Roadha Mihaaru
ކިއާނޫ އަށް ލިއޮނާޑޯ އާއި ސްކޯސޭޒީގެ ސީރީޒެއް

ކިއާނޫ އަށް ލިއޮނާޑޯ އާއި ސްކޯސޭޒީގެ ސީރީޒެއް

05 ޖެނުއަރީ 2022

މަޝްހޫރު ޑައިރެކްޓަރު މާޓިން ސްކޯސޭޒީ އާއި ލިއޮނާޑޯ ޑި ކެޕްރިއޯ ޕްރޮޑިއުސްކުރާ ވެބް ސީރީޒަކަށް "މެޓްރިކްސް" ގެ ތަރި ކިއާނޫ ރީވްސް ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަޝްހޫރު ޑައިރެކްޓަރު މާޓިން ސްކޯސޭޒީ އާއި ލިއޮނާޑޯ ޑި ކެޕްރިއޯ ޕްރޮޑިއުސްކުރާ ވެބް ސީރީޒަކަށް "މެޓްރިކްސް" ގެ ތަރި ކިއާނޫ ރީވްސް ސޮއިކޮށްފި އެވެ.

ޑެޑްލައިނުން ބުނި ގޮތުގައި މިދިޔަ މަހުގެ 22 ގައި ރިލީޒްކުރި މެޓްރިކްސްގެ ހަތަރު ވަނަ ފިލްމު "މެޓްރިކްސް ރިސަރެކްޝަންސް" ގެ ބަތަލު ސޮއިކުރި ސީރީޒަކީ މަޝްހޫރު ލިޔުންތެރިޔާ އެރިކް ލާސަންގެ 2003 ގެ ވާހަކަ "ދަ ޑެވިލް އިން ދަ ވައިޓް ސިޓީ" އަށް ބިނާކޮށް ހަދާ އެއްޗެކެވެ. މިއީ އެމެރިކާގައި 1893 ގައި އުޅުނު އާކިޓެކްޗާއަކާއި ސީރިއަލް ކިލާއެއްގެ ވާހަކަ ކިޔައިދޭ އެއްޗެކެވެ.

ކިއާނޫއާ އެކު މި ވާހަކަ އަށް ސީރީޒެއް ހަދާ އިރު މިއީ ސްޓްރީމިން ޕްލެޓްފޯމް، ހުލޫ އަށް ގެންނާނެ ސީރީޒެކެވެ. ނަމަވެސް "ދަ ޑެވިލް އިން ދަ ވައިޓް ސިޓީ" ގެ އިތުރު ކާސްޓުންނާއި ޑައިރެކްޓްކުރާއި މަސައްކަތް ފަށާނެ ދުވަހަކާއި ބެލުންތެރިންނަށް ސީރީޒް ގެނެސްދޭނެ ތާރީހެއް އަދި އިއުލާން ނުކުރެ އެވެ.

ސްކޮސިޒް، ލިއޮނާޑޯ އަދި ކިއާނޫ.

ސްކޮސިޒް، ލިއޮނާޑޯ އަދި ކިއާނޫ.

ކިއާނޫ، 57، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ "ޖޯން ވިކް: ޗެޕްޓަ 4" ހިމެނެ އެވެ.

އޭނާ ހިމަނައިގެން ސްކޯސޭޒީ އާއި ލިއޮނާޑޯ ސީރީޒެއް ހަދަން ނިންމި އިރު، އެ ދެ މީހުން އެކީގައި މަސައްކަތްކޮށްފައިވާ އާ ޕްރޮޖެކްޓަކީ މި އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ ކްރައިމް ޑްރާމާ "ކިލާޒް އޮފް ދަ ފްލާވާ މޫން" އެވެ. މީގެ ކާސްޓްގައި ލިއޮނާޑޯއާ އެކު ރޮބަޓް ޑި ނީރޯ ވެސް ހިމެނެ އެވެ.

"ޓައިޓޭނިކް" ކުޅެގެން ވިދި އެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު 10 ގައި ރިލީޒްކުރި "ޑޯންޓް ލުކް އަޕް" އެވެ.