30 އޮކްޓޯބަރ 2018
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުކޮށް ނުކުރާ ކަމެއް އިއްޔެ ކޮށް ނިންމާލި އިރު އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން އެ ބޭންކަށް އަމާޒުވާ ވަރަށް ބޮޑު ތުހުމަތަކުން ސަލާމަތްވެވިދާނެ މައްސަލައެއް ފާހަގަކޮށްފި އެވެ؛ އެ ހިޔާނާތް ފަޅާއެރުމުގެ ކުރިން ވެސް އޭގެ މައުލޫމާތު، މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް އެންގި ކަމެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުކޮށް ނުކުރާ ކަމެއް އިއްޔެ ކޮށް ނިންމާލި އިރު އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން އެ ބޭންކަށް އަމާޒުވާ ވަރަށް ބޮޑު ތުހުމަތަކުން ސަލާމަތްވެވިދާނެ މައްސަލައެއް ފާހަގަކޮށްފި އެވެ؛ އެ ހިޔާނާތް ފަޅާއެރުމުގެ ކުރިން ވެސް އޭގެ މައުލޫމާތު، މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް އެންގި ކަމެވެ.
ދިވެހި ރައްޔިތުންގެ ފައިސާއަށް މިހާތަނަށް ވި އެންމެ ބޮޑު ހިޔާނާތުގެ މައި މުއާމަލާތްތައް ހިންގާފައި ވަނީ، އެމްއެމްޕީއާރުސީ އާއި އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފްގެ އެކައުންޓްތައް މެދުވެރިކޮށެވެ. މި ހިޔާނާތުގެ އަގު އެންމެ ކުޑަވެގެން ވެސް 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) އަށް އަރާނެ ކަމަށް ލަފާކުރެވޭ އިރު، ސަރުކާރުގެ ކުންފުންޏަކުން ފައިސާގެ ބޮޑެތި މުއާމަލާތްތަކެއް ހިންގަމުން ގެންދާކަން އެމްއެމްއޭއަށް އެނގި، ފިޔަވަޅު ނޭޅުމަކީ، ކުރިން ވެސް އެތައް ބަޔަކު ގަބޫލުކުރަމުން އައި ގޮތަށް، ވަރަށް ބޮޑު މައްސަލައެކެވެ.
ބީއެމްއެލް އިން އިއްޔެ ވަނީ، އެމްއެމްޕީއާރުސީ އާއި އެސްއޯއެފްގެ މުއާމަލާތްތަކެއްގެ މައުލޫމާތު ވަގަށް ނަގައިގެން އާންމު ކުރުމުން ބޭންކުން ކަނޑާލި ގާސިމް އަބްދުލްކަރީމާ މެދު އަމަލްކުރި ގޮތުގެ މައުލޫމާތު، އެ ބޭންކްގެ މުއައްޒަފުންނަށް، ބަޔާނެއްގެ ސިފައިގައި، ދީފަ އެވެ. ވަކި ކޭހަކާ ބެހޭ ގޮތުން މިހާ ތަފްސީލުކޮށް މުވައްޒަފުންނާ ބީއެމްއެލުން މައުލޫމާތު ހިއްސާކުރަނީ ވަރަށް މަދުންނެވެ.
ދެ ސަފުހާގެ އެ ބަޔާން ބައެއް މީޑިއާތަކަށް ލިބިފައިވެ އެވެ. އޭގައި ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރުސީ އާއި އެސްއޯއެފްއާ ދެމެދު ކޮށްފައިވާ "ޝައްކުކުރެވޭ މުއާމަލާތްތައް ކަމާ ބެހޭ މުއައްސަސާތަކަށް ވަނީ ރިޕޯޓްކޮށްފަ" އެވެ. ބީއެމްއެލުން އެ މައްސަލަ، ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައީ، ބަޔާނުގައިވާ ގޮތުން، އެމްއެމްޕީއާރުސީގެ މައްސަލަ ފަޅާއެރުމުގެ އަހަރެއްހާ ދުވަސް ކުރިން، ނޮވެމްބަރު 2014 ގަ އެވެ.
