Roadha Mihaaru

އިންތިޚާބު ބާތިލްކުރަން ހިސާބު އަދަދެއް ވެސް ނުބުނެވުނު: ހަސަން ލަތީފް

މިދިޔަ މަހު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުު ބާތިލްކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ސާބިތު ކުރަން ގާނޫނެއްގެ މާއްދާގެ ނަންބަރު ފިޔަވައި އެހެން އެއްވެސް "ހިސާބު އަދަދެއް" ކޯޓުގައި ހާމަނުކުރެއްވުނު ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ފާޑު ވިދާޅުވެއްޖެ އެވެ.

އިންތިޚާބު ބާތިލްކުރަން ހިސާބު އަދަދެއް ވެސް ނުބުނެވޭ
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

17 އޮކްޓޯބަރ 2018

މިދިޔަ މަހު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުު ބާތިލްކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ސާބިތު ކުރަން ގާނޫނެއްގެ މާއްދާގެ ނަންބަރު ފިޔަވައި އެހެން އެއްވެސް "ހިސާބު އަދަދެއް" ކޯޓުގައި ހާމަނުކުރެއްވުނު ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ފާޑު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކުރި ހޯއްދެވީ 134،705 ވޯޓު ހޯއްދަވައިގެންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،052 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ. ނަމަވެސް، ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރައްވައި، ރައީސް ޔާމީން ވަނީ އިންތިޚާބު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލައިގެ ފަހު އަޑުއެހުން ސުޕްރީމް ކޯޓުގައި އިއްޔެ ވަނީ ބާއްވައިފަ އެވެ.

ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ކުރިއަށް ދިޔަ ވަގުތު، އިންތިހާބު ބާތިލުކުރުމަށް ގޮވާލައި ރައީސް ޔާމީންގެ ސަޕޯޓަރުން އަޑުއުފުލަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ކުރިއަށް ދިޔަ ވަގުތު، އިންތިހާބު ބާތިލުކުރުމަށް ގޮވާލައި ރައީސް ޔާމީންގެ ސަޕޯޓަރުން އަޑުއުފުލަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ހަސަން ލަތީފް ވަނީ އިބޫ އާއި ރައީސް ޔާމީނާ ދެމެދު 38،000 ވޯޓުގެ ތަފާތު އުޅޭ އިރު، އެ ތަފާތު އައި ގޮތާއި މަކަރު ހެދި ގޮތް ހާމަކޮށް ނުދެވޭނަމަ، ރިޔާސީ އިންތިޚާބު ބާތިލުކުރާނީ ކިހިނެއްތޯ ސުވާލު އުފައްދަވައިފަ އެވެ.

ސުޕްރީމް ކޯޓުގައި ބޭއްވި އެއްވެސް އަޑުއެހުމެއްގައި، އެކަން ހިނގި ގޮތް ރައީސް ޔާމީންގެ ގާނޫނީ ޓީމަށް ހާމަކޮށް ނުދެއްވުނު ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. އެހެންވެ، ސުޕްރީމް ކޯޓަށް ހުށަހަޅައިގެން އުޅޭ މައްސަލައަކީ "އެއްވެސް މައްސަލައެއް" ނޫން ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

"އެންމެ ހިސާބު އަދަދެއް ވެސް ވިދާޅެއް ނުވޭ މާއްދާއެއްގެ ނަންބަރު ފިޔަވައި ވޯޓުގެ ކަމަކާ ގުޅޭ ގޮތުން ރައީސް ޔާމީންގެ ވަކީލަކު ކޯޓަކު. މިހާރު 38،000 ވޯޓު އޮޅުވާލި ގޮތެއް ކިޔައިދޭން އެބަޖެހޭ. އެހެން ނޫންނަމަ، ވޯޓު ބާތިލް ކުރާނެ އެއްވެސް ފުރުސަތެއް ނެތޭ،" ހަސަން ލަތީފް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އަމަލުފުޅުތަކާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ ބޭފުޅުންގެ ވާހަކަތަކުން، އިންތިޚާބުގެ މައްސަލައެއް އުޅޭ ކަން ރައީސް ޔާމީންގެ ސަޕޯޓަރުން ގަބޫލު ނުކުރައްވާ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކޯޓަށް ދާން ބޭނުންވީ މަދު ބައެކެވެ.

