Roadha Mihaaru

ސައުދުﷲގެ ގޮނޑީގެ މައްސަލަ ހުކުމާ ހަމައަށް

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެ މަގާމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައި ހުކުމް ކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމައިފި އެވެ.

ސައުދުﷲގެ ގޮނޑީގެ މައްސަލަ ހުކުމާ ހަމައަށް
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

23 އޮކްޓޯބަރ 2018

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެ މަގާމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައި ހުކުމް ކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ސައުދުﷲ ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ދެން އޮންނާނީ މައްސަލަ ނިންމުމަށް ބާއްވާ އަޑުއެހުން ކަމަށާއި އަޑުއެހުން އޮންނަ ތާރީހު ފަހުން އިއުލާން ކުރައްވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ކުރީގެ ސޮލިސިޓާ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވީ ސައުދުﷲ ޕީޕީއެމުން ވަކިވުމަށް އެދި ޖުލައި 10، 2017 ގައި އެ ޕާޓީ އަށް ސިޓީ ފޮނުވި ކަމަށެވެ. އަދި ޖުލައި 11، 2017 ގައި ޕީޕީއެމުން ވަކިކޮށްދޭން އެދި ކޮމިޝަނަށް ސިޓީ ފޮނުވި ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދުﷲ ގެ ވަކީލުން މިއަދު ސުޕްރީމް ކޯޓުން ނުކުމެވަޑައިގަންނަވަނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ސައުދުﷲ ގެ ވަކީލުން މިއަދު ސުޕްރީމް ކޯޓުން ނުކުމެވަޑައިގަންނަވަނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ނަމަވެސް، ޕީޕީއެމް ދޫކޮށް، ސަރުކާރާ ދެކޮޅަށް މަސައްކަތްކުރައްވަން ފެއްޓެވި ސައުދުﷲގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ، މަޖިލީހުގެ އެއްވެސް މެމްބަރަކު އެ ބޭފުޅަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް ޖުލައި 13، 2017 ގައި އެ ކޯޓުން ނިންމި ނިންމުމަށް ރިއާޔަތްކޮށެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނި ގޮތުގައި، ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ނިންމި ނިންމުމަކާ ގުޅިގެން ސައުދުﷲ ޕީޕީއެމްގެ ދަފްތަރުން އުނި ކުރީ އޮކްޓޯބަރު 31، 2017 ގަ އެވެ. އެހެންވެ، އިލެކްޝަންސް ކޮމިޝަންގެ ނިންމުން ރަނގަޅު ކަމަށް ނިންމަވައިދެއްވުމަށް އެ ކޮމިޝަނުން ވަނީ އެދިފަ އެވެ.

ރިފްއަތު ވިދާޅުވީ ސައުދުﷲ ޕީޕީއެމްގެ ދަފްތަރުން އުނި ކުރުމަކީ ސިޔާސީ ޕާޓީގެ ގާނޫނާއި ގަވައިދާ އަސާސީ ގަވައިދާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރީ ސުޕްރީމް ކޯޓުގެ ހުކުމާއި އަމުރާ ހިލާފަށް ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވި ގޮތުގައި، ޕީޕީއެމްގެ އަސާސީ ގަވައިދުގައި އެ ޕާޓީގެ މެމްބަރު ކަމުން ވަކިވާން އެދުމުން، ވަކިވާނެ ކަމަށް އޮތީ ބަޔާންކޮށްފަ އެވެ. އެހެންވެ، ޕީޕީއެމުން ވަކިވުމަށް ކުރަން ޖެހޭ ހުރިހާ އިޖުރާއުތަކެއް ސައުދުﷲ ފުރިހަމަ ކުރައްވާފައިވާ ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ.

އެހެންވެ، ރިފްއަތު އެދިވަޑައިގެންނެވީ ސައުދުﷲ އަކީ މިހާރު ވެސް މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ކަނޑައަޅައި، ވީހާ ވެސް އަވަހަކަށް ހުކުމެއް އިއްވަވައި ދެއްވުމަށެވެ.

ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ސައުދުﷲ ވިދާޅުވީ ޕީޕީއެމުން ވަކިވާން ސިޓީ ފޮނުވާފައި އޮއްވައި، ސުލޫކީ މައްސަލައެއް ބެލޭނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅުމުން، ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ސައުދުﷲ ވިދާޅުވި އެވެ.

މީގެ އިތުރުން، މީހުން، އޭނާއާ މެދު ދެކޭ ގޮތް ބަދަލުވި ކަމަށް ވެސް ސައުދުﷲ ވިދާޅުވި އެވެ. އެހެންވެ، ސައުދުﷲ ވެސް އެދިވަޑައިގަތީ، އޭނާގެ ދާއިރާގެ މެމްބަރުންނާއި އާއިލާގެ މެމްބަރުންގެ ހައްގުތައް ގެއްލިފައިވާތީ ވީހާވެސް އަވަހަކަށް އިންސާފުވެރި ހުކުމެއް އިއްވަވައި ދެއްވުމަށެވެ.

ރިފްއަތު ވަނީ ޕީޕީއެމްގެ އަސާސީ ގަވައިދާ އެއްގޮތަށް އެ ޕާޓީގެ މެމްބަރުކަމުން ވަކިވާން އެދި ޕާޓީ އަށް ހުށަހަޅާ ހިސާބުން އެ މެމްބަރަކު ޕާޓީން ވަކިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުން އެނގެން އޮންނާތީ އެ ކަމަށް ރިއާޔަތްކޮށް ހުކުމް އިއްވަވައި ދެއްވުމަށް އެދިވަޑައިގެންފަ އެވެ.