Roadha Mihaaru
ރިޒޭގެ ހެޓްރިކާ އެކު އީގަލްސް އިން ނިލަންދޫ ބަލިކޮށްފި

ރިޒޭގެ ހެޓްރިކާ އެކު އީގަލްސް އިން ނިލަންދޫ ބަލިކޮށްފި

29 ޑިސެމްބަރ 2019

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އަހުމަދު ރިޒުވާން (ރިޒޭ) ގެ ހެޓްރިކާ އެކު ކްލަބް އީގަލްސް އިން 4-2 އިން ފ. ނިލަންދޫ ބަލިކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އަހުމަދު ރިޒުވާން (ރިޒޭ) ގެ ހެޓްރިކާ އެކު ކްލަބް އީގަލްސް އިން 4-2 އިން ފ. ނިލަންދޫ ބަލިކޮށްފި އެވެ.

އީގަލްސްގެ މި މޮޅާ އެކު ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާގެ ލީޑުވަނީ 11 ޕޮއިންޓަށް ކުޑަވެފަ އެވެ. މާޒިޔާ އެއް ވަނައިގައި އޮތީ 15 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް 14 މެޗުން ލިބިފައިވަނީ 27 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓްސް މިރޭ ކުޅެން ޝެޑިއުލްކޮށްފައި އޮތް ވިކްޓްރީ މެޗު އެ ޓީމަށް ލިބޭނެ އެވެ. އެއީ މާލީ އަދި އެހެނިހެން މައްސަލަތަކުގެ ސަބަބުން ވިކްޓްރީ ސަސްޕެންޑްކޮށްފައިވާތީ އެވެ. ގްރީން ސްޓްރީޓްސް އަށް ވަނީ 15 މެޗުން 26 ޕޮއިންަޓް ލިބިފަ އެވެ.

ކާޑު ހަމަވުމުގެ ސަބަބުން މި މެޗަށް ސަސްޕެންޑްވެފައިވާ ގައުމީ ޓީމުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ނުލައި ކުޅުނު އީގަލްސް އަށް މެޗުގެ ނުވަ ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ލީޑުނަގައިދިނީ ރިޒޭ އެވެ. އޭރިއާ ތެެރެއިން އީގަލްސްގެ ހައިޝަމް ހަސަން (ބިޑީ) އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީން ރިޒޭ ޖެހި ބޯޅަ ގޯލަށް ވަނީ ނިލަންދޫގެ ކީިޕަރު އިސްމާއިލް ޝަފީއު (ޗެކް) އަތުގައި ޖެހިފަ އެވެ.

ލީޑުފުޅާކުރަން މެޗުގެ 12 ވަނަ މިނިޓްގައި އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ގޯލު ރޮނގުމަތީގައި ހުރި ނިލަންދޫގެ ޑިފެންޑަރު ސައްދާމް ހުސެއިން ވަނީ ސަލާމަތްކޮށްފަ އެވެ. އޭގެ ފަހުން އީގަލްސްގެ އިބްރާހިމް އިމްރާން ޖެހި ބޯޅަ ކީޕަރު ޗެކް ވަނީ އަތަށް ނަގައިފަ އެވެ.

އީގަލްސް އާއި ނިލަންދޫ މިއަދު ކުޅުނު މެޗުގެ ތެރެއިން. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އީގަލްސް އާއި ނިލަންދޫ މިއަދު ކުޅުނު މެޗުގެ ތެރެއިން. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ނިލަންދޫން ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި ގްރީން ސްޓްރީޓްސް އަތުން 4-2 އިން މޮޅުވެފަ އެވެ. އެ މެޗުގައި ދެއްކި ވަރުގެ ކުޅުމެއް މި މެޗުގައި ނުދެއްކުނު ނަމަވެސް އެ ޓީމުން ފުރުސަތުތައް ތަނަވަސްކުރި އެވެ. ނިލަންދޫ އަށް ނަތީޖާ ހަމަހަމަކުރަން މެޗުގެ 35 ވަނަ މިނިޓްގައި ޖަޕާންގެ މިޑްފީލްޑަރު ޓޮޝީކީ ޔަމަމޯޓޯ ޖެހި ޕެނަލްޓީ ހުރަސް ދަނޑީގައި ޖެހިފައި ބޭރަށް ނުކުތް ކަމަށް ރެފްރީ ނިންމިއިރު، ނިލަންދޫ ކުޅުންތެރިން ވަނީ ގޯލުގެ އެތެރެ އަށް އެ ބޯޅަ ވަން ކަމަށް ބުނެ އެޕީލްކޮށްފަ އެވެ. އެ ގޯލު ބަލައިނުގަންނަން ލަންކާ ރެފްރީ ނިންމި އެވެ. އެކަމަކު ނިލަންދޫ އިން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޓޮޝީކީގެ ލަނޑުން ނަތީޖާ ހަމަހަމަކޮށްފަ އެވެ. މިއީ ލިބުނު ހިލޭ ޖެހުމަކުން ނިލަންދޫގެ ކެޕްޓަން ފަރުހާދު އިސްމާއިލް (ފަރޭ) ނަގައިދިން ހުރަހަކުން ޓޮޝީކީ ޖެހި ގޯލެކެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅުގައި އީގަލްސްގެ ރިޒޭ ފޮނުވާލި ބޯޅައެއް ކީޕަރު ޗެކް މަތަކުރިއިރު، ނިލަންދޫގެ ގާނާ ފޯވާޑް ލޫކަސް ޖެހި ބޯޅަ އީގަލްސްގެ ކީޕަރު ސުޖަން ޕެރޭރާ ވަނީ ހުއްޓުވައިފަ އެވެ. އީގަލްސް އަށް މެޗުގައި ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ 72 ވަނަ މިނިޓްގައި ހަންނަ ނަގައިދިން ބޯޅައަކުން ރިޒޭ އެވެ. އީގަލްސް އަށް މި ފަހަރު ވެސް ލީޑު ހިފަހައްޓައިނުލެވުނެވެ. މެޗުގެ 75 ވަނަ މިނިޓްގައި ފަރޭ ނަގައިދިން ހިލޭ ޖެހުމަކުން އެ ޓީމުގެ ބިދޭސީ ޑިފެންޑަރު ސެމިއުލް ލަމްޕްޓޭ ވަނީ މެޗުގައި ދެ ވަނަ ފަހަރަށް އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އޭގެ އެއް މިނިޓް ފަހުން އީގަލްސް އަށް އަނެއްކާ ލީޑުލިބުނީ ފަރޭ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.

އީގަލްސްގެ ހަތަރު ވަނަ ލަނޑު ޖަހައި ރިޒޭ އޭނާގެ ހެޓްރިކް ފުރިހަަމަކުރީ މެޗުގެ 84 ވަނަ މިނިޓްގަ އެވެ. އޭނާ ވަނީ އޭރިއާ ތެރެއިން ލިބުނު ބޯޅަ ހަމަޖެހިލާފައި ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ. އޭގެ ފަހުން ހުސްކޮށް ލިބުނު ބޯޅައަކުން ރިޒޭ ހަތަރު ވަނަ ގޯލު ޖަހަން ފޮނުވާލި ބޯޅަ ގޯލުގެ ރޮނގުމަތީގައި ހުރި ނިލަންދޫ ޑިފެންޑަރު ސައްދާމް ވަނީ ސަލާމަތްކޮށްފަ އެވެ.