Roadha Mihaaru
ލިއޮނާޑޯ އާއި ލޯރެންސްގެ ޖޯޑު "ޑޯންޓް ލުކް އަޕް" ގައި

ލިއޮނާޑޯ އާއި ލޯރެންސްގެ ޖޯޑު "ޑޯންޓް ލުކް އަޕް" ގައި

04 ޑިސެމްބަރ 2020

އޮސްކާ އެވޯޑް ހޯދާފައިވާ ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ލިއޮނާޑޯ ޑި ކެޕްރިއޯ އާއި ޖެނިފާ ލޯރެންސް އެކީގައި ކުޅޭ ފުރަތަމަ ފިލްމު "ޑޯންޓް ލުކް އަޕް" ގެ ޝޫޓިން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އޮސްކާ އެވޯޑް ހޯދާފައިވާ ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ލިއޮނާޑޯ ޑި ކެޕްރިއޯ އާއި ޖެނިފާ ލޯރެންސް އެކީގައި ކުޅޭ ފުރަތަމަ ފިލްމު "ޑޯންޓް ލުކް އަޕް" ގެ ޝޫޓިން ފަށައިފި އެވެ.

"ދި އަދަ ގާއިޒް" އާއި "ދަ ބިގް ޝޯޓް" ފަދަ ފިލްމުތައް ގެނެސްދިން އެޑަމް މެކޭ ޑައިރެކްޓްކުރާ މި ފިލްމަކީ ޕޮލިޓިކަލް ސެޓާޔާއެވެ. "ޑޯންޓް ލުކް އަޕް" ގައި ކިޔައި ދޭނީ ގިނަހިލައެއްގެ ނުރައްކާ ދުނިޔެ އަށް ކުރިމަތިވާތީ އެކަން އާންމުންގެ ސަމާލުކަމަށް ގެންނަން ހަ މަސް ދުވަހުގެ މީޑިއާ ޓުއާއަކަށް ނުކުންނަ އާދައިގެ ދެ އެސްޓްރޯނެޓެއްގެ ވާހަކަ އެވެ.

ނެޓްފްލިކްސްއާ ގުޅިގެން ހަދާ ފިލްމުގެ ޝޫޓިން މި ވަގުތު އެމެރިކާގެ ބޮސްޓަންގައި ކުރިއަށްދާ އިރު، ފިލްމުގެ ޝޫޓިންގައި ލިއޮނާޑޯ އާއި ލޯރެންސް އުޅޭ ފޮޓޯތަކެއް ވެސް އާންމުވެފައިވެ އެވެ.

މި ދެ ތަރިންނާ އެކު "ޑޯންޓް ލުކް އަޕް" އިން އޭ-ލިސްޓް ބޮޑު ކާސްޓެއް ފެންނާނެ އެވެ. އޭގެ ތެރޭގައި މެރީލް ސްޓްރީޕާއި ކޭޓް ބްލެންޝެޓާއި ރޮބް މޯގަނާއި ޖޮނާ ހިލް އާއި ޓިމޮތީ ކެމަލޭ އާއި ކިޑް ކުޑީ އާއި މެތިއު ޕެރީ އާއި ލަވަކިޔުންތެރިޔާ އަރިއާނާ ގްރަންޑޭ ފަދަ ފަންނާނުން ހިމެނެ އެވެ.

"ޑޯންޓް ލުކް އަޕް" ގެނެސްދޭނެ އިރެއް އަދި ނެޓްފްލިކްސް އިން އިއުލާނެއް ނުކުރެ އެވެ. މި ފިލްމަކީ ލިއޮނާޑޯގެ ފުރަތަމަ ނެޓްފްލިކްސް ފިލްމެވެ.

އޭނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ވަންސް އަޕޮން އަ ޓައިމް އިން...ހޮލީވުޑް" އެވެ. މިދިޔަ އަހަރު ކައިވެނިކުރި ލޯރެންސްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ޑާކް ފީނިކްސް" އެވެ.