ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހު ނިންމި ނިންމުމާ އެކު ސިޔާސީ މަސްރަހު ހަލަބޮލިވެގެން ދިޔަ އެވެ. އެ ހަތަރު މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅުމުން، އެ މެމްބަރުން ކުރިން ސޮއިކޮށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މަޖިލީހުން ބޭރުކޮށްލި އެވެ.
29 އޯގަސްޓް 2017
ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހު ނިންމި ނިންމުމާ އެކު ސިޔާސީ މަސްރަހު ހަލަބޮލިވެގެން ދިޔަ އެވެ. އެ ހަތަރު މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅުމުން، އެ މެމްބަރުން ކުރިން ސޮއިކޮށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މަޖިލީހުން ބޭރުކޮށްލި އެވެ.
އެކަމުގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި މަޖިލިސް ވެސް އޮތީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފަ އެވެ. މަޖިލީހުުގެ ކޮންމެ ދުވަހެއްގެ ޖަލްސާގައި އޮތީ ތަޅާފޮޅުމާއި ޒުވާބެވެ. މުޅި ސިޔާސީ މަސްރަހު އޮތީ ހަލަބޮލިވެފަ އެވެ. ހުރިހާ ކަމެއް ވެސް ގުޅިފައި އޮތީ ހަތަރު މެމްބަރުންގެ ގޮނޑީގެ މައްސަލައާ އެވެ.
އެހެންވެ، އެ ހަތަރު މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅަން އެ މެމްބަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ހުކުމަށް އެންމެން ވެސް ދިޔައީ އިންތިޒާރު ކުރަމުންނެވެ. އެ މައްސަލަ ލަސްވާތީ އިދިކޮޅު ކޯލިޝަނުން ދިޔައީ ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލައިގެ ހުކުމް އަވަހަށް އިއްވައިދޭން އެދެމުންނެވެ. އެ ދިގު އިންތިޒާރަށް ނިމުމެއް އައީ އެ މައްސަލަ ނިންމި ގޮތް އެ ހަތަރު މެމްބަރުންގެ ވަކީލުންނަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ހަވާލު ކުރުމުންނެވެ. އެކަމަކު އެ ނިންމުމުން ވެގެން ދިޔައީ އިތުރު ބޮޑު ބަހުސަކަށެވެ.
ސުޕްރީމް ކޯޓުގެ އެ ނިންމުމުގައިވަނީ އެ ކޯޓުން ކުރިން ކުރި ހުކުމުގައި މެމްބަރުންގެ ގޮނޑީގެ މައްސަލައަށް ފަރުވާއެއް ދެވިފައިވާ ކަމަށާއި އެހެންކަމުން ގާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން، އެ ހަތަރު މެމްބަރުންގެ ގޮނޑީގެ މައްސަލާގައި އިތުރު ގޮތެއް ނިންމަންޖެހޭ ތަނެއް ނެތް ކަމަށެވެ. ހަތަރު މެމްބަރުންގެ ފަރާތުން ވަކިވަކިން މައްސަލަ ހުށަހެޅީ އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ދިނުމަށާއި ކޮމިޝަންގެ ނިންމުން ބާތިލް ކުރުމަށެވެ.
އެކަމަކު ކޯޓުގެ ނިންމުމުގައި، ހަތަރު މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ބުނެފައެއް ނެތެވެ. އަދި އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ނިިންމި ނިންމުން ބާތިލް ކަމެއް ނުވަތަ ނޫން ކަމެއް ވެސް އެ ނިންމުމުގައެއް ނެތެވެ.
