03 އޮކްޓޯބަރ 2018
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް މިހާރު ކުރިއަށްދާ ގޮތުން ފެންނަނީ ދިވެހި ފުޓްބޯޅައާ މެދު ވިސްނާ މީހުން މާޔޫސްވާންޖެހޭ ފަދަ މަންޒަރުތަކެއް ކަމަށް ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް މިހާރު ކުރިއަށްދާ ގޮތުން ފެންނަނީ ދިވެހި ފުޓްބޯޅައާ މެދު ވިސްނާ މީހުން މާޔޫސްވާންޖެހޭ ފަދަ މަންޒަރުތަކެއް ކަމަށް ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.
ދެ މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު ޕްރިމިއާ ލީގުގެ ކުޅުން މިދިޔަ ހަފްތާގައި ފެށިއިރު، ލީގުގައި ވާދަކުރާ ހުރިހާ ޓީމެއް ވެސް އޮތީ އެކި މައްސަލަތަކުގެ ތެރޭގަ އެވެ. ކުރިމަތިވެފައިވާ މައްސަލަތަކުން އަރައިގަނެގެން ސީޒަން ނިންމާލެވެން އޮތީ ވެސް މަދު ޓީމަކަށެވެ.
ލީގުގައި ރޭ އީގަލްސް ކުޅުނު މެޗުން ތިމަރަފުށި އަތުން 9-0 އިން މޮޅުވިއިރު، މާލީ މައްސަލަތަކުގެ ސަބަބުން ތިމަރަފުއްޓަށް މުބާރާތުގައި ކުރިއަށް ދިއުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ. ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) އެއްބަސްވުމުގެ ދަށުން ތިމަރަފުއްޓަށް ފައިސާ ދޭން ހަމަޖައްސާފައި އޮތް ކުންފުންޏަކީ މިފްކޯ އެވެ. މިހާތަނަށް ތިމަރަފުއްޓަށް މިފްކޯގެ ފަރާތުން ބަޖެޓް ނުލިބި ޓީމު އޮތީ އަޑިގަޑެއްގެ ތެރޭގަ އެވެ. މެޗުތަކަށް ޓީމު ހަވަނީ ކިރިޔާ އެވެ.
ރޭ އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ދެ ވަނަ ހާފުގައި ތިމަރަފުށީގެ ކީޕަރު އަޑެޓުންޖީ އަށް އަނިޔާވުމުނަ އޭނާ ވަނީ ބަދަލުކޮށްފަ އެވެ. އޭނާގެ ބަދަލުގައި ގޯލަށް އެރީ ޓީމުގެ މެދުތެރެއަށް ކުޅެމުންދިޔަ މިސްބާހު އިބްރާހިމް އެވެ. އޭނާގެ ޖޯޒީ ޓީމުގެ އެހެން ކުޅުންތެރިންނާ އެއްގޮތްވާތީ ރެފްރީ ވަނީ ޖޯޒީ ބަދަލުކުރަން އަންގައިފަ އެވެ. އޭނާ ޖޯޒީ ހޯދީ އިދިކޮޅަށް ކުޅުނު އީގަލްސް ޓީމުންނެވެ. ބަދަލުކުރާނެ ކުޅުންތެރިއަކު ނެތުމުން ތިމަރަފުށިން މެޗުގެ ފަހު ވަގުތު ކުޅުނީ 10 ކުޅުންތެރިންނާ އެކު އެވެ.
ރޭގެ މެޗަށް ފަހު މޯހަން ބުނީ މިހާރު އޮތް ހާލަތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި ހިތާމަ ވެސް ކުރާ ކަމަށެވެ.
