26 އޮކްޓޯބަރ 2018
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ފ. ނިލަންދޫ އަތުން 3-0 އިން ކްލަބް ގްރީން ސްޓްރީޓްސް މޮޅުވެއްޖެ އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ފ. ނިލަންދޫ އަތުން 3-0 އިން ކްލަބް ގްރީން ސްޓްރީޓްސް މޮޅުވެއްޖެ އެވެ.
މި މޮޅާ އެކު ގްރީން ސްޓްރީޓްސް އޮތީ ކުޅުނު 11 މެޗުން 20 ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ. ނިލަންދޫ ލީގުގެ އަށް ވަނައިގައި އޮތީ 11 މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ.
މި މެޗަށް ނުކުތްއިރު ކާޑު ހަމަވުމުގެ ސަބަބުން ގްރީން ސްޓްރީޓްސްގެ ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) ވަނީ ސަސްޕެންޑްވެފަ އެވެ. ގްރީން ސްޓްރީޓްސްގެ ކެޕްޓަންކަން މި މެޗުގައި ކުރީ އެ ޓީމުގެ ޑިފެންޑަރު މުހައްމަދު ސާއިފް އެވެ. އަނެއްކޮޅުން ނިލަންދޫގެ ގޯލްކީޕަރު އަލީ ސޮބާހަށް ކާޑުހަމަވެ، ސަސްޕެންޝަނުގައި ހުރުމުން އެ ޓީމުގެ ގޯލު ބެލެހެއްޓީ ބަދަލު ކީޕަރު ހަސަން ވަހީދު އެވެ.
މެޗު ފަށައިގެން ދެ ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އިން ލީޑުނެގީ މެޗުގެ ދެ ވަނަ މިނިޓްގައި ނިލަންދޫގެ އަހުމަދު ސާޖިދު އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އޭގެ ފަހުން ގްރީން ސްޓްރީޓްސް އަށް އިތުރު ލަނޑެއް ޖަހައިދޭން ކޮލަމްބިއާގެ ފޯވާޑް ހޯސޭ އަވީލާ އާއި ޔޫކްރޭނުގެ ފޯވާޑް ރޮލަންޑް ރަސެލް އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.
ފުރަތަމަ ހާފްގައި ނިލަންދޫ އަށް ނަތީޖާ ހަމަހަމަ ކޮށްދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެ ޓީމުގެ މެދުތެރެއަށް ކުޅޭ އަހުމަދު ނަބީލް އަށެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ ނަބީލް ފޮނުވާލި ނަމަވެސް ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު މުހައްމަދު ޖަޒްލާން (ބަބޭ) ވަނީ މަތަކޮށްފަ އެވެ.
ގްރީން ސްޓްރީޓްސްގެ ދެ ވަނަ ލަނޑަކީ މެޗުގެ 34 ވަނަ މިނިޓްގައި ނިލަންދޫގެ ކީޕަރު ހަސަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ގްރީން ސްޓްރީޓްސްގެ އަހުމަދު ރިލްވާން (ރިލޭ) ހާފުގެ މެދުތެރެއިން ލިބުނު ހިލޭ ޖެހުމަކުން ޖެހި ބޯޅަ ހުރަސްދަނޑީގައި ޖެހިފައި ފެނުގައި ޖެހުނު ވަގުުތު ކީޕަރު ހަސަން އަތުން ވަނީ ބޯޅަ އެތެރެއަށް ވަދެފަ އެވެ. އެ ބޯޅަ ގޯލަށް ނުވަންނަ ކަމަށް ބުނެ ނިލަންދޫގެ ބެންޗުން ވަނީ ވަރަށް ބޮޑަށް އެޕީލްކޮށްފަ އެވެ.
ދެ ވަނަ ހާފް ފަށައިގެން ދެ ވަނަ މިނިޓްގައި ނިލަންދޫގެ ކުޅުންތެރިން ކުރިއަށް ޖެހިގެން ކުޅެ ގްރީން ސްޓްރީޓްސްގެ ފަހަތަށް ބާރުބޮޑުކުރި އެވެ. މެޗުގެ 47 ވަނަ މިނިޓްގައި އޭރިއާތެރެއިން ނިލަންދޫގެ އަލީ އާދިލް އަށް ލިބުނު ފުރުސަތު ވެސް ދިޔައީ ބޭނުންނުކުރެވި އެވެ.
ގްރީން ސްޓްރީޓްސްގެ ތިން ވަނަ ލަނޑު މެޗުގެ 81 ވަނަ މިނިޓްގައި ޖެހީ ރަސެލް އެވެ. އަވީލާ ނަގައިދިން ހުރަހަކުން ރަސެލް މި ލަނޑު ޖެހީ ބޮލުންނެވެ. އޭގެ ފަހުން އެ ޓީމަށް ލަނޑު ޖަހަން ލިބުނު ބޯޅަތަކުގެ ބޭނުމެއް ނުކުރެވުނެވެ.