ނަތީޖާއަކަށް ވީ އެ ނިންމުން އެކި މީހުން އެކި ގޮތަށް މާނަ ކުރަން ފެށުމެވެ. އެއް ބަޔަކު ބުނަނީ އެ ނިންމުން އޮތްގޮތުން ހަތަރު މެމްބަރުންގެ ގޮނޑި ގެއްލުނީ ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އެ ނިންމުމުގައި އޮތީ ގޮނޑި ނުގެއްލޭ ވާހަކަ ކަމަށެވެ. އެންމެން ވެސް ރިއާޔަތް މިކުރަނީ އެކައްޗަކަށެވެ. އެއީ ސުޕްރީމް ކޯޓުގެ ނިންމުމެވެ. އެކަމަކު އެކި މީހުން މި ނެރެނީ ތަފާތު ދެ ނަތީޖާއެކެވެ. މިކަން މިހާރު މިއޮތީ ބޮޑު ބަހުސަކަށް ވެފަ އެވެ. ގާނޫނީ ބޭފުޅުން މެދުގައި ވެސް މިކަން މިއޮތީ މިހެންނެވެ.
ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ބުނަނީ ހަތަރު މެމްބަރުންގެ ގޮނޑި ގެއްލުނު ކަން އެ ނިންމުމުން ސާފު ކަމަށެވެ. ސަބަބެއްގެ ގޮތުގައި އެ ފަރާތްތަކުން ބުނަނީ ހަތަރު މެމްބަރުންގެ ގޮނޑި ގެއްލިފައިވާ އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމި ނިންމުން ސުޕްރީމް ކޯޓުގެ ނިންމެވުމުގައި ބާތިލްކޮށްފައި ނެތުމެވެ. ކޮމިޝަންގެ ނިންމުން ބާތިލްކުރަން ހަތަރު މެމްބަރުންގެ ފަރާތުން ހުށަހެޅި މައްސަލައެއްގައި އެ ނިންމުން ބާތިލްކޮށްފައި ނެތުމުން، ކޮމިޝަންގެ ނިންމުން އޭގެ ބާރުވެރިކަން މަތީގައި އަދިވެސް ދެމި އޮތުމަކީ ހަތަރު މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ގަބޫލުކުރާ މީހުން ދައްކާ ސަބަބެވެ.
"ވަރަށް ސާފު. އީސީން ވަނީ ގޮނޑި ގެއްލިއްޖެ ކަމަށް ބުނެފައި. އެހެންކަމުން ގާނޫނު އަސާސީގެ 74 ވަނަ މާއްދާގެ ދަށުން ގޮނޑިއާ ދޭތެރޭ ގޮތެއް ސުޕްރީމް ކޯޓުން ނިންމާކަށް ނުޖެހޭ،" ސުޕްރީމް ކޯޓުގެ އެ ނިންމުމާ ހަވާލާ ދެއްވައި، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ކުރެއްވި ޓްވީޓެއްގައިވެ އެވެ.
އިދިކޮޅު ކޯލިޝަނުން ގަބޫލުކުރަނީ އެއާ މުޅިން އިދިކޮޅަށެވެ. އެ ނިންމުން އޮތްގޮތުން ހަތަރު މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަން ވަރަށް ސާފު ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެ އެވެ. އެ މީހުން ދައްކާ މައިގަނޑު ސަބަބަކީ ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމުގެ ކުރިން ހިނގާފައި ހުރި ކަންކަމުގެ މައްޗަށް އެ ހުކުމުގެ އުސޫލު ނުހިނގާނެ ކަމަށް ނިންމުމުގައި އޮތުމުން އޭގެ މާނައަކީ ހަތަރު މެމްބަރުން ކުރެ އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ވާހަކަ ކަމަށެވެ. އެހެންވެ އިދިކޮޅު ކޯލިޝަނުން ސުޕްރީމް ކޯޓުގެ ނިންމުން މާނަކުރަނީ އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭނެ ކަމަށެވެ.
"ސުޕްރީމް ކޯޓުން މި ވިދާޅުވަނީ މީގައި ހުސޫމަތެއް އުފެއްދުމަށް ނުވަތަ ދެބަސްވާންޖެހޭ އެއްވެސް ހާލަތެއް މިއަކު މެދުވެރިއެއް ނުވެއޭ. ސުޕްރީމް ކޯޓުން މި ވިދާޅުވަނީ 13 ޖުލައި 2017 އަށް ފަހު ހިނގާފައެއް ނެތޭ ސުޕްރީމް ކޯޓުގެ ކުރީގެ ގަޒިއްްޔާގައި ބަޔާންކުރާ ފަދަ ކަމެއް. އެހެންވީމަ މި މައްސަލައާ ގުޅޭގޮތުން ނިންމަންޖެހޭ ކަމެއް ނެތޭ،" އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވި އެވެ.