"މިދިޔަ އަހަރުން ފެށިގެން އަޅުގަނޑު އެންމެ ފުރަތަމަ ވެސް ދައްކަމުން އަންނަ ވާހަކައެއް މިއީ. މި ގޮތަކަށް މި ޕްރިމިއާ ލީގެއް ގެންގޮސްގެނެއް އެއްވެސް ކަހަލަ އޮއްޓަރު ހުރިކަމެއް ނުފެންނާނެ ކަމަށް. އެހެން ނަމަވެސް މިދިޔަ އަހަރު ތަންކޮޅެއް ރަނގަޅަށް ޓީމުތައް މަސައްކަތްކުރިތަން ފެނުނީ. ރަށްރަށުން އައި ޓީމުތައް މި އަހަރު މި ފެންނަނީ ހާލުދެރަކޮށް،" މިދިޔަ އަހަރު ދ. ކުޑަހުވަދޫ ޓީމަށް ކޯޗުކޮށްދިން މޯހަން ބުންޏެވެ.
މޯހަން ބުނީ ކަންބޮޑުވާން ޖެހެނީ ވަކި ޓީމުތަކެއް ނޫން ކަމަށާއި ޖުމްލަކޮށް ހުރިހާ ޓީމުތައް އޮތީ މާޔޫސްވާންޖެހޭ ހާލަތުގައި ކަމަށެވެ.
"ރަށްރަށު ޓީމު އެކަންޏެއް ނޫން މާލޭ ޓީމުތައް ވެސް އެ ހާލުގައި. މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ހަގީގަތުގައި މި ކަމަށް ކޮންމެވެސް ބަޔަކު މިހާރުއްސުރެއް ވެސް އުޅެގެން މި ސީޒަން ވެސް ރަނގަޅު ގޮތުގައި ނިންމޭނީ. ފުޓްބޯޅަ މީހުން ފޫހިވެގެންދާ ދަނޑިވަޅެއްގައި މި ކަހަަލަ ކަންތައް ވުމަކީ އެ އަށް ވުރެން ބޮޑަށް މާޔޫސްކަން ލިބިގެންދާނެ ކަމެއް. މި އަށް ހައްލެއް ގެންނަން ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭ،" މޯހަން ބުންޏެވެ.
އޭނާ ބުނީ މިހާރު ކަންތައްތައް ގޮސްފައި އޮތް ހާލަތަށާއި މި އަހަރުގެ ސީޒަނުގެ ބާކީ ބަޔަށް ބަލާއިރު ގެނެވޭނެ މާ ބޮޑު ބަދަލުތަކެއް ނެތުމުން މި އަހަރު މި ކަންތައްތަކަށް ހައްލެއް ނުހޯދޭނެ ކަމަށެވެ. އެކަމަކު މި ވަގުތު ހުރި މައްސަލަތައް ހައްލުކުރެވޭނީ ވެސް ބަޔަކު އިސްނަގައިގެން ވިޔަސް އެކަމާ އުޅެގެން ކަމަށް އޭނާ ބުންޏެވެ.
"މި ވަގުތަކަށް ނެތް އެންމެ ރަނގަޅު ހައްލެއް. މި ވަގުތަށް އޮތީ ކޮންމެވެސް ގޮތަކުން ޓީމުތަކާ ބައްދަލުކޮށްގެން ނަމަވެސް ޓީމުތަކަށް މި އަހަރު ނިންމާލެވޭ ވަރު އެފްއޭއެމުންނާއި ދެން އެ ތިބި ބަޔަކާ ވެގެން ކުރުން،" ކުރިން އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރަކަށް މަސައްކަތްކުރި މޯހަން ބުންޏެވެ.
ރާއްޖޭގައި މިހާރު އޮތް ފުޓްބޯޅަ ކަލަންޑަރަށާއި ފުޓްބޯޅަ ފޯމެޓަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި މިހާރު މި އޮތް ގޮތަށް ގެންގޮސްގެން ފުޓްބޯޅަ އަށް އެއްވެސް ފައިދާއެއް ކުރާނެ ކަމަށް ގަބޫލުނުކުރާ ކަަމަށް މޯހަން ވަނީ ބުނެފަ އެވެ.