"ރައްޔިތުން ކަންބޮޑުވެގެން އުޅޭ ކަމެއް ނެތް. ވަރަށް ސާފުކޮށް މިއޮތީ ބޮޑު ތަނުން ރައީސް ޔާމީން ބަލިވެފައި. ރައީސް ޔާމީންގެ ވެރިކަން އޮންނާކަށް ދިވެހިން ބޭނުމެއް ނުވޭ،" ހަސަން ލަތީފް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލު އައްބާސް ޝަރީފް އިއްޔެ އަޑުއެހުމަށް ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރައީސް ޔާމީންގެ ގާނޫނީ ވަކީލު އައްބާސް ޝަރީފް އިއްޔެ އަޑުއެހުމަށް ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ހަސަން ލަތީފް ވިދާޅުވި ގޮތުގައި، އިންތިޚާބު ބާތިލް ކުރަން ރައީސް ޔާމީން ހުށަހެޅުއްވީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށެއް ނޫނެވެ. އަދި ކޯޓަށް ހުށަހެޅި މައްސަލައަކީ ހަވާ ނަފްސަށް އީމާންވާ މީހެއްގެ ހިޔާލީ ވާހަކައެއްގެ ގޮތުގައި ހަސަން ލަތީފް ސިފަކުރެއްވި އެވެ.

އެހެންވެ، އިންތިޚާބު އޮޅުވާލި ކަމަށް ބުނާ މައްސަލަ ތަހުގީގުކޮށް ދިނުމަށް ސުޕްރީމް ކޯޓުން ސަލާމަތީ ބާރުތަކުގައި އެދޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. އަދި ރައީސް ޔާމީން ހުށަހެޅުއްވި މައްސަލަ އެމަނިކުފާނަށް ކާމިޔާބުވާނެ ކަމުގެ ޕަސެންޓެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވި ގޮތުގައި މައްސަލައެއް ހުށަހަޅާއިރު، ހެއްކާއި ގަރީނާތައް ހުށަހެޅުމަކީ އެ މައްސަލައެއް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. އަދި ކަމެއް ގޯހުން ހިނގާފައި އޮތް ނަމަ، އެ ކަން ހިނގި ގޮތް ސާބިތުކޮށް ދިނުމަކީ ވެސް މައްސަލަ ހުށަހެޅި ފަރާތުގެ ޒިންމާއެއް ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. އެކަމަކު، ރައީސް ޔާމީން އެފަދަ ހެއްކަކާއި ގަރީނާއެއް ހުށަހަޅާފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީނަށް ވޯޓު ދިން 96،000 ރައްޔިތުން ވެސް މިއަދު ބޭނުންވަނީ ގައުމައިގެން ކުރިއަށް ގޮސް، ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވާން ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮތް ދުވަހު، ރައްޔިތުން ނުކުމެ ނިންމި ނިންމުން ބަދަލުކުރާނެ އެހެން ތަނެއް ނޯންނާނެ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ. އަދި އިންތިޚާބު ބާތިލް ކުރަން ހެއްކެއް ހުށަހަޅާފައި ނުވާތީ ރައްޔިތުންގެ ނިންމުން ނިންމި ގޮތަށް ބާއްވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިޚާބު ބާތިލު ކުރުމަށް އެދި ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުންތައް އިއްޔެ ނިންމައިލީ، ވޯޓު އޮޅުވާލާފައިވާ ކަން ސާބިތު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހަޅަން ބޭނުންވި ތިން ސިއްރު ހެކިވެރިންގެ ހެކިބަސް ނުނަގަން ނިންމުމަށް ފަހު އެވެ. އިއްޔެގެ އަޑުއެހުންތައް ނިންމާލަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި ގޮތުގައި މައްސަލަ ދިރާސާ ކުރުމުގައި އިތުރު ކަމެއް ސާފު ކުރަން ނުޖެހިއްޖެ ނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމެވެ.

ނަމަވެސް މި މައްސަލައިގައި ހުކުމް އިއްވާނެ ދުވަހެއް ސުޕްރީމް ކޯޓުން ނުބުނެ އެވެ.