Roadha Mihaaru
މާލީބަޔާނުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ލަފާދީފި

ރައީސްގެ މާލީ ބަޔާން ހުށަނާޅުއްވާ މައްސަލަ މަޖިލީހަށް ފޮނުވަން އޭސީސީ އިން ލަފާ ދީފި

30 އޮކްޓޯބަރ 2018

ރައީސް އަބްދުﷲ ޔާމީންގެ މާލީ ބަޔާން އޮޑިޓާ ޖެނެރަލަށް ހުށަހަޅުއްވާފައި ނުވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ހުށަހެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ލަފާ ދީފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ މާލީ ބަޔާން އޮޑިޓާ ޖެނެރަލަށް ހުށަހަޅުއްވާފައި ނުވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ހުށަހެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ލަފާ ދީފި އެވެ.

އޭސީސީ އިން މިއަދު އެގޮތަށް ލަފާ ދިނީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރައީސްގެ މާލީ ބަޔާން އޮޑިޓާ ޖެނެރަލަށް ހުށަހަޅުއްވާފައި ނުވާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން އޭސީސީ އަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ފަރާތަށް ޖަވާބު ދެމުންނެވެ.

ރައީސް ޔާމީންގެ މާލީ ބަޔާން ހުށަހަޅުއްވާފައިވޭތޯ ސާފު ކުރަން އޭސީސީ އިން އޮޑިޓް އޮފީހަށް ފޮނުވި ސިޓީއަކާ ގުޅިގެން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއި ކުރައްވައި، އޭސީސީއަށް މިމަހު ފޮނުއްވި ސިޓީއެއްގައި ވަނީ ރައީސްގެ މާލީ ބަޔާން 2013 ގެ ފަހުން ލިބިފައި ނުވާ ކަމަށެވެ.

މާލީ ބަޔާން ހުށަނާޅުއްވާ މައްސަލަ އޭސީސީއަށް ނުބެލޭނެ ކަމަށް އެ ކޮމިޝަނުން މިހާރު ވަނީ ނިންމައިފަ އެވެ. އެ މައްސަލަ ހުށަހެޅި ފަރާތަށް އޭސީސީން ފޮނުވި ޖަވާބުގައިވަނީ ރައީސްގެ މާލީ ބަޔާން ހުށަނޭޅުއްވި މައްސަލާގައި އޮޑިޓާ ޖެނެރަލް ފިޔަވަޅެއް އަޅާފައި ނެތުމަކީ އޮޑިޓާ ޖެނެރަލްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ކަމެއް ނޫން ކަމަށެވެ. އެހެންވެ، އެ މައްސަލަ އެ ކޮމިޝަނަށް ނުބެލޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.

އެކަމަކު އެ މައްސަލަ މަޖިލީހުގައި މާލިއްޔަތު ކޮމެޓީއަށް ހުށަހަޅައިގެން ކުރިއަށް ގެންދެވިދާނެ ކަމަށް އެ ކޮމިޝަނުން ދެކޭ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.

ރައީސް ޔާމީން މާލީ ބަޔާން ހުށަނާޅުއްވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރުމުން ރައީސް އޮފީހުން ކުރިން ބުނެފައިވަނީ އެމަނިކުފާނު މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު މާލީ ބަޔާން ހުށަހެޅުއްވި ކަމަށެވެ. އެކަމަކު މާލީ ބަޔާންތަކުގެ އާ ފޯމެޓެއް އޮޑިޓް އޮފީހުން ފަހުން ނެރެފައިވާތީ އެ ފޯމެޓާ އެއްގޮތަށް ވަރަށް އަވަހަށް ރައީސްގެ މާލީ ބަޔާން ހުށަހަޅުއްވާނެ ކަމަށް ރައީސް އޮފީހުން ކުރިން ބުނެފައިވެ އެވެ.