Roadha Mihaaru
އީސީން ނާޖައިޒު ފައިދާތަކެއް ނެގި: މުނައްވަރު

އިލެކްޝަންސް ކޮމިޝަނުން ނާޖައިޒު ފައިދާތަކެއް ނެގި: މުނައްވަރު

19 އޮކްޓޯބަރ 2018

ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސް ޗާޕްކުރުމުގެ މަސައްކަތް އެމް7 އާ ހަވާލު ކުރުމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން މާލިއްޔަތު ގަވައިދުގެ ތެރެއިން ނާޖައިޒު ފައިދާތަކެއް ނަގައި ވަކި ބަޔަކަށް އެ ކަން ކުރުމަށް މަގުފަހި ކުރަން މަސައްކަތް ކުރި ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސް ޗާޕްކުރުމުގެ މަސައްކަތް އެމް7 އާ ހަވާލު ކުރުމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން މާލިއްޔަތު ގަވައިދުގެ ތެރެއިން ނާޖައިޒު ފައިދާތަކެއް ނަގައި ވަކި ބަޔަކަށް އެ ކަން ކުރުމަށް މަގުފަހި ކުރަން މަސައްކަތް ކުރި ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ބާތިލް ކުރަމަށް ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެންމެ ބޮޑަށް ފާހަގަ ކޮށްފައިވާ އެއް ކަމަކީ ވޯޓު ކަރުދާސް ޗާޕް ކުރުމުގެ މަސައްކަތް، ބިޑް ކުރުމެއް ނެތި އެމް7 އާ ހަވާލުކުރީ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ އެވެ.

އެކަމަކު، މިކަމަށް ރައްދު ދެއްވައި އިލެކްޝަންސް ކޮމިޝަންގެ ވަކީލް ހުސައިން ޝަމީމް ސުޕްރީމް ކޯޓުގައި ވިދާޅުވެފައި ވަނީ އެކަން ކޮށްފައި ވަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ފިނޭންސް މިނިސްޓަރުގެ ހުއްދަ ވެސް ލިބިގެން ކަމަށެވެ.

ވޯޓު ކަރުދާސް ޕްރިންޓު ކުރި އެމް7 ގެ އިސް ބޭފުޅުންތަކެއް ސުޕްރީމް ކޯޓުން ނުކުމެވަޑައިގަންނަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވޯޓު ކަރުދާސް ޕްރިންޓު ކުރި އެމް7 ގެ އިސް ބޭފުޅުންތަކެއް ސުޕްރީމް ކޯޓުން ނުކުމެވަޑައިގަންނަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕީއެސްއެމް ނިއުސްގެ "އެންމެ ފުރަތަމަ ގައުމު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެކަމާ ގުޅޭ ގޮތުން، މުނައްވަރު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސް ޗާޕްކުރުން ކުރުން އެމް7 އާ ހަވާލުކުރީ ވޯޓު ލާން އޮތް ތާރީޚުގެ ދެ ހަފުތާ ކުރިން ކަމަށެވެ. މިނިސްޓަރުގެ ހައިސިއްޔަތުން އެކަމަށް ހުއްދަ ދެއްވީ އެއީ ރައްޔިތުންނާ ގުޅުން ބޮޑު ކަމަކަށް ވާތީ އާއި އިންތިޚާބު ލަސް ކުރެވެން ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވި ގޮތުގައި ސިލެކްޓިން ބިޑަކަށް ގޮސް، ވޯޓު ކަރުދާސް ޗާޕް ކުރުމަށް އެންމެ އަގު ހެޔޮކޮށް ހުށަހަޅާ ފަރާތަކާ އެ މަސައްކަތް ހަވާލުކުރަން އިލެކްޝަންސް ކޮމިޝަނަށް ފިނޭންސް މިނިސްޓްރީން އެންގި އެވެ. އަދި އެމް7 އާއި ނޮވެލްޓީން އަގު ދިނީ އެންމެ ސެކިއުރިޓީ ފީޗައެއް ހިމަނައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ކުއްލިއަކަށް ފަސް ސެކިއުރިޓީ ފީޗާ ބޭނުންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީއަށް އެންގިއިރު، އެމް7 އިން ޗާޕް ކުރަން ނިންމީ ތިން ސެކިއުރިޓީ ފީޗާ ހިމަނައިގެން ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ އެންގީ އަގު ބޮޑު ބިޑެއް ހުށަހެޅި އެމް7 އަށް ހުއްދަ ދިނުމަށެވެ. އެކަމަކު، އެ ހުއްދަ ދޭން ފިނޭންސް މިނިސްޓްރީން ދެކޮޅު ހަދައި ކޮމިޝަންގެ ހުށަހެޅުން އޭނާ ގަބޫލު ނުކުރެއްވި ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.

