17 އޮކްޓޯބަރ 2018
ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އާއި މުހައްމަދު ނާއިމްގެ ލަނޑުތަކާ އެކު ފ. ނިލަންދޫ އަތުން 7-2 އިން މޮޅުވެ ކްލަބް އީގަލްސް އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އާއި މުހައްމަދު ނާއިމްގެ ލަނޑުތަކާ އެކު ފ. ނިލަންދޫ އަތުން 7-2 އިން މޮޅުވެ ކްލަބް އީގަލްސް އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
އަދި މި ނަތީޖާއާ އެކު އެ ޓީމު ވަނީ ފުރަތަމަ ބުރުގެ ދެ ވަނަ މަގާމް ގާތްގަނޑަކަށް ކަށަވަރުކޮށްފަ އެވެ. އީގަލްސް 20 ޕޮއިންޓާ އެކު މި ވަގުތު ދެ ވަނައިގައި އޮތްއިރު އެ މަގާމް ގެއްލޭނީ މިރޭ ކްލަބް ކްލަބް ގްރީންސްޓްރީޓްސް އަތުން ތިން ލަނޑުގެ ތަފާތަކުން މޮޅުވެގެންނެވެ. އެ ނޫން ކޮންމެ ނަތީޖާއެއް ނުކުތަސް އީގަލްސް އަށް ދެ ވަނަ ލިބޭނެ އެވެ.
އަނެއްކޮޅުން ނިއު މިރޭ މޮޅުނުވެއްޖެ ނަމަ ފުރަތަމަ ބުރު ނިންމާލަން ޖެހޭނީ ހަތަރު ވަނައިގަ އެވެ. 17 ޕޮއިންޓާ އެކު ނިއު ހަތަރު ވަނައިގައި އޮތްއިރު ތިން ވަނައިގައި 19 ޕޮއިންޓާ އެކު އޮތީ މާޒިޔާ އެވެ. އެއް ވަނައިގައި 21 ޕޮއިންޓާ އެކު އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ. ހަތް ޕޮއިންޓާ އެކު ހަތް ވަނައިގައި އޮތް ނިލަންދޫ ވަނީ ގަދަ އަށެއް ކަށަވަރުކޮށް ލީގުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ.
މާލީ މައްސަލަތަކާ ގުޅިގެން ބްރެޒިލް ފޯވާޑް ލުއިޒް އެޑުއާޑޯ ފޮނުވާލުމުން އީގަލްސްގެ ފޯވާޑް ލައިން ނިކަމެތިވާނެ ކަމަށް ބެލެވުނު ނަމަވެސް ރިޒޭ އަންނަނީ އެތަން ފޫބައްދަމުންނެވެ. އޭނާ މިވަނީ ހަތަރު މެޗުގައި ޖުމްލަ 13 ގޯލް ޖަހައިފަ އެވެ. ތ. ތިމަރަފުށި ކޮޅަށް ހަތަރު ގޯލް ޖެހިއިރު އޭގެ ފަހުން ކުޅުނު މެޗުގައި ށ. ފޯކައިދޫ މެޗާއި ބ. ފެހެންދޫ މެޗުގައި އޭނާ މިވަނީ ހެޓްރިކް ހަދައިފަ އެވެ. މިއަދު ވެސް ހެޓްރިކެއް ހެދުމާ ވަރަށް ގާތަށް ދިޔަ އެވެ.
މިއަދުގެ މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި އީގަލްސް އިން ވަނީ ތިން ގޯލް ޖަހައިފަ އެވެ. ފުރަތަމަ ގޯލް ފަސް ވަނަ މިނެޓުގައި މުހައްމަދު ނާއިމް ޖެހީ އޭރިއާ ބޭރުން ލިބުނު ބޯޅައެއް ނިލަންދޫ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ތިރީ ކަނަށް ވައްދާލައިގެންނެވެ. ދެ ވަނަ ގޯލް ނުވަ ވަނަ މިނެޓުގައި ޖުމައިލް ޖަމީލް ޖެހީ އަރިމަތިން ގޯލަށް އަމާޒުކުރި ޝޮޓެއް ނިލަންދޫގެ ގޯލްކީޕަރު އަލީ ސޮބާހު ޕަންޗުކޮށް ކުޅުމުގެ ތެރެއަށް ފޮނުވާލި ވަގުތު އަލުން ހޯދައިގެންނެވެ. އެ ޓީމުގެ ތިން ވަނަ ގޯލަކީ ހައިޝަމް ހަސަން ނެގި ހުރަހަކުން ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ޖެހި ގޯލެކެވެ. އަދި 24 ވަނަ މިނެޓުގައި އޭރިއާ ބޭރުން އަމާޒުކޮށްލި ޝޮޓެއް ކާމިޔާބުކޮށް ރިޒޭ އެ ޓީމުގެ ހަތަރު ވަނަ ގޯލް ޖެހި އެވެ.
އެކަމަކު ދެ ވަނަ ހާފުގެ ކުރީކޮޅު ނިލަންދޫގެ ބިދޭސީ ފޯވާޑް އަޑޮކޫ ލޫކަސް ވަނީ ގާތްގާތުގައި ދެ ގޯލް ޖަހައި އީގަލްސް ހާސްކޮށްލައިފަ އެވެ. ފުރަތަމަ ގޯލް 48 ވަނަ މިނެޓުގައި ޖެހީ އީގަލްސްގެ ގޯލްކީޕަރު ސުޖަން ޕެރޭރާ ކައިރިން ނައްޓާލުމަށް ފަހު އެވެ. ދެ ވަނަ ގޯލް 52 ވަނަ މިނެޓުގައި ގޯލަށް ވައްދާލީ ދުރުން ޖަހައި ކީޕަރު ބޯމަތިންނެވެ.