ބީއެމްއެލްގެ މި ވާހަކައިން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ، ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅުކުރެއްވި "ފިނިފެންމާ" ލޯންޗު ގޮއްވާލުމާ އެކު ފެންމަތިވުމުގެ މާ ކުރިން، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބިފައިވާނެ ކަން، އަނެއްކާވެސް މިވަނީ ކަށަވަރުވެފަ އެވެ. އެހެންކަމުން އެމްއެމްޕީއާރުސީގެ ހިނާޔާތަކީ މަރުކަޒީ ބޭންކަށް އެނގިގެން އެކަމަކު ފިޔަވަޅު ނޭޅި ދިޔަ ކަމެއް ކަމަށް ބުނާ މީހުންނަށް މިއީ އަނެއް ހެއްކެވެ.
އޭރު އެމްއެމްއޭގެ ގަވަރުނަރަކަށް ހުންނެވި ޑރ. އަޒީމާ އާދަމް ތަކުރާރުކޮށް ގެންދެވީ އޭނާ އާއި އެމްއެމްއޭ ދިފާއު ކުރައްވަމުންނެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އޭނާ އާއި އެމްއެމްއޭގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވަމުން ގެންދެވި އެވެ.
އެކަމަކު މައުލޫމާތު ހުރި ބައެއް މީހުން އޭރު ވެސް ބުނެފައިވާ ގޮތުގައި އޭރުގެ ބާރުގަދަ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސް އަހުމަދު އަދީބު، އެމްއެމްއޭ އަށް ވަޑައިގެން އަޒީމާއާ އެކު ބައްދަލުވުންތައް ބާއްވަވަ އެވެ. އެމްއެމްޕީއާރުސީގެ ހިނާޔާތް ފަޅާއަރައި، އެމްއެމްއޭގެ ނަން އޭގެ ތެރޭގައި ޚަރާބު ވަމުން ދިޔަ އިރު އަޒީމާ ވިދާޅުވެފައި ވަނީ އެކި މީހުންނާ ބައްދަލުކުރައްވާ އުސޫލުން އަދީބާ ވެސް ބައްދަލުކުރެއްވި ކަމަށެވެ.
ނަމަވެސް އަދީބު ވިދާޅުވެގެން ވަކި ކަމެއް ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކުރައްވާފައި ނުވާނެ ކަމަށް، ބައެއް މީހުން ކައިރީ، އޭނާ ވިދާޅުވެފައިވެ އެވެ.
އެމްއެމްޕީއާރުސީގެ އެތައް މިލިއަން ޑޮލަރެއްގެ ޗެކްތައް ވަންނަމުން ދިޔައީ އެސްއޯއެފްގެ އެކައުންޓްތަކަށެވެ. މަނީ ލޯންޑަރިން ހުއްޓުވުމާ ބެހޭ ގާނޫނު ދަށުން ބޭންކްތަކަށް ލާޒިމްވާ ކަންކަމުގެ ތެރެއިން އެއް ކަމަކީ 200،000ރ އަށް ވުރެ ބޮޑު މުއާމަލާތްތަކުގެ މައުލޫމާތު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ދިނުމެވެ.
ބީއެމްއެލްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި "ބޭންކްގެ މައްޗަށް ގާނޫނު ލާޒިމްކުރާ" އެ ވާޖިބު އަދާކުރި އެވެ. އެހެންކަމުން އެމްއެމްޕީއާރުސީ އާއި އެސްއޯއެފްއާ ދެމެދު ހިންގި ދިވެހި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްވުމުގެ މުއާމަލާތްތައް އެމްއެމްއޭގެ ވެރިންނަށް އެނގިވަޑައިނުގެން ކުރިއަށް ގެންދެވިދާނެ ކަމަކަށެއް ނުފެނެ އެވެ.
ފިރިކަލުން ޑރ. އަލީ ނަސީރު، ރާއްޖޭގެ ފަރާތުން އދ. ގައި ހުންނަވާ ސަފީރަކަށް ހަމަޖެއްސުމުން އަޒީމާ ވަނީ އެމްއެމްއޭ އިން އިސްތިއުފާ ދެއްވައި، ދިރިއުޅުން އެމެރިކާއަށް ބަދަލުކުރައްވައިފަ އެވެ. އެ ދުވަސްވަރު އޭނާ "ފިއްލަވަން އުޅުއްވަނީ" ކަމަށް އަޑުއެރުމުން އެކަން ދޮގުކުރައްވައި ވިދާޅުވެފައި ވަނީ "ރާއްޖެ އިން ބޭރަށް ބަދަލުވުމުގެ ޕްލޭނެއް ވެސް އަދި ނެތް" ކަމަށެވެ.
