Roadha Mihaaru

އިންތިހާބާ ބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަން އަދިވެސް ހިމޭނުން!

ރައްޔިތުންގެ މަޖިލީހުގެ އެތައް މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅިތާ އެތައް މަހެއް ވެގެން ދާއިރު އެ އިންތިހާބުތައް ބޭއްވުމާ މެދު ކޮމިޝަނުން ގެންގުޅޭ ހިމޭންކަން އަދިވެސް ނިމުމަކަށް ނާދެ އެވެ.

ބައި އިލެކްޝަންތަކާ މެދު ކޮމިޝަން އަދިވެސް ހިމޭނުން!
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

03 ޑިސެމްބަރ 2017

ރައްޔިތުންގެ މަޖިލީހުގެ އެތައް މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅިތާ އެތައް މަހެއް ވެގެން ދާއިރު އެ އިންތިހާބުތައް ބޭއްވުމާ މެދު ކޮމިޝަނުން ގެންގުޅޭ ހިމޭންކަން އަދިވެސް ނިމުމަކަށް ނާދެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަން ގާނޫނު އަސާސީ ލާޒިމްކުރެ އެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން އެ ޒިންމާ އުފުލާ ގޮތަކާ މެދު މީޑިއާއަށް އަދި އެއްވެސް މައުލޫމާލެއް ހާމައެއް ނުކުރެ އެވެ. އިންތިހާބު ބާއްވާނެ ދުވަހެއް އޮޅުންފިލުވަން ނުވަތަ ކޮމިޝަނުން އެ މަސައްކަތް ކުރިއަށް ގެންދާ ގޮތުގެ މައުލޫމާތު ހޯދަން ގުޅިޔަސް އެއްވެސް މެމްބަރަކު ޖަވާބެއް ނުދެއްވަ އެވެ.

ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވި ޕާޓީން ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކަށް އަމިއްލައަށް ބަދަލުވުމުން ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން މިހާތަނަށް ޕީޕީއެމްގެ ކުރީގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

މަޖިލީހުގެ ގޮނޑި ގެއްލުނު ބައެއް މެމްބަރުން، (ކ-ވ) ސައުދު، އިލްހާމް، ސިނާން، ލަތީފް، ލޯޔަރު ވައްޑެ އަދި އަމީތު.---މިހާރު ފޮޓޯތައް

މަޖިލީހުގެ ގޮނޑި ގެއްލުނު ބައެއް މެމްބަރުން، (ކ-ވ) ސައުދު، އިލްހާމް، ސިނާން، ލަތީފް، ލޯޔަރު ވައްޑެ އަދި އަމީތު.---މިހާރު ފޮޓޯތައް

އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން ވެސް ޕީޕީއެމުން ވަކިވާން ސިޓީ ފޮނުއްވި އެ މެމްބަރުންނަކީ ޕާޓީން ވަކިނުވާ ބައެއް ކަމަށް ޕީޕީއެމުން ކަނޑައެޅުމުން އިލެކްޝަންސުން ނިންމި ނިންމުން ސައްހަ ނުވާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެ އެވެ.

އެކަމަކު އިދިކޮޅު އިއްތިހާދާއި ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި މެމްބަރުން ގެންދަނީ އިންތިހާބު ބާއްވާނެ ދުވަހެއް އިއުލާންނުކުރުމަކީ އިލެކްޝަންސް ކޮމިޝަނުން ގާނޫނުއަސާސިއާ ހިލާފުވުން ކަމަށް ބުނަމުންނެވެ.

އީސީން ކަނޑައަޅާފައި ވަނީ، ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހުގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.

މުހައްމާ (ކ) އަދި ޝަހުދީ: އެންމެ ފަހުން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ދެ މެމްބަރުން

މުހައްމާ (ކ) އަދި ޝަހުދީ: އެންމެ ފަހުން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ދެ މެމްބަރުން

މީގެ އިތުރުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ފުރުއްވި ގޮނޑި ވެސް ހުސްވެއްޖެ ކަމަށް ދާދި ފަހުން ވަނީ އިއުލާންކޮށްފަ އެވެ.

ބައި އިލެކްޝަންތައް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް ސެޕްޓެމްބަރު މަހު އީސީން ބުންޏެވެ. އަދި މި އަހަރަށް މަޖިލީހުން ފާސްކޮށްދިން 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓުގައި އެ އިންތިހާބުތަކަށް 26 މިލިއަން ރުފިޔާ ކަނޑައެޅި އެވެ.

މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ވަނީ ގޮނޑިއެއް ހުސްވާ ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި އެ ގޮނޑި އަށް މެމްބަރަކު އިންތިހާބު ކުރަންވާނެ އެވެ. އަދި ޕާޓީ ބަދަލު ކުރުމުގެ ސަބަބުން މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ގޮތްތައް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ވެސް ބުނެފައިވަނީ، އެފަދަ ހާލަތެއް މެދުވެރިގެން މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ ދެ މަސްދުވަހުގެ ތެރޭގައި އެ ދާއިރާއެއްގެ ބައި އިލެކްޝަނެއް ބާއްވަން ވާނެ ކަމަށެވެ. އެކަމަކު، ބައެއް މެމްބަރުންގެ ގޮނޑި ގެއްލުނުތާ ދެ މަސްދުވަހަށްވުރެ ގިނަ ދުވަސްވީއިރު ވެސް އިންތިހާބެއް ނުބޭއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގައި މަޖިލީހުގެ ބައި އިލެކްޝަނެއް ބާއްވަން ޖެހިއްޖެ ނަމަ، އެ ގޮނޑިއެއް ހުސްވާ ތާރީޚުން ފެށިގެން ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި، އެ އިންތިޚާބެއްގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައި އާންމުކޮށް އިއުލާންކުރަން ޖެހޭނެ އެވެ.