Roadha Mihaaru
"ގްރޭޓްފުލް ޑެޑް" އަށް ސްކޮސިސް ފިލްމެއް ހަދަނީ

އެމެރިކާގެ ކުރީގެ ބޭންޑް "ގްރޭޓްފުލް ޑެޑް" އަށް ސްކޮސިސް ފިލްމެއް ހަދަނީ

20 ނޮވެމްބަރ 2021

އެމެރިކާގެ ކުރީގެ މަޝްހޫރު ރޮކް ބޭންޑް "ގްރޭޓްފުލް ޑެޑް" އަށް ބިނާކޮށް، ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު މާޓިން ސްކޮސިސް މިއުޒިކަލް ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ކުރީގެ މަޝްހޫރު ރޮކް ބޭންޑް "ގްރޭޓްފުލް ޑެޑް" އަށް ބިނާކޮށް، ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު މާޓިން ސްކޮސިސް މިއުޒިކަލް ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ނިންމައިފި އެވެ.

ޑެޑްލައިނުން މިކަން ރިޕޯޓްކޮށްފައި ވަނިކޮށް، ފިލްމުގެ ކާސްޓަށް ނެގި ޖޮނަ ހިލް ވެސް އެ ވާހަކަ އިންސްޓަގްރާމްގައި ކަށަވަރުކޮށް ދީފައިވެ އެވެ. އޭނާގެ މި ފިލްމު ވާނީ 2013 ގެ "ދަ ވުލްފް އޮފް ވޯލް ސްޓްރީޓް" އަށް ފަހު ސްކޮސިސްއާ އެކު މަސައްކަތްކުރާ ފުރަތަމަ ޕްރޮޖެކްޓަށެވެ.

ޑެޑްލައިނުން ބުނި ގޮތުގައި ކާމިޔާބު އެތައް ފިލްމެއް މިހާތަނަށް ގެނެސްދީފައިވާ ސްކޮސިސް ޑައިރެކްޓްކޮށް، ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ އިރު، ހިލް ވެސް ޕްރޮޑިއުސަރެއްގެ ގޮތުގައި ބައިވެރިވާނެ އެވެ.

"ގްރޭޓްފުލް ޑެޑް" އަށް ބިނާކޮށް ފިލްމެއް ހަދާ އިރު، މީގެ މައިގަނޑު ޕްލޮޓް އޮންނާނީ ބޭންޑްގެ މައި ވޯކަލިސްޓް ޖެރީ ގާޝިއާއަށެވެ. އަދި އެ ރޯލު ކުޅޭނީ ހިލް އެވެ. އެޕަލް ޕްލަސްއާ ގުޅިގެން ހަދާ ފިލްމުގެ ތައްޔާރީތައް މިހާރު ވަމުން ދިޔަ ނަމަވެސް މިއާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް އަދި ހާމައެއް ނުކުރެ އެވެ.

"ގްރޭޓްފުލް ޑެޑް" ބޭންޑް އަކީ 1965 ގައި އުފަންވި ބޭންޑެކެވެ. ވަރަށް ހަރަކާތްތެރިކޮށް މިއުޒިކް ދާއިރާގައި އުޅުނު ބޭންޑްގެ މެމްބަރުންގެ ގޮތުގައި އިސްކޮށް އުޅުނީ ގާޝިއާގެ އިތުރުން ބޮބް ވިއާ، ރޮން މެކްކާނަން، ފިލް ލެޝް އަދި ބިލް ކްރޫޒްމަން އެވެ.

ބޭންޑްގެ ކެރިއަރުގައި 22 އަލްބަމް ނެރުނު އިރު ފުރަތަމަ އަލްބަމަކީ 1976 ގެ "ދަ ގްރޭޓްފުލް ޑެޑް" އެވެ. ފަހު އަލްބަމަކީ 1990 ގެ "ވިތައުޓް އަ ނެޓް" އެވެ.

"ގްރޭޓްފުލް ޑެޑް" ގެ ވާހަކަ ސްކްރީނަށް ގެންނަން ސްކޮސިސް، 76، ނިންމި އިރު، އޭނާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރު ލިއޮނާޑޯ ޑި ކެޕްރިއޯ އާއި ރޮބަޓް ޑި ނީރޯއާ އެކު ގެނެސްދޭން ހަމަޖެހިފައިވާ ކްރައިމް ޑްރާމާ "ކިލާޒް އޮފް ދަ ފްލާވާ މޫން" އެވެ. ސްކޮސިސްގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ދި އައިރިޝްމޭން" އެވެ.