"އަޅުގަނޑުގެ ފިރިމީހާ ސަފީރު ކަމަށް ފުރަނީ އަންނަ އަހަރު. އެހެންވީމާ އަޅުގަނޑުގެ މައްޗަށް ތުހުމަތު ކުރަންޏާ ޝަރީއަތް ހިންގާނެހާ ދުވަސް އެބަ އޮތް ނޫންތޯ؟ އަޅުގަނޑު ނޯންނާނެ މަނީ ލޯންޑަރިންގެ އެއްވެސް ކަމެއްގައި ބައިވެރިވެފައެއް. އެއީ ޔަގީންކަމެއް،" ޖޫން 23، 2016 ގައި "މިހާރު"އާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
ބީއެމްއެލްގެ ބަޔާނުން ހުރިހާ ސުވާލަކަށް ޖަވާބެއް ނުލިބެ އެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތަށް ފަހު، އެ ބޭންކުން ކަސްޓަމަރުންނާ ގުޅައި، ވަކި މުއާމަލާތްތަކާ މެދު ސުވާލުކުރާ ގޮތަށް، އެމްއެމްޕީއާރުސީ އާއި އެސްއޯއެފްއާ އެ ސުވާލުތައް ކުރިތޯ ނުވަތަ ނޫންތޯ ސާފެއް ނޫނެވެ.
އެކަމަކު މަނީ ލޯންޑަރިންގެ އެ ބޮޑު ކަންތައްގަނޑާ އެކު ބީއެމްއެލްގެ އުސޫލުތަކަށް ބަދަލު ގެނަ އެވެ. އޭގެ ތެރޭގައި ވަކި އަދަދަކަށް ވުރެ މަތީގެ މުއާމަލާތްތައް ހިންގުމުން، ކަސްޓަމަރުންނަށް ގުޅައިގެން ބައެއް ކަންކަން ސާފުކުރުން ހިމެނެ އެވެ.
ޝައްކުކުރެވޭ މުއާމަލާމްތައް ބަލައި، ތަހުގީގުކުރުމާއި ތަހުގީގުކުރާ އެހެން އިދާރާތަކާ އެ މައުލޫމާތު ހިއްސާކުރުމަކީ ގާނޫނީ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ޒިންމާއެކެވެ. އެހެންކަމުން އެމްއެމްޕީއާރުސީ މެދުވެރިވެގެން ދިވެހި ރައްޔިތުންގެ އެތައް މިލިއަން ރުފިޔާއެއް ފޭރުމުގެ މުއާމަލާތްތަކެއް ހިންގަމުން ގެންދާކަމުގެ ރަނގަބީލު، ބީއެމްއެލްގެ މައުލޫމާތުތަކާ އެކު، އެމްއެމްއޭގެ ތެރޭގައި ޖެހެމުން އޭރު ގޮސްފައިވާނެކަން، ޔަގީނާ ގާތަށް މިހާރު އެނގެ އެވެ.
އާތިފްގެ ދިފާއީ ހެއްކަކަށް ނިޔާޒްގެ ނަން ހުށަހަޅައިފި
ބީއެމްއެލަކީ އިތުބާރު ހިފޭ ތަނަކަށް ވާން ބޭނުން:ނަޝީދު
ބީއެމްއެލްގެ ބޯޑު ޑިރެކްޓަރުން ވަކިކުރަން ޖެހޭ:ޔައުގޫބު
އެފްއައިޔޫން ފިޔަވަޅު އެޅި ނަމަ މުއާމަލާތް ހުއްޓުވުނީސް
ބީއެމްއެލްގެ ވާހަކަތައް މެމްބަރުން ގަބޫލެއް ނުކުރި!
"މުވައްޒަފުންނަށް ކުރި ތުހުމަތުގައި ހަގީގަތެއް ނެތް"
އެސްއޯއެފްގެ މުއާމަލާތްތައް ރިޕޯޓް ކުރިން: ބީއެމްއެލް
ޝައްކު އުފެދޭ މުއާމަލާތްތައް ބަލަން އެންގިން: އަޒީމާ
ކޮލަމް 7: މިއޮތީ އަދީބުގެ ވަގުތު އައިސްފައި!
ތުހުމަތެއް އުޅުނަސް، އެއީ އަޅުގަނޑުގެ ފައިސާ: ޔާމީން