Roadha Mihaaru
ކޮލަމް 7: މިއޮތީ އަދީބުގެ ވަގުތު އައިސްފައި!

ކޮލަމް 7: މިއޮތީ އަދީބުގެ ވަގުތު އައިސްފައި!

15 ފެބުރުއަރީ 2019

އެމްއެމްއާރުޕީސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ރައްޔިތުން ތުހުމަތުކުރަމުން އައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އިއްޔެ ފޭސްބުކް ސްޓޭޓަސްގައި "އަލްހަމްދުލިއްލާހި"އޭ ޖަހާފައި އޮތެވެ. އޭނާ ހިތުން އިއްޔެ އޭސީސީން އާންމުކުރި ރިޕޯޓްގައި އޭނާގެ ނަން ނެތުމުން އޭނާ ސަލާމަތްވީ އެވެ!

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

އެމްއެމްއާރުޕީސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ރައްޔިތުން ތުހުމަތުކުރަމުން އައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އިއްޔެ ފޭސްބުކް ސްޓޭޓަސްގައި "އަލްހަމްދުލިއްލާހި"އޭ ޖަހާފައި އޮތެވެ. އޭނާ ހިތުން އިއްޔެ އޭސީސީން އާންމުކުރި ރިޕޯޓްގައި އޭނާގެ ނަން ނެތުމުން އޭނާ ސަލާމަތްވީ އެވެ!

ހިޔާނާތުގެ ބޮޑު ރިޕޯޓް އޭސީސީން އިއްޔެ ނެރުމާ އެކު، ރާއްޖޭގެ ބައެއް ބޮޑެތި ވިޔަފާރިވެރިންނާއި ބައެއް މެމްބަރުންގެ ތެރެއިން ކޮންމެ މީހަކުހެން ވެސް އަހަމުން ދިޔައީ "އޭ މަގޭ ނަން އެބަ އޮތްހެއްޔޭ" އެވެ. ނަން ނެތުމުން ބައެއް މީހުން ހިތްހަމަޖެހުމުގެ ފުން ނޭވައެއް ލިޔެވެ. ނަން އޮތް ބައެއް މީހުން ރުޅިގަނޑު ފަޅައިގެން ދިޔަ އެވެ. ނަން ހިމެނިގެން އެ މީސްމީހުން ދިފާއުގައި ވާހަކަ ދައްކައި، ބަޔާންތައް ނެރެން ފެށި އެވެ! އެކަމަކު އޭގެ ތެރެއިން ގިނަ މީހުންނަށް ނޭނގޭ ކަމަކީ، އެމްއެމްޕީއާރުސީގެ މި ރިޕޯޓަކީ މި ޚިޔާނާތުގެ މުޅި މަންޒަރު ނޫން ކަމެވެ. ރައްޔިތުން އަސްލު ބަލަން ބޭނުންވި ހިޔާނާތްތެރިންގެ ނަންތައް މި ރިޕޯޓަކު ނެތެވެ. މީގައި ބޮޑަށް އޮތީ، ރަށްތަކާ ގުޅުން ހުރި ތަހުގީގުތަކާއި އެ ފައިސާ ވަދެފައިވާ އެކައުންޓްތަކުގެ ތަފުސީލުތަކެވެ. އެއީ ހަގީގަތުގައި މާ އާ ވާހަކަތަކެއް ވެސް ނޫނެވެ. މި ރިޕޯޓުން މި ހިޔާނާތުގެ އަސްލު މަންޒަރު ފެންނާކަށް ނެތެވެ. އެކަން ފެންނަން އޮތީ، މި ރިޕޯޓްގައި މި ހިމެނޭ މުއާމަލާތްތަކަށް ފަހު، އެ ފައިސާ ދޮވެ ސާފުކޮށް ދެން ވީ ގޮތްތަކުންނެވެ.

އެކަން އެނގިވަޑައިގަންނަވާނެ ތިއްބެވީ ދެ ބޭފުޅެކެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސް އަހުމަދު އަދީބެވެ. މެމްބަރުންނަށް އެކި ފަހަރު ފައިސާ ދެއްވި ކަމަށް ރައީސް އަމިއްލަފުޅަށް އިއުތިރާފުވެވަޑައިގެންފައިވާތީ އެމަނިކުފާނަށް އެ ނަންތައް އެނގިވަޑައިގަންނަވާނެ އެވެ. އެ ފައިސާ ދެއްވަނީ އެމަނިކުފާނު ނޫން ކަމަށާއި އެ ފައިސާ ދެއްވަމުން އައީ އަދީބު ކަމަށް ރައީސް ވިދާޅުވެފައިވާތީ، އެކަން އެނގިވަޑައިގަންނަވާނެ ދެވަނަ ބޭފުޅަކީ، މި ހިޔާނާތުގެ މުގުލުގައި ހުންނެވި އަދީބު ކަމާ ދޭތެރޭ ޝައްކެއް ނެތެވެ.

