Roadha Mihaaru
ހައްޖު ކޯޕަރޭޝަންގެ އެޑްވާންސް ޓީމެއް ސައުދީއަށް

ހައްޖު ކޯޕަރޭޝަންގެ އެޑްވާންސް ޓީމެއް ސައުދީއަށް، ހޯމަ ދުވަހު ހައްޖާޖީން ފުރަން ފަށާނެ

13 އޯގަސްޓް 2016

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ހައްޖު ކޯޕަރޭޝަންގެ އެޑްވާންސް ޓީމެއް ސައުދީ އަރަބިއްޔާ އަށް މިއަދު ފުރައިފި އެވެ. މިއީ މި އަހަރު ރާއްޖެއިން ހައްޖަށް ފުރި ފުރަތަމަ ދިވެހި ގްރޫޕެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ހައްޖު ކޯޕަރޭޝަންގެ އެޑްވާންސް ޓީމެއް ސައުދީ އަރަބިއްޔާ އަށް މިއަދު ފުރައިފި އެވެ. މިއީ މި އަހަރު ރާއްޖެއިން ހައްޖަށް ފުރި ފުރަތަމަ ދިވެހި ގްރޫޕެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމިން އިދުރީސް މިރޭ ވިދާޅުވީ އަށް މީހުން ހިމެނޭ މި ޓީމުގައި އެ ކޯޕަރޭޝަންގެ ޗެއާމަން ޝެއިހް މުހައްމަދު ރަޝީދު އިބްރާހިމް ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.

މި ޓީމު ފުރީ މިއަދު ހެނދުނު 10:15 ގައި ގަތަރު އެއާލައިންސްގެ މަތިންދާބޯޓަކުންނެވެ. ޔާމީން ވިދާޅުވި ގޮތުގައި މި ޓީމުގައި ހިމެނޭ މީހުން އިހްރާމް އަޅާނީ ގަތަރުގެ ވެރިރަށް ދޯހާއަށް ގޮހެވެ.

"މިއީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ މީހުންނަށް އެހީތެރިވެދޭނެ ބައެއް،" އޭނާ ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެޑްވާންސް ޓީމުގައި ހިމެނޭ މީހުން ވިސާ ޖެހީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީންނެވެ. ހައްޖާޖީންގެ ވިސާ ޖަހައި ދިނުމަށް ސައޫދީ އަރަބިއްޔާ އިން ޓީމެއް މިހާރު ވަނީ އައިސްފަ އެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ސައުދީއަށް ފުރާ ފުރަތަމަ ގްރޫޕް އަންނަ ހޯމަ ދުވަހު ފުރާނެ އެވެ. އަދި އަންނަ ބުރާސްފަތި ދުވަހާއި މި މަހުގެ 21 އަދި 22 ގައި ވެސް، އެ ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ މީހުން ފުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ހައްޖު ކޯޕަރޭޝަންގެ އިތުރުން، ބައެއް އަމިއްލަ ކުންފުނިތަކުގެ ހަވާލުގައި ހައްޖަށްދާ މީހުން ވެސް އަންނަ ހަފްތާގައި ފުރަން ފަށާނެ އެވެ. މި ހުރިހާ ކުންފުނިތަކުގެ ހަވާލުގައި ހައްޖަށްދާ މީހުންނަށް މައުލޫމާތާއި ތަމްރީނު ދިނުމުގެ ޕްރޮގްރާމްތަކެއް މިހާރު އަންނަނީ ހިންގަމުންނެވެ.

ސައޫދީން ރާއްޖެ އަށް މި އަހަރަށް ދިން 2،000 މީހުންގެ ކޯޓާގެ ތެރެއިން 1،000 ކޯޓާ ނުލިބިދާނެ ކަމަށް ބެލެވުނު ނަމަވެސް އެކަން ހަމަޖެހި 2،000 މީހުންނަށް ހައްޖަށް ދެވޭ ގޮތް ވަނީ ވެފަ އެވެ. އެނގިފައިވާ ގޮތުގައި އެންމެ ފަހު ވަގުތު ކޯޓާ މި ހަމަޖެހުނީ މި މައްސަލައިގައި ރައީސް އަބްދުﷲ ޔާމީން ސައުދީ ރަސްގެފާނު ސަމްލާން ބިން އަބްދުލް އަޒީޒް އާލް ސައުދަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެންނެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި ފަހަރު ހައްޖަށް ދަނީ 1000 މީހުންނެވެ. ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ފަސް ކުންފުންޏަކަށް 2،000 މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ދީފަ އެވެ.