އޭގެ ފަހުން، އެމް7 ގެ ބިޑު ހުށަހަޅައި އެމީހުން ނޫން އެހެން ބަޔަކު، ނެތް ކަމަށް ބުނެ އެ ކުންފުންޏަށް ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީއަށް އެންގި ކަމަށް މުނައްވަރު ވިދާޅުވި އެވެ. އެހެންވެ، އިންތިޚާބު ކައިރިވާތީ އެ ހުއްދަ ދޭން މަޖުބޫރުވި ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.

އިންތިޚާބާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ވަގުތު، އެ ކޯޓު ބޭރުގައި ބަޔަކު އަޑު އުފުލަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިންތިޚާބާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ވަގުތު، އެ ކޯޓު ބޭރުގައި ބަޔަކު އަޑު އުފުލަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އެހެންވީމާ އަޅުގަނޑުމެންނަށް ދެ ހަފްތާ އަށް ވީމާ އިލެކްޝަންސް ފަދަ މިނިވަން، އަޅުގަނޑުމެން އެންމެން އިތުބާރުކުރާ މުއައްސަސާއަކުން ރާއްޖޭގެ އިންތިޚާބު ބޭއްވުމަށް މި ނޫން އެހެންގޮތެއް ނެތޭ ދެންނެވީމާ ފިނޭންސް މިނިސްޓަރަށް މަޖުބޫރުވާނެ އެވަގުތު އެކަން ކުރަން،" މުނައްވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބިޑުތަކަށް މާކްސް ދިން އިރު، އެންމެ މަތިން މާކްސް ލިބުނީ ނޮވެލްޓީ އަށެވެ. އެހެންވެ، ވޯޓު ކަރުދާސް ޗާޕް ކުރަން އެމް7 އަށް ދިނުމުގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން، އެކަން ބަލަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެމް7 އަށް ފިނޭންސް މިނިސްޓްރީން ހުއްދަ ދިނީ އިލެކްޝަންސް ކޮމިޝަނުން ހެޔޮ ނިޔަތެއްގައި އެކަން ކުރާ ކަމަށް ގަބޫލު ކުރެވިގެން ކަމަށް މުނައްވަރު ވިދާޅުވި އެވެ. އެކަމަކު، ފަހުން ބެލިއިރު އެމް7 ނޫން އެހެން ފަރާތަކަށް އިތުރު ސެކިއުރިޓީ ފީޗަތަކެއް ހޯދަން އިލެކްޝަންސް ކޮމިޝަނުން އަންގާފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑު އެބަ ހިތަށް އަރާ އެ ދުވަހު އަޅުގަނޑު ވޯޓު ލީ އިރު އޮތް ގޮތަށް ބާއޭ އެ ވޯޓު އޮތީ؟ މިއީ އެތައް ބަޔަކު ކުރާނެ ޝަކުވާއެއް. އެ ޝައްކު ފިލުވައިދޭން ޖެހޭ،" މުނައްވަރު ވިދާޅުވި އެވެ.

މީގެ އިތުރުން، އިންތިޚާބަށް ބޭނުންވާ ޓެބްލެޓުތަކެއް އިލެކްޝަންސް ކޮމިޝަނުން ގެނެސްގެން ކުރީ ކީއްތޯ ސުވާލު އުފެދޭ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޓެބްލެޓުތަކެއް ގެނައުމަށް މިނިސްޓްރީން ހުއްދަ ދިނީ ވެސް އިންތިޚާބަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް ހުށަހެޅުމުންނެވެ.