އިއްޔެގެ ރިޕޯޓްގައި ނަން ނެތަސް، އޭގެ މާނައަކީ ދެން ތިއްބެވި މަޖިލީހުގެ މެމްބަރުން (ވަރަށް ގިނަ މެމްބަރުން) ސާފު ހުދު ފޮތިކޮޅަކަށް ވީއެއް ނޫނެވެ. އަދި ރިޕޯޓްގައި ނަން އޮތަސްް، އެއީ މުޅިން ޚިޔާނާތްތެރިންގެ ގޮތުގައި ބެލެވޭކަށް ވެސް ނެތެވެ. މި ރިޕޯޓަށް ފަހު މި މައްސަލަ އަދިވެސް އިތުރަށް ތަހުގީގު ކުރެވެން އެބަ ޖެހެ އެވެ. ސަބަބަކީ، ރަށްތައް ވިއްކައިގެން ލިބިފައިވާ ފައިސާގެ ތެރެއިން 1.4 ބިލިއަން ރުފިޔާ އަށް ވީނުވީ އެނގެން ޖެހޭތީ އެވެ. ބުނެވޭ ގޮތުގައި އޭގެ ތެރެއިން ވަރަށް ގިނަ ފައިސާ ހޭދަކުރެވިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި، ފަނޑިޔާރުންނަށާއި އެކިއެކި މުއައްސަސާތަކުގެ މެމްބަރުން "ގަނެލުމަށެ"ވެ. އެހެންވެ، ފައިސާ ބެހުމަށް ޓަކައި އަދީބު ބޭނުންކުރެއްވި އެސްއޯއެފްގެ އެކައުންޓްތަކުން ފައިސާ ވިތުޑްރޯ ކުރުމަށް ފަހު ކޮތަޅުކޮތަޅަށާއި ގޯނި ގޯންޏަށާއި ދަބަސްތަކަށް އަޅައިގެން ބެހި ގޮތުގެ ތަފުސީލުތައް ރައްޔިތުން އެބަ ބޭނުންވެ އެވެ.

މި ދެންނެވި ފައިސާ ހޭދަކުރި ގޮތް އެންމެ ބޮޑަށް އެނގިވަޑައިގަންނަވާނީ އަދީބަށެވެ. އެ ފައިސާ ހޭދަކުރި ކަންކަމާއި ފައިސާ ދިން ވަރާއި ފައިސާ ދިން މީސްމީހުންގެ ނަންތައް ހާމަކުރެވެން އޮތީ އަދީބަށެވެ. އެއީ ތަހުގީގީ އިދާރާއަކަށް ނުވަތަ މުއައްސަސާއަކަށް ކުރެވެން އޮތް ކަމެއް ނޫނެވެ. އަދި ބެލެވޭ ގޮތުގައި އޭގެ ތެރެއިން ގިނަ ފައިސާ (އޭރު ފައިސާ ބެހި ގޮތާ ބެހޭ ގޮތުން ދައްކާ ވާހަކަތަކަށް ބަލާއިރު) މީސްމީހުންނަށް ދީފައި ވަނީ ވެސް އެއްވެސް ލިޔެކިޔުމެއް ނެތި ކަމަށް ވާތީ، ހަމައެކަނި ތަފުސީލުތައް އެނގިވަޑައިގަންނަވާނީ ވެސް އަދީބަށް އެކަންޏެވެ! އެހެންވެ، މި މައުލޫމާތު ހާމަކޮށް އަދީބުގެ އަތުން ފައިސާ ނަގާފައިވާ މީސްމީހުންނަކީ ކޮން ބައެއްކަން ފަޅާއަރުވާލުމަކީ މިހާރު ކުރަން ވެއްޖެ ކަމެކެވެ.