ކޯޓުގެ އެ ނިންމުން އައިތާ ދެތިން ގަޑިއިރު ފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ކޮމިޝަންގެ ކުރީގެ ނިންމުމާ އެއްގޮތަށް އެ ހަތަރު ދާއިރާގެ ބައި އިލެކްޝަން ކުރިއަށް ގެންދަން ނިންމައިފަ އެވެ. އެ ކޮމިޝަނުން ވެސް ދައްކާ ސަބަބަކީ އެ ހަތަރު މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އެ ކޮމިޝަނުން ކުރިން ނިންމި ނިންމުން ސުޕްރީމް ކޯޓުގެ ނިންމުމުގައި ބާތިލްކޮށްފައި ނެތުމެވެ.
ކޯޓުން އެންމެ ނިންމުމެއް ދެ ގޮތަކަށް މާނަކޮށް، ތަފާތު ދެ ނަތީޖާއެއް ނެރެމުންދާތީ މިހާރު ޔަގީންވާ އެއް ކަމަކީ ކޯޓުގެ އެ ނިންމުން ކޮންމެވެސް އެއް ބަޔަކު ގޯސްކޮށް އެބަ މާނަކުރާ ކަމެވެ. އެއްގޮތަކީ އިލެކްޝަންސް ކޮމިޝަނުން މާނަކުރާ ކުރުން ގޯސްވުމެވެ. އަނެއް ގޮތަކީ ހަތަރު މެމްބަރުން ނިސްބަތްވާ އިދިކޮޅު ކޯލިޝަނުން މާނަ ކުރާ ކުރުން ގޯސްވުމެވެ. އެކަމަކު ރަނގަޅު މާނަ ކުރުމެއް ގެންގުޅެނީ ކޮން ބައެއްކަން މިއޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.
މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ސުޕްރީމް ކޯޓުގެ ނިންމުން ކޮންމެވެސް އެއް ބަޔަކު ގޯސްކޮށް އެބަ މާނަ ކުރެ އެވެ. އެ ނިންމުން އޮތްގޮތުން ހަތަރު މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބެލުމުގެ ފުރުސަތު އަދި ގޮނޑި ގެއްލިފައިވާ ކަމަށް ބެލުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"ސުޕްރީމް ކޯޓުގެ އެ ނިންމުން ކޮންމެވެސް އެއް ބަޔަކު ގޯސްކޮށް އެބަ ތަރުޖަމާ ކުރެ އެވެ. ދެކޮޅަށް ދަތުރުކުރާ ދެކޮޅަށް ވާންކުރާ ދެ ނިންމުމެއް އެއް ނިންމުމެއްގެ ތެރޭގައި އޮވެދާނެހެން ހީނުވާތީ އެވެ،" މަޝްހޫރު ގާނޫނީ ވަކީލް އަދި ކުރީގެ އިންފޮމޭޝަން މިނިސްޓަރު ނަޝީދު އޭނާގެ ބްލޮގްގައި ލިޔުއްވާފައިވެ އެވެ.
ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ކޯޓެއްގެ ނިންމުމަކުން ނިކުންނަންޖެހޭނީ ކޮންމެވެސް އެއް ނަތީޖާއެކެވެ. މި މައްސަލައިގައި ނަމަ ހަތަރު މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަން ނުވަތަ ނޫންކަން ކަނޑައަޅަންޖެހޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. ހަތަރު މެމްބަރުންގެ މައްސަލައަކީ އެ މެމްބަރުން ތަމްސީލުކުރާ ދާއިރާތަކުގެ ރައްޔިތުންގެ ހައްގުތަކާ ގުޅިފައިވާ މައްސަލައަކަށް ވާއިރު އެ މެމްބަރުންގެ ގޮނޑި ގެއްލުނު ކަން ނުވަތަ ނޫންކަން ރައްޔިތުންނަށް އެނގެންޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"ރައްޔިތުންގެ މަޖިލީހުގައި އެ ހަތަރު ދާއިރާގެ ރައްޔިތުން ތަމްސީލު ކުރުމަށް އެ މީހުންގެ ވޯޓުން އިންތިޚާބުކޮށް މަޖިލީހަށް ފޮނުވާފައި ތިބި ހަތަރު މެމްބަރުންގެ ގޮނޑި، އީސީގެ 19 ޖުލައި 2017 ގެ ނިންމުމަށް ފަހު، ހަމަ ހަގީގަތުގައި ވެސް ހުސްވެއްޖެ ކަން އެ ހަތަރު ދާއިރާގެ ރައްޔިތުންނަށް އެނގެންޖެހޭތީ.." ހަތަރު މެމްބަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލަ މުހިންމުވި ސަބަބާ ގުޅޭގޮތުން ނަޝީދު ލިޔުއްވާފައިވެ އެވެ.
ޝަރީއަތަށް ހުށަހެޅޭ މައްސަލައެއްގައި އިއްވާ ހުކުމްތަކަކީ އުފެދިފައިވާ މައްސަލައަށް ހައްލެއް ހޯދައިދެވޭ ފަދަ ހުކުމަކަށް ވާންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން 2010 ގައި ނެރުނު ރޫލިންއެއްގައި ކަނޑައަޅާފައިވާ ކަން ނަޝީދު ފާހަގަ ކުރައްވާފައިވެ އެވެ.
އެތައް ހާސް ރައްޔިތުންނެއް ތަމްސީލުކުރާ ހަތަރު މެމްބަރެއްގެ ގޮނޑީގެ މައްސަލާގައި އުފެދިފައި މިއޮތީ ބޮޑު ބަހުސެކެވެ. ސުޕްރީމް ކޯޓުގެ ނިންމެވުން ތަފާތު ދެ ގޮތަކަށް މާނަ ކުރަމުންދާއިރު ރަނގަޅު ގޮތަކީ ކޮބައިކަމެއް ނުވަތަ ގޯސް ގޮތަކީ ކޮބައިކަމެއް ވެސް ގިނަ ބަޔަކު ތިބީ ނޭނގުމެއްގެ ތެރޭގަ އެވެ. ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ނިންމެވުމެއް ނުބައިކޮށް މާނަ ކުރުމަށް ފުރުސަތު ދެވިގެން ނުވާނެ އެވެ. މިކަމަށް ސުޕްރީމް ކޯޓުން އަވަސް ހައްލެއް ހޯދައި ދިނުން މުހިންމެވެ.
ސައުދުﷲގެ ގޮނޑީގެ މައްސަލަ ހުކުމާ ހަމައަށް
ސިނާންގެ ގޮނޑީގެ މައްސަލަ ހުކުމަކާ ހިސާބަށް
ފުލުހުން ނުކުމެ، މަޖިލިސް ސަރަހައްދު ބަންދުކޮށްފި
ދައުލަތް އޮތީ ލަދުގަންނަން ޖެހޭ ހާލަތުގައި: އަމީތު
ގޮނޑި ގެއްލޭ ގޮތަށް ބިލް މަޖިލީހުން ފާސްކޮށްފި
12 މެމްބަރުން ވަކިވާ ގޮތަށް ބިލް އިސްލާހުކޮށްފި
ބައި އިލެކްޝަންތަކާ މެދު ކޮމިޝަން އަދިވެސް ހިމޭނުން!
މަޖިލިހުގެ ގޮނޑި ގެއްލުނު މެމްބަރުން ސުޕްރީމް ކޯޓަށް
ގަވައިދަށް ގެންނަ ބަދަލަށް ކޯޓުގެ ލަފަޔަށް އެދެފި
ކަރުދާހުގައި ކުރަހާނަމަ ވޯޓު ބާތިލްވާ ގޮތަށް ފާސްކޮށްފި