26 ނޮވެމްބަރ 2018
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓް އަތުން 2-0 އިން ހޯދި މޮޅާ އެކު އީގަލްސް ލީގުގެ ގަދަ ތިނެއް ކަށަވަރުކޮށްފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓް އަތުން 2-0 އިން ހޯދި މޮޅާ އެކު އީގަލްސް ލީގުގެ ގަދަ ތިނެއް ކަށަވަރުކޮށްފި އެވެ.
ލީގުގެ އެއް ވަނައިގައި ޓީސީ އޮތީ 15 މެޗުން 39 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އަށް 15 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، މިރޭގެ މޮޅާ އެކު އީގަލްސް ތިން ވަނައިގައި ހަމަޖެހިލީ 15 މެޗުން 35 ޕޮއިންޓާ އެކު އެވެ. އެންމެ ފަހުގެ ޗެމްޕިއަން ނިއު އޮތީ 15 މެޗުން 27 ޕޮއިންޓާ އެކު ލީގުގެ ހަތަރު ވަނައިގަ އެވެ.
ނިއު އެންމެ ފަހުން ކުޅުނު މެޗުން ވަނީ ގްރީން ސްޓްރީޓްސް އަތުން ތަފާތު ބޮޑުކޮށް ބަލިވެފަ އެވެ. އެހެން ކަމުން މި މެޗުން މޮޅުވެ، އަލުން ފޯމަކަށް އެޅެން އެ ޓީމުން ވެސް ވަނީ ބޭނުންވެފަ އެވެ. އެކަމަކު މިރޭ ވެސް ބަލިވެ، އެ ޓީމަށް ވަނީ އިތުރު މާޔޫސްކަމަކާ ކުރިމަތިލާން ޖެހިފަ އެވެ. އަނެއްކޮޅުން އީގަލްސް އެންމެ ފަހުން ކުޅެން އޮތް މެޗަށް ވިކްޓަރީ ހާޒިރުނުވުމުން އެ މެޗު ވަނީ ކެންސަލްވެފަ އެވެ.
މެޗުގައި ލީޑުނަގަން ފުރަތަމަ ފުރުސަތު ލިބުނީ ނިއުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އަށެވެ. މެޗުގެ ހަތް ވަނަ މިނިޓްގައި ހަސަން އަދުހަމް (ސަޑޭ) ނަގައިދިން ބޯޅައަކުން ސެންޓޭ އެއް ފަހަރުން ފޮނުވާލަން މަސައްކަތްކުރި ބޯޅަ އޭނާ ފައިގައި ލައްވާލާ ގޮތެއްނުވި އެވެ. އޭގެ މިނިޓެއް ފަހުން އީގަލްސްގެ ހަސަން ރާއިފް (ހަންނަ) ނަގައިިދިން ބޯޅަ އޭރިއާތެރެއިން އަހުމަދު ރިޒުވާން (ރިޒޭ) ފޮނުވާލުމުން ދިޔައީ އަރިމަތިން ބޭރުންނެވެ.
އީގަލްސް އަށް ލީޑުނަގައިދޭން މެޗުގެ 12 ވަނަ މިނިޓްގައި މުހައްމަދު ނާއިމް ޖެހި ބޯޅަ ގޯލު ރޮނގުމަތިން ސަލާމަތްކުރީ ނިއުގެ ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) އެވެ.
މެޗުގެ 34 ވަނަ މިނިޓްގައި އޭރިއާގެ އަރިމަތިން ދުރު ކަނަށް އަމާޒުކޮށް ރިޒޭ ފޮނުވާލި ބޯޅަ ނިއުގެ ގޯލްކީޕަރު ހަސަން އަބްދުލް ހަކީމް ވަނީ މަތަކޮށްފަ އެވެ. އެކަމަކު އޭގެ ދެ މިނިޓް ފަހުން އޭރިއާ ތެރެއިން ލިބުނު ފުރުސަތުގެ ބޭނުން ހިފައި ރިޒޭ ވަނީ އީގަލްސް އަށް ލީޑުނަގައިދީފަ އެވެ. ހަންނަ ހުރަސްކޮށްލި ބޯޅައެއް ހޯދުމަށް ފަހު ރިޒޭ ވަނީ ހަމަޖެހިލާފައި އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ދެ ވަނަ މިނިޓްގައި ނިއު އަށް ނަތީޖާ ހަމަހަމަ ކޮށްދޭން މުހައްމަދު އުމެއިރަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ސެންޓޭ ޖައްސާލި ބޯޅަ އުމެއިރު ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
އީގަލްސްގެ ދެ ވަނަ ލަނޑު މެޗުގެ 57 ވަނަ މިނިޓްގައި ޖެހީ ނާއިމް އެވެ. އޭރިއާ ތެރެއިން ނާއިމް ޖެހި ބާރު ބޯޅަ ގޯލަށް ވަނީ ނިއުގެ އިމްރާން ނަޝީދު (އިންމަ) ފައިގައި ޖެހިފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ހިލޭ ޖެހުމަކުން ނިއުގެ ސެންޓޭ ޖެހި ބޯޅަ އީގަލްސްގެ ކީޕަރު ސްރީލަންކާގެ ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 68 ވަނަ މިނިޓްގައި އީގަލްސް އަށް ތިން ވަނަ ލަނޑެއް ޖަހަައިދޭން އޭރިއާތެރެއިން ހުސެއިން ޝިފާއު (ކުރޯ) ޖެހި ބޯޅަ ނިއުގެ ކީޕަރު ހަސަން ވަނީ މަތަކޮށްފަ އެވެ. ނިއު އަށް ލަނޑެއް ޖަހައިދޭން މެޗުގެ 82 ވަނަ މިނިޓްގައި އިބްރާހިމް އަތީގް (އިއްބެ) ޖެހި ބޯޅަ ކީޕަރު ސުޖަން ވަނީ ހުއްޓުވައިފަ އެވެ.
