Roadha Mihaaru
ލިއޮނާޑޯ އާއި ސްކޮސިސް އަނެއްކާ ވެސް އަތުގުޅާލައިފި

ލިއޮނާޑޯ ޑި ކެޕްރިއޯ އާއި މާޓިން ސްކޮސިސް އަނެއްކާ ވެސް އަތުގުޅާލައިފި

27 އޮކްޓޯބަރ 2018

މީގެ ކުރިން ވެސް ކުޅަދާނަ ޑައިރެކްޓަރު މާޓިން ސްކޮސިސްއާ އެކު "ވުލްފް އޮފް ވޯލް ސްޓްރީޓް" ފަދަ ކާމިޔާބު އަދި މޮޅެތި ފިލްމުތުތައް ކުޅެފައިވާ އެކްޓަރު ލިއޮނާޑޯ ޑި ކެޕްރިއާ އޭނާގެ އާ ފިލްމަކަށް އަނެއްކާ ވެސް ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ކުރިން ވެސް ކުޅަދާނަ ޑައިރެކްޓަރު މާޓިން ސްކޮސިސްއާ އެކު "ވުލްފް އޮފް ވޯލް ސްޓްރީޓް" ފަދަ ކާމިޔާބު އަދި މޮޅެތި ފިލްމުތުތައް ކުޅެފައިވާ އެކްޓަރު ލިއޮނާޑޯ ޑި ކެޕްރިއާ އޭނާގެ އާ ފިލްމަކަށް އަނެއްކާ ވެސް ސޮއިކޮށްފި އެވެ.

މި ފަހަރު ލިއޮނާޑޯއާ އެކު ސްކޮސިސް ހަދަން ނިންމާފައި ވަނީ "ކިލާޒް އޮފް ދަ ފްލާވާ މޫން" އެވެ. މިއީ މިދިޔަ އަހަރު ޑޭވިޑް ގްރަން ހަމަ އެ ނަމުގައި ގެނެސް ދިން ވާހަކަ އަށް ބިނާކޮށް ހަދާ ފިލްމެކެވެ.

ފިލްމާ ބެހޭ ގޮތުން 75 އަހަރުގެ ޑައިރެކްޓަރު ބުނީ މި ވާހަކަ ކިޔަން ފެށި ހިސާބުން މީގެ ހާދިސާތައް ބޮޑު ސްކްރީންނަށް ގެނައުމުގެ ޝައުގުވެރިކަން އުފެދުނު ކަމަށެވެ. އެހެންވެ "ކިލާޒް އޮފް ދަ ފްލާވާ މޫން" ގެ ބޮޑު ސްކްރީނުގައި ކިޔައި ދޭން ފުރުސަތު ލިބުމާއި ލިއޮނާޑޯއާ އެކު އަނެއްކާ ވެސް ފިލްމެއްގެ މަސައްކަތް ކުރަން ފުރުސަތު ފަހިވެގެން ދިއުމުން ވަރަށް ހިތްހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

"މިއީ އަހަރެން އެއް ފަހަރު ކިޔާލައިގެން ފިލްމެއް ހެދުމުގެ ޝައުގުވެރިކަން އުފެދުނު ވާހަކައެއް. ވާހަކައިގެ ސެޓިން އާއި ހާދިސާތަކާއި ކެރެކްޓާތައް ވަރަށް ވެސް ފުރިހަމައި ޝައުގުވެރި،" ލިއޮނާޑޯއާ އެކު "ދި އޭވިއޭޓާ" އާއި "ގޭންގްސް އޮފް ނިއު ޔޯކް" ވެސް ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ.

"ކިލާޒް އޮފް ދަ ފްލާވާ މޫން" އާ ގުޅޭ ޓްވީޓެއް.

"ކިލާޒް އޮފް ދަ ފްލާވާ މޫން" ގައި ކިޔައި ދެނީ 1920 ގައި ތެލުގެ މުއްސަނދިކަން ލިބިފައިވާ ގައުމެއްގެ ދަހިވެތިކަމުގައި ހިންގާ ގަތުލުތަކެއްގެ ވާހަކަ އެވެ. މި ވާހަކަ ފިލްމެއްގެ ގޮތުގައި ގެނެސް ދޭން ނިންމާފައި ވަނީ އިމްޕެރޭޓިވް އެންޓަޓައިންމަންޓާ އެކު ސްކޮސިސް ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ ގޮތަށެވެ.

"ކިލާޒް އޮފް ދަ ފްލާވާ މޫން" ގެ ޝޫޓިން އަންނަ އަހަރުގެ ހޫނު މޫސުމުގައި ފަށަން ތާވަލުކޮށްފައިވާ އިރު، ފިލްމު ޝޫޓް ކުރާނެ ލޮކޭޝޭންތައް ހޯދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށަން ވަނީ ނިންމައިފަ އެވެ.

ސްކޮސިސްއާ އެކު ހަ ވަނަ ފިލްމެއްގައި މަސައްކަތް ކުރަން "ޓައިޓޭނިކް" އިން ވިދައިލި ލިއޮނާޑޯ އަށް ފުރުސަތު ލިބިގެން ދިޔަ އިރު، އޭނާ މިހާރު އަންނަނީ ކްއެންޓިން ޓެރެންޓީނޯގެ "ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް" ގެ މަސައްކަތް ކުރަމުންނެވެ. ބްރެޑް ޕިޓް ވެސް މުހިއްމު ރޯލެއް ކުޅޭ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޖުލައި، 26، 2019 ގަ އެވެ.

ދެހާސް ފަނަރައިގެ "ދަ ރެވެނަންޓް" އިން އެންމެ މޮޅު އެކްޓަރުގެ އޮސްކާ ހާސިލުކޮށްފައިވާ ލިއޮނާޑޯގެ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ހަދާފައިވާ 2016 ގެ ޑޮކިއުމަންޓްރީ ފިލްމު "ބިފޯ ދަ ފްލަޑް" އިންނެވެ.

ސްކޮސިސް އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ 2016 ގެ "ސައިލެންސް" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ 2019 ގައި ރިލީޒް ކުރި ނެޓްފްލިކްސްގެ "ދި އައިރިޝް މޭން" އެވެ.