Roadha Mihaaru
އެސްޓީއޯ ގުދަނުގައި ހުރި ފުށުގައި މައްސަލައެއް ނެތް

އެސްޓީއޯ ގުދަނުގައި ހުރި ފުށުގައި މައްސަލައެއް ނެތް: އެމްއެފްޑީއޭ

12 ނޮވެމްބަރ 2018

އެސްޓީއޯ އިން އެތެރެކޮށް ވިއްކި ގޮދަން ފުށުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވިގެން ބަލައި ތަހުލީލު ކުރިއިރު، އެ ކުންފުނިން ގުދަން ކޮށްފައި ހުރި ފުށުން އެ މައްސަލަ ނުފެންނަ ކަމަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އެސްޓީއޯ އިން އެތެރެކޮށް ވިއްކި ގޮދަން ފުށުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވިގެން ބަލައި ތަހުލީލު ކުރިއިރު، އެ ކުންފުނިން ގުދަން ކޮށްފައި ހުރި ފުށުން އެ މައްސަލަ ނުފެންނަ ކަމަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނެފި އެވެ.

އެމްއެފްޑީއޭ އިން މިދިޔަ އަންގާރަ ދުވަހު ވަނީ އެސްޓީއޯ އިން ވިއްކާ 17016853 ބެޗް ނަމްބަރުގެ ފުށުގައި ގަދަ ވަހަކާއި ތަފާތު ރަހައެއް ހުންނަކަން ފާހަގަ ކުރެވިފައިވާތީ ސަމާލުވުމަށް އަންގައިފަ އެވެ. އެސްޓީއޯ އިން ފުށް ގަތުމާއި ބޭނުން ކުރުމުގައި ސަމާލުވުމަށާއި އެފަދަ ފުށެއް ނަމަ ބޭނުން ނުކުރުމަށް އެމްއެފްޑީއޭ އިން އިލްތިމާސް ކުރި އެވެ.

އެ ތަހުލީލާ ގުޅޭ ގޮތުން އެމްއެފްޑީއޭގެ ސީނިއާ ސައެންޓިފިކް އޮފިސަރު ސާޖިދާ މުހައްމަދު ވިދާޅުވީ އެސްޓީއޯގެ ގުދަންތައް ބެލި އިރު އެ ބެޗްގެ ފުށުގެ ތެރެއިން ބާޒާރަށް ނުނެރި ހުރީ ފަސް ބަސްތާ ކަމަށާއި އޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި ރަށްރަށުގައި އެސްޓީއޯ އިން ގުދަން ކޮށްފައި ހުރި ފުށުގައި ވެސް މައްސަލައެއް ނެތްކަން ތަހުލީލުން އެނގިފައިވާ ކަމަށް ސާޖިދާ ވިދާޅުވި އެވެ.

އަމިއްލަ ވިޔަފާރި ދެ ކުންފުންޏަކުން އެސްޓީއޯ އިން ކާޑުގެ ބާވަތްތައް ގަނެގެން ގެންގޮސް ގުދަންކޮށް ވިއްކާ ކަމަށާއި އެ ތަންތަން ބަލަން ދިޔައިރު އެ ބެޗްގެ ފުށް ވިއްކާ ހުސްކޮށްފައިވާތީ އެއީ އެ ގުދަންތަކުން ދިމާވި މައްސަލައެއް ކަމެއް ނުވަތަ ނޫން ކަމެއް ވެސް ޔަގީން ކުރެވިފައިނުވާ ކަމަށް ސާޖިދާ ވިދާޅުވި އެވެ.

"އެސްޓީއޯގައި ހުރި ފުށުގައި ނެތް މައްސަލައެއް. ދެން މިއީ އެހެން ގުދަންތަކުގައި ގުދަން ކުރުމުގެ ތެރެއިން ދިމާވި މައްސަލައެއް ކަމެއް ނުވަތަ ނޫން ކަމެއް ސީދާ ދަންނަވާކަށް ނޭނގޭ،" ސާޖިދާ ވިދާޅުވި އެވެ.

ސާޖިދާ ވިދާޅުވީ ފުށުގެ މައްސަލަތަކެއް އުޅެގެން މިހާރު ޝަކުވާ ނާންނަ ކަމަށެވެ. އަދި އެސްޓީއޯ އިން މިހާރު ވިއްކަމުން އަންނަނީ މައްސަލަ ފާހަގަ ކުރެވުނު ބެޗްގެ ފުށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދިވެހިން ކެއުމުގައި އާއްމުކޮށް ބޭނުންކުރާ ކާޑުގެ ބާވަތްތައް އެސްޓީއޯ އިން އެތެރެކުރަނީ ބައިނަލްއަގްވާމީ މިންގަނޑުގައި ކަމަށް އެ ކުންފުނިން ބުނެ އެވެ.