ސުވާލަކީ މިއީ އަދީބު ކުރައްވަން ޖެހޭ ކަމެއްތޯ އެވެ! އަޅުގަނޑުގެ ޖަވާބަކީ އާނއެކޭ އެވެ! އޭގައި ވަރަށް ބައިވަރު ސަބަބުތަކެއް އެބަ ހުއްޓެވެ! އޭގެ ތެރެއިން އެއް ކަމަކީ މިއީ ދައުލަތުންް ވަގަށް ނަގާފައިވާ ފައިސާކަން އެނގި ތިބެ އޭގެ ބޭނުން ދައުލަތުގެ އިސް މީހުން ކުރުމެވެ. ދެވަނަ ކަމަކީ ރައްޔިތުންގެ ވޯޓުން އައިސް މަޖިލީހަށް ވަދެ ތިބި މެމްބަރުންތަކެއް އެ ފައިސާގައި ވޯޓު ވިއްކީތީ އެވެ. (މިކަމަށް ބާރު ލިބޭ ވާހަކަތަކެއް އިއްޔެ އާންމުކުރި އޭސީސީގެ ރިޕޯޓްގައި ވެސް ހިމެނެ އެވެ.) އަނެއް ކަމަކީ، ހަމަ އެ މީހުންގެ ތެރެއިން ބައެއް މީހުން އަނެއްކާ ވެސް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރަން ނުކުމެދާނެ ކަމުގެ ބިރު އޮތުމެވެ. ދެން އޮތް ކަމަކީ، ޖުޑިޝަރީގައި މިފަދަ ރިޝްވަތެއް ހިފައިގެން ހުކުމްކޮށްފައިވާ ނަމަ، އެ މީހަކު ކޯޓުން ވަގުތުން ބޭރުކުރަން ޖެހޭތީ އެވެ. މުއައްސަސާތައް ހިންގަން ތިބި މީހުން ރިޝްވަތު ނަގައިގެން ތިބެ އާންމުންގެ ހައްގުތަކަށް އަރައިގެންފައި އޮވެދާނެތީ އެވެ. އެހެންވެ، އަދީބުގެ އަތުން ފައިސާ ހޯދައިގެން އެއްވެސް ކަމެއް، އެއްވެސް މީހަކު ހިންގާފައިވާ ނަމަ އެކަން އަދީބު މިއަދު ރައްޔިތުންނަށް ތެދުވެރިކަމާ އެކު ކިޔައިދެއްވަން ޖެހެ އެވެ. ހާމަކުރެވެން ހުރި ހެއްކެއް، ލިޔުމެއް، ނުވަތަ އެހެން އެއްޗެއް ވިޔަސް އަވަހަށް ހާމަކުރެއްވުން މުހިންމެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ އާދައިގެ ކަމެއް ނޫނެވެ. މިއީ ތަހުގީގުގެ އެއްބައި ފުރިހަމަކޮށްލައިގެން ނިންމާލެވެން އޮތް މައްސަލައެއް ވެސް ނޫނެވެ. މިއީ ދިވެހި ކޮންމެ ރައްޔިތަކާ ގުޅުން އޮތް ބޮޑު މައްސަލައެކެވެ. އެފްޕީއައިޑީގެ ޚިޔާނާތާ ހިލާފަށް މި ހިޔާނާތުން ލިބިފައިވާ ގިނަ ފައިސާ ބޭނުންކޮށްފައި ހުރީ "ދައުލަތެއް ގަނެލަން" ކަމަށް ތުހުމަތު ކުރެވޭތީ މީގެ އެންމެ ފުނަށް އެބަ ފީނަން ޖެހެ އެވެ. އޭގެ ތެރެއިން އެންމެ ލޯ ލާރިއެއްގައި ޖެހިފައި ހުއްޓަސް، އެ މީހަކު ވަގުތުން ހައްޔަރުކޮށް ހަރުކަށި އަދަބު ދޭން ޖެހެ އެވެ. އަދި ދައުލަތުން ގެއްލުނު އެ ފައިސާ ރައްޔިތުންނަށް ހޯދައިދޭން ޖެހެ އެވެ. މި ފައިސާ އަނބުރާ ހޯދުމުގައި އެންމެ ބޮޑީ އަދީބުގެ ރޯލެވެ.

މި ބޮޑު ހިޔާނާތުން އަސްލު ފެންނަން މިއޮތީ ބައިކުޅަ ބައެވެ. މާނައަކީ، ފިޔަވަޅު އަޅަން ބަލާއިރު، އެންމެ ދެތިން މީހަކަށް ފިޔަވަޅު އަޅައިގެން މިކަން ނިންމާލެވޭކަށް ނެތެވެ. ފައިސާ ހޯދި މީހުންނާއި އެ ފައިސާ އިން ކުރި ވިޔަފާރިތަކާއި އޭރު އިރުއިކޮޅަކާ އަދީބު ކައިރިއަށް ދިޔަ ދައުލަތުގެ ވެރިންނާއި މި ފައިސާގައި ހިފައިގެން އަނިޔާވެރިވި އެންމެންގެ މައްޗަށް ޝަރީއަތް ހިންގެން ޖެހެ އެވެ. މިއީ ރަައްޔިތުންގެ ފައިސާ އެވެ. އެއީ ވަކި ބަޔަކު ނާޗަރަންގީ ކުޅެން ހުރި ފައިސާއެއް ނޫނެވެ.