މެޗާ ބެހޭގޮތުން ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ މިއީ ވަރަށް ދަށް ކުޅުމެއް ފެނުނު ދުވަހެއް ކަމަށާއި އެހެން ނަަމަވެސް މޮޅެއް ހޯދައި ތިން ޕޮއިންޓް ހޯދުމަކީ ހިތްހަމަ ޖެހޭ ކަމެއް ކަމަށެވެ. މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އަނިޔާ އާއި ސަސްޕެންޝަނުގެ ސަބަބުން އެއްވެސް މިޑްފީލްޑަރެއް ނެތުން ކަމަށް ވެސް އޭނާ ބުންޏެވެ.
"ގްރީން އަށް ވަރަށް އާދައިގެ ގޮތަކަށް ދިޔަ ދުވަހެއް. މެދުތެރެ ވަރަށް ދަށްކޮށް ފެނުނީ އަނިޔާ އާއި ސަސްޕެންޝަނުގެ ސަބަބުން މިޑްފީލްޑަރެއް ނެތް. ބަދަލުކޮށްލަން ބަލާއިރު ވެސް ޑިފެންޑަރުން ލައިގެން ކުޅުނީ. އެކަމަކު ތިން ޕޮއިންޓް ލިބުމުން ހިތްހަމަ ޖެހޭ އެއީ ގަދަ ހައެއްގެ ތެރޭގައި އޮންނަން މި ޕޮއިންޓްތައް މުހިއްމު ވާތީ،" ސުޒޭން ބުންޏެވެ.
ނިލަންދޫގެ ކޯޗު އާދަމް އަބްދުއްލަތީފް (ލައްޗޭ) ބުނީ މިއީ ޕޮއިންޓެއް ވަރު ހޯދޭނެ މެޗެއް ކަމަށާއި އެކަން ހާސިލްނުވީ ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށެވެ. އަދި ނިލަންދޫގެ ޓާގެޓަށް އަދި ވާސިލްވެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވެސް ބުންޏެވެ.
"ބަލިވީމަ ހިތްހަމައެއް ނުޖެހޭ. މިއީ ޕޮއިންޓެއް ނެގޭ ކަހަލަ މެޗެއް. އެކަމަކު ދެ ވަނަ ކީޕަރު ލައިގެން ފުރަތަމަ ފަހަރަށް ކުޅެން ޖެހުނު މެޗެއް ވީމަ އޭނަ އަށް ވެސް ގޯސްތަކެއް ހެދުނު. އަޅުގަނޑުމެންގެ ޓާގެޓަކީ މިނިވަން ޗެމްޕިއަންޝިޕުން އައި ޓީމުތަކުގެ ތެރެއިން އެންމެ މަތިން ނިންމުން. އެކަން ހާސިލްވުމުގެ އުއްމީދު އެބައޮތް. ވަރަށް މަސައްކަތްކުރާނަން،" ކުރީގެ އެއް ވަނަ ފޯވާޑް ލައްޗޭ ބުންޏެވެ.
ލީގުގައި މިރޭ މާޒިޔާ ބައްދަލުކުރާނީ ކްލަބް އީގަލްސްއާ އެވެ.
ގްރީން އަތުން މިފަހަރު ވެސް ވެލެންސިއާ ބަލިވެއްޖެ
މޮޅުވާން ދިޔަ ގްރީން އަށް ޔޫވިން ހުރަސް އަޅައިފި
ދެވަނައިގައި އީގަލްސްއިން ފުރަތަމަ ބުރު ނިންމާލައިފި
ގްރީން އަޑިއަޅާލައިފި، ކޯޗު ބުނަނީ ޒިންމާ ނަގާ ކަމަށް
އީގަލްސްއިން ގްރީން ބަލިކުރުމުން ވެލެންސިއާ ފައިނަލަށް
ޗޯޓްގެ ހެޓްރިކުން ގްރީން އިން ޓީސީ ބަލިކޮށްފި
ސަސް ބަލިކޮށް، ގްރީން ހަމަޖެހިލައިފި
ގްރީން ސްޓްރީޓްސް އިން ޔޫވީ ބަލި ކޮށްފި
ގްރީން ބަލިކޮށް ވެލެންސިއާ އެއްވަނަ އަށް
މޮޅުވީ މާޒިޔާ، އެކަމަކު ކޯޗު ހިތްހަމަނުޖެހިފައި