Roadha Mihaaru
ފެނަކައިގެ ގަރާރު ބަލައިގަނެ، އިންތިހާބީ ނުފޫޒުގެ ގަރާރު ބޭރު

ފެނަކައިގެ ގަރާރު ބަލައިގަނެ، އިންތިހާބީ ނުފޫޒުގެ ގަރާރު ބޭރުކޮށްފި

25 އޮކްޓޯބަރ 2023

ދައުލަތުގެ ޔުޓިލިޓީ ކުންފުނި ފެނަކަ ކޯޕަރޭޝަނުން ކުންފުނިތަކަށް ފައިސާ ނުދިނުމާއި ދަރަނީގެ މައްސަލަތަކާ ގުޅޭ ގަރާރު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގަނެ އެކަމަކު އިންތިހާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒު ފޯރުވާ ކަމަށް ބުނެ ހުށަހަޅާފައިވާ ގަރާރު ބޭރުކޮށްލައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ދައުލަތުގެ ޔުޓިލިޓީ ކުންފުނި ފެނަކަ ކޯޕަރޭޝަނުން ކުންފުނިތަކަށް ފައިސާ ނުދިނުމާއި ދަރަނީގެ މައްސަލަތަކާ ގުޅޭ ގަރާރު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގަނެ އެކަމަކު އިންތިހާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒު ފޯރުވާ ކަމަށް ބުނެ ހުށަހަޅާފައިވާ ގަރާރު ބޭރުކޮށްލައިފި އެވެ.

ފެނަކައިން ކުދި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސް ކުރުމަށާއި މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމުގެ އިތުރުން ދަރަނިތައް އަދާކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވައިލަން ގޮވާލައި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރުގެ ބަހުސްގެ ތެރެއިން އިދިކޮޅު މެމްބަރުން ވަނީ އެ ކުންފުންޏަށާއި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ.

ފެނަކަ ކޯޕަރޭޝަނުން އެކި ޕްރޮޖެކްޓްތަކަށް ނުލިބި 300 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އެބަ ހުރި ކަމަށް މިދިޔަ މަހުގެ ތެރޭގައި ކޮންޓްރެކްޓަރުންތަކެއް ބުނެފައިވާ އިރު، ފައިސާ ނުދިނުމުގެ ސަބަބުން ގިނަ ކުންފުނިތަކެއް ބަނގުރޫޓުވެފައިވާ ކަމަށް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން، ފެނަކައިގެ ތެރެއިން ހިންގާފައިވާ އެތައް މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާކަން ވެސް މެމްބަރުން ވަނީ ބަހުސްގެ ތެރެއިން ފާހަގަކުރައްވައިފަ އެވެ.

އޭގެ ރައްދުގައި، ސަރުކާރު މެމްބަރުން ވަނީ ފެނަކައިގެ ދިފާއުގައި ވަރަށް ބޮޑަށް ވަކާލާތު ކުރައްވައިފަ އެވެ. ފެނަކައިގެ ސަޕްލަޔަރުންނަށް ފައިސާ ނުދެވޭނީ، އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ނުލިބޭތީ ކަމަށް ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ. އަދި ފެނަކައިގެ ތެރެއިން ވެސް ކޮރަޕްޝަން ހިންގޭނީ ސަޕްލަޔަރުންގެ ބައިވެރިވުން އޮވެގެން ކަމަށް ތުހުމަތު ކުރައްވައި، މެމްބަރުން ވަނީ ސަޕްލަޔަރުންގެ މައްސަލަތައް ވެސް ބަލަންޖެހޭނެ ކަމަށް ގޮވާލައްވައިފަ އެވެ.

އެ ގަރާރާ ދެކޮޅަށް މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީ މެމްބަރުން ވާހަކަ ދެއްކެވި ނަމަވެސް، އެމްޑީޕީގެ ވެސް ވޯޓާ އެކު އެ ގަރާރު މިއަދު މަޖިލީހަށް ބަލައިގެންފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެމްބަރުން އިއްތިފާގުންނެވެ. އެ ގަރާރު ބަލައިގަތުމާ އެކު، ދިރާސާ ކުރަން ރިޔާސަތުން ވަނީ އެ ގަރާރު މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީއަށް ފޮނުވައިފަ އެވެ.

އިންތިހާބީ ނުފޫޒުގެ ގަރާރު ބޭރު

ފެނަކައިގެ މައްސަލަތަކާ ގުޅޭ ބަލައިގަތް ނަމަވެސް، އިންތިހާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒު ފޯރުވާ ކަމަށް ބުނެ އިދިކޮޅުން ހުށަހެޅި ގަރާރަށް އެމްޑީޕީގެ ތާއީދު ނުލިބި، މިއަދު ވަނީ ބޭރުކޮށްލައިފަ އެވެ.

އިންތިހާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒާއި ބާރުފޯރުވަމުން ދިޔުން ހުއްޓުވުމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި ގަރާރުގެ ބަހުސްގެ ތެރެއިން ނިމުނު ރިޔާސީ އިންތިހާބުގައި މި ސަރުކާރުން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރި ކަން އިދިކޮޅު ގިނަ މެމްބަރުން ވަނީ ފާހަގަކުރައްވައިފަ އެވެ.

އިންތިހާބާ ދިމާކޮށް، ބަޖެޓުގައި ނުހިމެނޭ މަޝްރޫއުތައް އިއުލާނުކުރުމާއި، ސަރުކާރު ކުންފުނިތަކުން ވަޒީފާ ދިނުމާއި ވަސީލަތްތައް ބޭނުންކުރި ކަމަށް އެ މެމްބަރުން ތުހުމަތު ކުރެއްވި އެވެ.

އޭގެ ރައްދުގައި ސަރުކާރު މެމްބަރުން ވަނީ ސަރުކާރަކުން އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށް ބަލާނެ މިންގަނޑަކީ ކޮބައި ކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ.

ދައުލަތުގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމާއި، ނަރުދަމާ އެޅުމާއި ޑިގްރީ އަށް ހިލޭ ކިޔަވައި ދިނުމަކީ ސަރުކާރުން ފޯރުވާ ނުފޫޒު ތޯ ނޫނީ ސަރުކާރަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތޯ ވެސް އެ މެމްބަރުން ސުވާލު ކުރެއްވި އެވެ.

އެ ގަރާރު މަޖިލީހަށް ބަލައިގަތުމަށް ނެގުނު ވޯޓުގައި، އެ ގަރާރު ބޭރުކޮށްލީ 22 މެމްބަރުން ދެކޮޅު ހެއްދެވުމުންނެވެ. އެ ގަރާރާ އެއްކޮޅަށް 15 މެމްބަރުން ވޯޓު ދެއްވި އިރު، ވަކި ކޮޅަކަށް ވޯޓު ނުދެއްވައި ދެ މެމްބަރަކު ތިއްބެވި އެވެ.