މެޗަށް ފަހު ނިއުގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) ބުނީ ޓީމު އޮތް ހާލަތާ ބަލާއިރު ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށާއި ހަމައެކަނި ދިމާވި މައްސަލަ އަކީ ލިބުނު ފުރުސަތުތަކުން ގޯލެއް ކާމިޔާބު ނުކުރެވުން ކަމަށެވެ. އަދި ކޮންމެ ދުވަހަކު ޓީމުގެ ހާލަތާ ބެހޭގޮތުން ވާހަކަ ނުދައްކާ ބޭނުންވަނީ ތިބި ކުޅުންތެރިން ލައިގެން މެޗުތަކުގައި ރަނގަޅު ނަތީޖާ ނެރެވޭތޯ މަސައްކަތް ކުރުމަށް ކަމަށެވެ.
މިއީ މި އަހަރު އީގަލްސް އަށް ނިއު އަތުން ހޯދުނު ފުރަތަމަ މޮޅެވެ. ނިއުއާ ދެކޮޅަށް މީގެ ކުރިން ކުޅުނު ތިން މެޗުގައި ވެސް އީގަލްސް އިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް މޮޅެއް ނުހޯދެ އެވެ. އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ނިއު އަތުން މޮޅެއް ލިބި ގަދަ ތިނެއް ކަށަވަރުވުމުން ހިތްހަމަ ޖެހޭ ކަމަށެވެ.
ލީގު މިހާރު އޮތްގޮތުން ބުރާސްފަތި ދުވަހު ނިއު އަތުން މާޒިޔާ މޮޅުވެ، ހުކުރު ދުވަހުގެރޭ އީގަލްސް އަތުން ޓީސީ ބަލިވެއްޖެނަމަ އެ ޓީމަށް ލީގު ގެއްލޭނެ އެވެ. މޯހަން ބުނީ އީގަލްސް ނުކުންނާނީ ވަކި ކްލަބަކަށް ވާގޮތެއް ބެލުމަށް ނޫން ކަމަށާއި އެހެން މެޗުތަކެކޭ ވެސް އެގޮތަށް މެޗުން މޮޅުވުމަށް ކަމަށެވެ.
"އެއްވެސް މެޗަކަށް އަޅުގަނޑުމެން ނާރާނަން ބަލިވާކަށް. އަޅުގަނޑުމެން ވަކި ބަޔަކަށް ލިބޭތޯ ވަކި ބަޔަކަށް ނުލިބޭތޯ އެއީކީ އެއްވެސް ވަރަކަށް ބަލާނެ ކަމެއް ނޫން. ޕްރޮފެޝަނަލް ހަމަައެކަނި ނަމަކަށް ވެގެން ކަމަކުނުދާނެ. އަމަލުން ވެސް އެކަން ދައްކަން ޖެހޭނެ. އަޅުގަނޑު ހުންނަ ޓީމެއްގައި އެގޮތަށް ކަންތައް އޮންނާނީ،" ކުރިން ނިއު އަށް ލީގު ހޯދައިދިން މޯހަން ބުންޏެވެ.
ލީގުގައި މާދަމާ ހަވީރު އޮތީ ގްރީން ސްޓްރީޓްސް އާއި ށ. ފޯކައިދޫ ކުޅޭ މެޗެވެ. މާދަމާރޭ ފ. ނިލަންދޫ ބައްދަލުކުރާނީ ވިކްޓަރީ ސްޕޯޓްސް ކްލަބްއާ އެވެ.
ޗެމްޕިއަން ޓީސީން ލީގުގެ އައްޑަނަ އުފުލާލައިފި
ރިޒޭގެ ހެޓްރިކާ އެކު އީގަލްސް އަށް ބޮޑު މޮޅެއް
ނިލަންދޫ ބަލިކޮށް ނިއު ތިން ވަނަ އަށް
ވިކްޓަރީ ބަލިކޮށް ނިއު އަށް ހަމަޖެހުމެއް
ރިޒޭގެ ހަތަރު ގޯލާ އެކު އީގަލްސް އަށް ބޮޑު މޮޅެއް
ދަގަނޑޭގެ ދެ ގޯލުން ޓީސީ އިން ނިއު ބަލިކޮށްފި
ރިޒޭ އާއި ނާއިމްގެ ހެޓްރިކާ އެކު އީގަލްސް އަށް މޮޅެއް
ފެންނަނީ މާޔޫސްވާވަރުގެ މަންޒަރުތަކެއް: މޯހަން
ތިމަރަފުށި ކޮޅަށް ނުވަ ގޯލު ޖަހައި އީގަލްސް ތިނަކަށް
ނިއު އާއި އީގަލްސް އެއްވަރުވެއްޖެ