ފަހުން އީގަލްސް އިން އަނެއްކާ ވެސް ކޮންޓްރޯލް ނަގައި ފަހު 15 މިނެޓުގެ ތެރޭ ތިން ގޯލް ޖެހި އެވެ. އޭގެ ތެރެއިން ފުރަތަމަ ގޯލަކީ 73 ވަނަ މިނެޓުގައި ހަސަން ރާއިފް (ހަންނަ) ހާފުގެ މެދަކާ ހަމައިން ފަޅި ބަދަލުކޮށްލައި ދިން ރީތި ބޯޅައެއް ރިޒޭ ކޮންޓްރޯލަށް ކޮށްލައި ގޯލަށް ވައްދާލައިގެން ޖެހި ގޯލެކެވެ. ފަސް ވަނަ ލަނޑު 87 ވަނަ މިނެޓުގައި ޖެހީ ނާއިމެވެ. މުހައްމަދު އާރިފް (ބަކާ) މެދުތެރެއިން އެކަނިމާއެކަނި ކުރިއަށް އަރައި ހަންނަ އަށް ދިނުމުން އޭނާ ހުރަސްކުރި ބޯޅަ ނާއިމް ވަނީ ފަސޭހަކަމާ އެކު ގޯލަށް ވައްދާލައިފަ އެވެ. އީގަލްސްގެ ފަހު ގޯލަކީ އިތުރު ވަގުތުގެ ތެރޭގައި ނިލަންދޫގެ އަލީ ހާޝިމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެކަމަކު މި ގޯލުގައި ހުރިހާ ޝުކުރެއް ހައްގުވަނީ މިދިޔަ ތިން މެޗުގައި ހެޓްރިކް ހެދި ރިޒޭ އަށެވެ.
އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ފުރަތަމަ ހާފުގައި ވަރަށް ރަނގަޅަށް ދިއުމަށް ފަހު ދެ ވަނަ ހާފުގެ ކުރީކޮޅު ކޮންމެވެސް ވަރަކަށް އަތުން ދިޔަ ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށެވެ.
"ފުރަތަމަ ހާފުގައި ހަތަރު ގޯލް ޖެހުމީމާ އެފަދަ ކަމެއް ވެދާނެ. އެކަމަކު ޖުމްލަކޮށް ބަލާއިރު ވަރަށް ރަނގަޅު ކުޅުން. ނިލަންދޫ އަކީ ޒޯނުން އައި ޓީމުތަކުގެ ތެރެއިން އެންމެ އޯގަނައިޒް ޓީމު. އެ ޓީމާ ދެކޮޅަށް މި ނެރުނީ އުއްމީދުކުރި ވަރަށް ވުރެ ވެސް ރަނގަޅު ނަތީޖާއެއް،" މޯހަން ބުންޏެވެ.
ލީގު ޗެމްޕިއަންކަމާ މެދު ވިސްނަންތޯ އެހުމުން މޯހަން ބުނީ ކްލަބު އޮތް ހާލަތާ ވެސް އެކު، ވިސްނަނީ މެޗަކަށް ފަހު މެޗަކާ ދޭތެރޭ އެކަނި ކަމަށެވެ.
ނިލަންދޫގެ ކޯޗު އާދަމް އަބްދުއްލަތީފް (ލައްޗޭ) ބުނީ ފުރަތަމަ ހާފުގައި ދިޔައީ ދަށްކޮށް ކަމަށާއި އެކަމަކު ކުޅުންތެރިންގެ މަސައްކަތުން ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކުރި ކަމަށެވެ.
"އަޅުގަނޑު އަބަދުވެސް ކުޅުންތެރިން ގާތު ބުނަން މި ފެންވަރުގެ ޓީމުތަކާ ދެކޮޅަށް ކުޅޭއިރު މަސައްކަތްކޮށްގެންނޭ ނަތީޖާ ނެރެވޭނީ. މި މެޗުތަކަކީ ކުޅުންތެރިންގެ ތަޖުރިބާ އަށް ވަރަށް މުހިއްމު މެޗުތަކެއް،" ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ބުންޏެވެ.
ރިޒޭ އާއި ނާއިމްގެ ހެޓްރިކާ އެކު އީގަލްސް އަށް މޮޅެއް
ރިޒޭގެ ހެޓްރިކާ އެކު އީގަލްސް އިން ނިލަންދޫ ބަލިކޮށްފި
ރިޒޭގެ ހެޓްރިކުން އީގަލްސް އަށް ފުރަތަމަ މޮޅު
މާޒިޔާ މެޗުން ނިލަންދޫ އަށް ފިލާވަޅު ނެގޭނެ: ފެސްކޯ
ކޯޗިންގައި ލައްޗޭ އަށް ރަނގަޅު ފެށުމެއް
ޗެމްޕިއަން ޓީސީން ލީގުގެ އައްޑަނަ އުފުލާލައިފި
ފޯކައިދޫ ބަލިކޮށް ނިލަންދޫ އަމާޒު ހާސިލްކޮށްފި
ވިކްޓްރީ އަތުން ނިލަންދޫ ފަސޭހައިން މޮޅުވެއްޖެ
ނިއު ބަލިކޮށް އީގަލްސް ގަދަ ތިނެއް ކަށަވަރުކޮށްފި
ދަގަނޑޭގެ ހަތަރު ގޯލާ އެކު ޓީސީ ލީގާ ގާތަށް