28 ޖޫން 2019
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ އަންގާރަ ދުވަހުގެރޭ މާޒިޔާ އަތުން 13-0 އިން ބަލިވި މެޗުން ފ. ނިލަންދޫ ޓީމަށް ގިނަ ފިލާވަޅުތަކެއް ނެގޭނެ ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި ކަންތައްތައް ރަނގަޅުކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ އަންގާރަ ދުވަހުގެރޭ މާޒިޔާ އަތުން 13-0 އިން ބަލިވި މެޗުން ފ. ނިލަންދޫ ޓީމަށް ގިނަ ފިލާވަޅުތަކެއް ނެގޭނެ ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި ކަންތައްތައް ރަނގަޅުކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.
ލީގުގައި މާދަމާ ހަވީރު ނިލަންދޫ ކުޅޭނީ ކްލަބް އީގަލްސްއާ އެވެ. މި ފަހަރުގެ ލީގަށް އެންމެ ފަހުން ފަރިތަކުރުންތައް ފެށި ނިލަންދޫ އަށް ތައްޔާރީތަކުގައި މައްސަލަތަކެއް ދިމާވި ނަމަވެސް ފުރަތަމަ މެޗުގައި ދަ ގްރާންޑޭ ކޮޅަށް އެ ޓީމުން ރަނގަޅަށް ކުޅުނެވެ. އެކަމަކު މާޒިޔާއާ ދެކޮޅަށް ގިނަ ގޯސްތަކެއް ހެދި 13 ލަނޑު ވަނުމުން ފާޑުކިޔުން އަމާޒުވި އެވެ.
ފެސްކޯ ބުނީ މާޒިޔާ މެޗުން ހުރިހާ ކަމެއް ނިމިގެންދިޔައީ ކަމަށް ނުދެކޭނެ ކަމަށާއި ނިލަންދޫ އިން މިހާރުގެ ހާލަތުން އަރައިގަންނަން މަސައްކަތްކުރާނެ ކަމަށެވެ.
"ވެދިޔަތަން އެ ނިމުނީ ދެން ކުރިއަށް އޮތް މެޗުތަކަށް މޯޓިވޭޓްކުރެވެން އޮތް ގޮތަކަށް ކުރުން އޮންނާނީ. (މާޒިޔާ މެޗުގެ) ސަބަބުން އަޅުގަނޑު ގަބޫލެއް ނުކުރަން ހުރިހާ ކަމެއް ނިމުމަކަށް އައީކަމަށް. އެއީ ޕްރިމިއާ ލީގަކީ ދެ ބުރުގެ މައްޗަށް އެކުލެވޭ ލީގެއް. އެއް ފަހަރު މާޒިޔާ އަތުން އެ ނަތީޖާ ނުކުތަސް. އޭގެން ފިލާވަޅު ހާސިލްކޮށް ރަނގަޅުކުރެވޭނެކަމަށް އުއްމީދުކުރަނީ. ކުޅުންތެރިންގެ މެންޓަލިޓީ ވަރަށް ޕޮޒިޓިވްކޮށް ފެންނަނީ،" ފެސްކޯ ބުންޏެވެ.
އޭނާ ބުނީ ފެނިގެންދިޔައީ ތައްޔާރީތަކާ އެހެނިހެން ކަންތައްތަކަށް ބަލާއިރު އެންމެ ރަނގަޅަށް އޮތް ޓީމާއި އެންމެ ފުލުގައި އޮތް ޓީމުގެ ތަފާތު ކަމަށެވެ.
ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ނިލަންދޫ ކުޅޭނީ އީގަލްސްއާ ދެކޮޅަށެވެ. ފެސްކޯ ބުނީ އީގަލްސް އަކީ ވެސް ލީގުގައި ވާދަކުރާ އެންމެ ރަނގަޅު އެއް ޓީމު ކަމަށާއި އެ ޓީމުގެ އެޓޭކާ މެދު ވެސް ސަމާލުވާންޖެހޭނެ ކަމަށެވެ.
"އީގަލްސް އަކީ އެންމެ ޓޮޕް އެއް ޓީމު ޕްރިމިއާ ލީގުގައި ވާދަކުރާ. އެންމެ ވަރުގަދަ އެއް ޓީމު. ފޯވާޑްލައިނަށް ބަލާއިރު ރާއްޖޭގެ ނަމްބަރު ވަން ޕްލޭޔަރު ފާސިރު (ސެންޓޭ) ހުރީ އެ ޓީމުގައި. މިދިޔަ ދެ އަހަރުގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ. ހުރިހާ ޑިޕާޓްމަންޓްތަކެއް ވަރަށް ބެލެންސް ޓީމެއް. ވަރަށް އޮގަނައިޒް ފުޓްބޯޅައެއް ދައްކާފައި އޮތް ޓީމެއް އެއީ،" ކުރިން ވެލެންސިއާ އަށް ކޯޗުކޮށްދިން ފެސްކޯ ބުންޏެވެ.
ނިލަންދޫގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ޕްރެކްޓިހަށް އެކަށީގެންވާ ވަރަށް ކުޅުންތެރިން ނައުން ކަމަށް ފެސްކޯ މީގެ ކުރިން ވެސް ފާހަގަކޮށްފައިވެ އެވެ. ފެސްކޯ ބުނީ މެނޭޖްމަންޓާ މަޝްވަރާކޮށް އެ ކަންތައްތަކަށް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"ހަަމަ އެ ކަހަލަ ގޮތަކަށް މުޅިއަކުން ރަނގަޅެއް ނުކުރެވޭ. އެކަން އަޅުގަނޑު މެނޭޖްމަންޓާ ވާހަކަ ދައްކަމުން މިދަނީ. އެ ކަންތައްތައް ވެސް ކުރިއަށް އޮތްތަނުގައި ރަނގަޅުކުރެވޭނެ ކަމަށް އަޅުގަނޑު އުއްމީދުމިކުރަނީ،" ފެސްކޯ ބުންޏެވެ.
މިދިޔަ އަހަރު ނިލަންދޫއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އީގަލްސްގެ ރިޒޭ (ކ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އޭއެފްސީ ޕްރޯ ލައިސަންސް ކޯހުގެ ބައެއް ފުރިހަމަކުރަން މި ވަގުތު ޖަޕާނުގައި ހުރިއިރު، މި މެޗުގައި ވެސް ޓީމު ލީޑުކުރާނީ އަހުމަދު ނިމާދު (ނިމާ) އެވެ. ލީގުގައި މިހާތަނަށް އީގަލްސް އަށް ކުޅުނު ދެ މެޗުން މޮޅެއް ލިބިފައިނުވެ އެވެ. ކުޅުނު ދެ މެޗުން ޓީސީ އާއި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅެ އެއްވަރުވީ ފަހު ވަގުތު އެވެ.
އީގަލްސްގެ މެނޭޖަރު މުހައްމަދު އިނާން ބުނީ މިދިޔަ ދެ މެޗުގައި ވެސް އަތުގައި އޮތް ތިން ޕޮއިންޓް ގެއްލިގެންދިޔައިރު، ދެ މެޗަށް ބަލާއިރު އެ ގެއްލިގެންދިޔައީ ހަތަރު ޕޮއިންޓް ކަމަށާއި އެހެންވެ ނިލަންދޫ މެޗުގައި ގިނަ ލަނޑުތަކެއް ޖެހުމަށް ވުރެން އިސްކަންދޭނީ ތިން ޕޮއިންޓަށް ކަމަށެވެ.
"ނިލަންދޫ ވެސް ފަސޭހަނުވާނެ. ތިން ޕޮއިންޓް ބޭނުންވޭ އެބަ. ގިނަ ލަނޑުތަކެއް ޖެހުމަށް ވުރެ ބޮޑަށް. ދުވަހެއް ދުވަހަކަށް ކަންތައްތައް ރަނގަޅުކުރެވެމުން މި އަންނަނީ. މި މެޗުގައި ހުރިހާ ކަމެއް ރަނގަޅުކުރަން މަސައްކަތްކުރާނަން،" އޭނާ ބުންޏެވެ.
އީގަލްސް އާއި ނިލަންދޫ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.
ރިޒޭގެ ހެޓްރިކާ އެކު އީގަލްސް އިން ނިލަންދޫ ބަލިކޮށްފި
ރިޒޭގެ ހެޓްރިކުން އީގަލްސް އަށް ފުރަތަމަ މޮޅު
ޗެމްޕިއަން މާޒިޔާ އިން ލީގުގެ އައްޑަނަ އުފުލާލައިފި
އީގަލްސް ލީގުގެ ދެ ވަނަ ކަށަވަރުކޮށްފި
އީގަލްސް އަލުން ދެ ވަނަ އަށް
ރިޒޭގެ ހަތަރު ގޯލާ އެކު އީގަލްސް އަށް ބޮޑު މޮޅެއް
ޓީސީން އީގަލްސް ބަލިކޮށްފި، މާޒިޔާ ލީގާ ގާތަށް
ލީގުގެ ފަހު ބުރު ފަށާއިރު މާޒިޔާ ބޮޑު ލީޑެއްގައި
ޓީސީ ބަލިކޮށް އީގަލްސް އަށް ދެ ވަނައިގައި ލީޑެއް
ޗޯޓު އާއި ޓޮޝީކީ އީގަލްސް އަށް ސޮއިކޮށްފި