ވަނީ ގާނޫނާ ޚިލާފަށް އަމަލުކޮށްފައި ކަމަށް ވިދާޅުވެފަ އެވެ.

ރަނިލް އަށް ތާއީދުކުރާ މެންބަރެއް ކަމަށްވާ އާރު. ސަމްޕަންތަން ވިދާޅުވީ ރާޖަޕަކްސާގެ އިތުބާރު ނެތް ކަމަށް 122 މެންބަރުން ވޯޓު ދީފައިވާ ކަމަށެވެ. ޕާލަމެންޓުގެ ބައްދަލުވުން ހޫނުވުމުން ޖަޔަސޫރިއާ ވަނީ ބައްދަލުވުން މެދުކަނޑާލައްވައިފަ އެވެ.