Roadha Mihaaru
ރާޖަޕަކްސާގެ އިތުބާރު ނެތްކަމުގެ ވޯޓު ބަލައިނުގަތް

ރާޖަޕަކްސާގެ އިތުބާރު ނެތްކަމުގެ ވޯޓު ބަލައިނުގަތުމަށް ސިރިސޭނާ ނިންމަވައިފި

15 ނޮވެމްބަރ 2018

ކޮލަމްބޯ (ނޮވެމްވަރު 15) - ސްރީ ލަންކާގެ ބޮޑު ވަޒީރުގެ މަގާމަށް ހަމަޖެއްސި މަހިންދާ ރާޖަޕަކްސާއާ ދެކޮޅަށް ޕާލަމެންޓުގައި އިއްޔެ ފާސްކުރި އިތުބާރު ނެތްކަމުގެ ވޯޓު ބަލައިނުގަންނަ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ނޮވެމްވަރު 15) - ސްރީ ލަންކާގެ ބޮޑު ވަޒީރުގެ މަގާމަށް ހަމަޖެއްސި މަހިންދާ ރާޖަޕަކްސާއާ ދެކޮޅަށް ޕާލަމެންޓުގައި އިއްޔެ ފާސްކުރި އިތުބާރު ނެތްކަމުގެ ވޯޓު ބަލައިނުގަންނަ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިއާ އަށް ފޮނުއްވި ސިޓީގައި ސިރިސޭނާ ވިދާޅުވީ 122 މެންބަރުންގެ ވޯޓާ އެކު ފާސްކުރި ރާޖަޕަކްސާ އާއި ސަރުކާރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށެވެ.

ސިރިސޭނާ ސިޓީއެއް ފޮނުއްވީ ޕާލަމެންޓުގައި އިއްޔެ ނެގި ވޯޓުގެ ތަފްސީލްއާ އެކު ޖަޔަސޫރިއާ ފޮނުއްވި ސިޓީ އަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. ޖަޔަސޫރިއާގެ ސިޓީގައި ވަނީ އޮކްޓޯބަރު 26 ވަނަ ދުވަހު ބޮޑު ވަޒީރު ކަމަށް ރާޖަޕަކްސާ ހަމަޖެއްސުމާއި އޭގެ ފަހުން އެކުލަވާލި ސަރުކާރާ އަދި ޕާލަމެންޓް އުވާލުން ގާނޫނު އަސާސީއާ ޚިލާފު ކަމަށް ޕާލަމެންޓުގެ 122 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށެވެ.

"އެހެންވެ ބޮޑު ވަޒީރު ރާޖަޕަކްސާ އާއި ސަރުކާރުގެ މިނިސްޓަރުންނަށް ޕާލަމެންޓުގެ އިތުބާރެއް ނެތެވެ." ޖަޔަސޫރިއާގެ ސިޓީގައި ބުނެފައިވެ އެވެ.

ސިރިސޭނާ ވަނީ ބޮޑު ވަޒީރު އައްޔަން ކުރަން ގާނޫނު އަސާސީން ބާރު ދީފައިވާ ހަމައެކަނި ފަރާތަކީ ރައީސް ކަމަށް ވިދާޅުވެފަ އެވެ. އަދި ބޮޑު ވަޒީރުގެ މަގާމަށް އައްޔަން ކުރާ މީހަކަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު އޮންނަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި ނުވާ ކަމަށް ވެސް ސިރިސޭނާ ވަނީ ޕާލަމެންޓުގެ ރައީސް އަށް ހަނދުމަކޮށްދެއްވައިފަ އެވެ.