Roadha Mihaaru

އިބޫ ހުވާ ކުރައްވާނެ ދުވަސް ސޫމޯޓޯއަކުން ނިންމިދާނެ: ދީދީ

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާ ކުރައްވާނީ ނޮވެމްބަރު 11 ވަނަ ދުވަހު ކަމަށް، ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމަށް ބަލާ ސޫމޯޓޯ މައްސަލައަކުން ނިންމިދާނެ ކަމަށް އިބޫގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވި، މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ މިރޭ ވިދާޅުވެއްޖެ އެވެ.

އިބޫ ހުވާ ކުރައްވާނެ ދުވަސް ސޫމޯޓޯއަކުން ނިންމިދާނެ
އަހުމަދު ސާއިލް އަލީ
އަހުމަދު ސާއިލް އަލީ

29 އޮކްޓޯބަރ 2018

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާ ކުރައްވާނީ ނޮވެމްބަރު 11 ވަނަ ދުވަހު ކަމަށް، ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމަށް ބަލާ ސޫމޯޓޯ މައްސަލައަކުން ނިންމިދާނެ ކަމަށް އިބޫގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވި، މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ މިރޭ ވިދާޅުވެއްޖެ އެވެ.

އިބޫ ހުވާ ކުރައްވާނީ ނޮވެމްބަރު 17 ގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިއްތިފާގުން އިއްޔެ ފާސްކޮށްފައިވާ އިރު މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިބްރާހީމް ދީދީ ސަންގު ޓީވީގައި މިރޭ ވިދާޅުވީ އޭނާ ގަބޫލު ކުރައްވާ ގޮތުގައި އިބޫ އަށް އަންނަ މަހު 11ގައި ހުވާ ކުރެއްވެން ޖެހޭނެ ކަމަށެވެ.

ދެ ހާސް ތޭރައިގެ ރިޔާސީ އިންތިޚާބު ފަސްވުމާ ގުޅިގެން ރިޔާސީ ދައުރު ހަމަވިއިރު ވެސް އާ ރައީސަކު އިންތިޚާބު ކުރެވިފައި ނުވާތީ، ނޮވެމްބަރު 17، 2013 ގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން މަގާމާ ހަވާލުވެވަޑައިގަންނަވަންދެން، އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަގާމުގައި ދެމިހުންނެވި އެވެ.

އެފަހަރު އެ މައްސަލަ ބޮޑުވުމުން، އިބޫ އޭރު މަޖިލީހަށް ހުށަހެޅުއްވީ ނޮވެމްބަރު 11ގައި ދައުރު ހަމަވުމުން، ރައީސާއި ނައިބު ރައީސްގެ މަގާމު އެއްފަހަރާ ހުސްވާ ހާލަތުގައި އަމަލު ކުރުމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮންނަ އުސޫލުން، އައު ރައީސް މަގާމާ ހަވާލުވެވަޑައިގަންނަވަންދެން، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ މަޖިލީހުގެ ރައީސް ހަވާލުވެެވަޑައިގަތުމަށެވެ.

ދީދީ ވިދާޅުވީ އެ ދުވަހު ވެސް އަދި މިއަދު ވެސް އިބޫ ފާހަގަ ކުރައްވާފައި އެވަނީ އެ ހާލަތުގައި ކަންކުރުމަށް ގާނޫނު ބުނާ ގޮތް ކަމަށެވެ. އަދި އިބޫގެ ރިޔާސީ ދައުރު ނިމި ދެން ވަޑައިގަންނަވާ ބޭފުޅެއް ހުވާ ކުރައްވާނެ ދުވަހަކީ ނޮވެމްބަރު 11 ކަމަށް ހަމަޖައްސަވާނެ ކަމަށް އިބޫ އިއްޔެ ވިދާޅުވި ކަމަށާއި އެއީ ރީތި މިސާލެއް ކަމަށް ދީދީ ވިދާޅުވި އެވެ.

"ވަރަށް ރީތި ގޮތަކަށް އެ މަނިކުފާނު [އިބޫ] މި ފައްޓަވަނީ ވެސް. އެންމެ ހަތް ދުވަހާ ހެދި ކޯޓަށް ވަޑައިގެން ހަނގުރާމައެއް ކުރުމުގެ ބަދަލުގައި. ވަރަށް ސާފުކޮށް މި ކަން މި އޮތީ ފެންނަން،" ދީދީ ވިދާޅުވި އެވެ.

އިބޫ އިއްޔެ މަޖިލީހުގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް އެ މަނިކުފާނާ ދިމާލަށް ބުނާނެ ޖާގަ ދެއްވަން ބޭނުންފުޅު ނުވާ ކަމަށެވެ. އިބޫ ވިދާޅުވީ ރައީސް ކަމުގެ ހުވާ ކުރައްވަން ބޭނުންފުޅު ވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އިބޫ ވިދާޅުވީ އެ މަނިކުފާނު ހުވާ ކުރާނެ ދުވަހަކާ މެދު ހިޔާލު ތަފާތު ވެފައިވާއިރު، މިފަދަ ކަމެއް ނިންމަން ޖެހޭނީ އެންމެން އެއްބަސްވެވޭ ގޮތެއް ހޯދައިގެން ކަމަށެވެ. އަދި މަޖިލީހުން ކަމެއް ނިންމަން ވާނީ ސާފު ކުރަން ހުރި ކަންކަން ސާފުކޮށް ނިންމުމަށް ފަހު ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އިބޫގެ އެ ވާހަކަ ފުޅުންވެސް އެ މަނިކުފާނުގެ ވެރިކަމުގައި ކަންކަމުގައި ހިޔާލު ތަފާތުވުންތައް ހިނގާ ފަދަ މައްސަލައެއްގެ ތެރެ އަށް ދިއުމުގެ ފުރުސަތު ނުދެއްވާކަން އެނގިގެން ދާ ކަމަށް ދީދީ ވިދާޅުވި އެވެ.

ދެހާސް ތޭރަ ވަނަ އަހަރުގެ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލްކުރުމުން، އަނެއްކާ ވެސް އާ ބުރެއް ބޭއްވި އެވެ. އަދި އެ ބުރުން ނަތީޖާއެއް ނުނިކުތުމުން، ދެ ވަނަ ބުރެއް ބާއްވަން ޖެހުނީ ނޮވެމްބަރު 16 ގަ އެވެ. ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ފަސް އަހަރުގެ ރިޔާސީ ދައުރު ނޮވެމްބަރު 11 އަށް ހަމަވިޔަސް، ޚާއްސަ ހާލަތެއް ދިމާވުމުން އެ ފަހަރު އެންމެ މަތީ ކޯޓުން ނިންމީ އޭރުގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަން، އިންތިހާބު ބާއްވައި، އާ ރައީސަކު ހުވާކުރަންދެން ދެމިގެންދާނެ ކަމަށެވެ. ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތީ ނޮވެމްބަރު 17، 2013 ގަ އެވެ.

ރައީސް ޔާމީން ވެރިކަމުގެ އިގްރާރުގައި ސޮއި ކުރެއްވީ ނޮވެމްބަރު 17، 2013 ވަނަ ދުވަހުން ފެށިގެން، ފަސް އަހަރުގެ މުއްދަތަށް ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި އެ އިގްރާރުގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި މަޖިލީހުގެ އޭރުގެ ރައީސް ޝާހިދު ވެސް ސޮއި ކުރެއްވި އެވެ.