"މިހާ ސީޒަން ދިގުލައިގެން މިދާ އެއް ސަބަބަކީ މާލޭ ލީގު ކުޅެގެން. އެންމެ ކުރިން ވެސް މި ކިޔަނީ ބޭކާރު މުބާރާތެކޭ އެއީ. ދެން ރަށްރަށުން އަންނަ ޓީމުތައް ލައިގެން މިހާ ދިގު މުބާރާތެއް ނުރޭވުން. ކުރިން ވެސް ޕްރެކްޓިސް ކޮށްފައި އޮތް އެއްޗެއް މިއީ. މި އަކުން ފުޓްބޯޅަ އަށް ފައިދާއެއް ނުވާނެ. އެތަނެއް ނުފެނޭ. މިކަންކަން އެބަޖެހޭ ބަޔަކު ވެސް އަޑުއަހައިގެން މަޝްވަރާކޮށްގެން ކުރިއަށް ޕްލޭން ކުރަން. އެހެންނޫނީ ފުޓްބޯޅަ އަށް މި ވަނީ ދެރަގޮތްތައް،" ކުރިން ނިއު ރޭޑިއަންޓަށާއި ވެލެންސިއާ އަދި މަހިބަދޫ ސްޕޯޓްސް ކްލަބަށް ކޯޗުކޮށްދިން މޯހަން ބުންޏެވެ.
ލީގުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ވިކްޓަރީ ކުޅޭއިރު، އެ ޓީމު މިރޭ ހަމަވާނެ ކަމުގެ ޔަގީންކަމެއް އަދި ނެތެވެ. ޓީމުގެ ކުޅުންތެރިންނަށް މުސާރަ ނުދޭތާ ތިން މަސް ވެފައިވާއިރު، މުސާރަ ލިބޭނެ ކަމުގެ އުއްމީދު ވެސް ވަނީ ކުޑަވެފަ އެވެ. ޕްރެކްޓިހެއް ނުކުރާއިރު މެޗު ކުޅެން ޓީމު ހަމަކުރުމުގައި އެންމެ އިސްކޮށް އުޅެނީ ޓީމުގެ ކެޕްޓަން ޝާފިއު އަހުމަދު (ޝާފީ) އެވެ. މުސާރައާ އެކި މައްސަލަތަކުގެ ސަބަބުން ވިކްޓަރީގެ ކޯޗުކަމުގައި ހުރި ހަންގޭރީގެ ލާޒްލޯ ކިސް ވެސް ވަނީ ޓީމު ދޫކޮށް ގޮސްފަ އެވެ.
"މިހާރަ"ށް ވާހަކަ ދެއްކި ވިކްޓަރީގެ ބައެއް ކުޅުންތެރިން ބުނީ ކްލަބްގެ ޗެއާމަނަކަށް މިދިޔަ މާޗް މަހު ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އަދި ވައިސް ޗެއާމަނަކަށް ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް އިންތިހާބުވެ ގިނަ ކަންތައްތަކެއް ކޮށްދޭނެ ކަމަށް ވައުދުވި ކަމަށާއި އެކަމަކު މިހާތަނަށް އޭގެ އެއްވެސް ކަމެއް ހަމަނުޖެހޭ ކަމަށެވެ.
ރެކޯޑްތަކަކަށް މޯހަން ނުވިސްނާ؛ މިއަދަށް ތައްޔާރު!
ޗެމްޕިއަން ޓީސީން ލީގުގެ އައްޑަނަ އުފުލާލައިފި
ނިއު ބަލިކޮށް އީގަލްސް ގަދަ ތިނެއް ކަށަވަރުކޮށްފި
"ހާލަތު ރަނގަޅެއް ނޫން، ހިތްވަރަކީ ކުޅުންތެރިން"
ރިޒޭގެ ހެޓްރިކާ އެކު އީގަލްސް އަށް ބޮޑު މޮޅެއް
ރިޒޭގެ ހަތަރު ގޯލާ އެކު އީގަލްސް އަށް ބޮޑު މޮޅެއް
ރިޒޭ އާއި ނާއިމްގެ ހެޓްރިކާ އެކު އީގަލްސް އަށް މޮޅެއް
ތިމަރަފުށި ކޮޅަށް ނުވަ ގޯލު ޖަހައި އީގަލްސް ތިނަކަށް
ހާސްވާން ޖެހޭ ސަބަބެއް އަދި ނެތް: މޯހަން
ފަހު ވަގުތު އީގަލްސް އަތުން މާޒިޔާ އަށް ޕޮއިންޓެއް