Roadha Mihaaru
ޓީސީ ބަލިކޮށް އީގަލްސް އަށް ދެ ވަނައިގައި ލީޑެއް

ޓީސީ ބަލިކޮށް އީގަލްސް އަށް ދެ ވަނައިގައި ލީޑެއް

12 ޖެނުއަރީ 2020

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ފަހު މެޗުގައި މިއަދު އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބް އަތުން 3-0 އިން މޮޅުވެ ކްލަބް އީގަލްސް އިން ދެ ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ފަހު މެޗުގައި މިއަދު އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބް އަތުން 3-0 އިން މޮޅުވެ ކްލަބް އީގަލްސް އިން ދެ ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

އީގަލްސް މިއަދު މޮޅުވުމުން ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާގެ ލީޑު ވެސް ވަނީ އަށް ޕޮއިންޓަށް ކުޑަވެފަ އެވެ. ދެ ވަނަ ބުރުގެ ކުޅުން ނިމުނުއިރު، މާޒިޔާ އެއް ވަނައިގައި އޮތީ 41 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އީގަލްސް އޮތީ 33 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި ޓީސީ އޮތީ 28 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް ގްރީން ސްޓްރީޓްސްގެ އޮތީ 26 ޕޮއިންޓެވެ. ފަސް ވަނައިގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 21 ޕޮއިންޓާ އެކު އޮތްއިރު، ހަ ވަނައިގައި އޮތް ފޯކައިދޫ އަށް ވަނީ 20 ޕޮއިންޓް ލިބިފަ އެވެ. ކުރިން ގަދަ އަށް ޓީމު ކުޅޭގޮތަށް އޮތް ލީގުގެ ތިން ވަނަ ބުރު ކުޅޭނީ ގަދަ ހަ ޓީމެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޓީމު ބަދަލުކުރި ގިނަ ކުޅުންތެރިންނަށް ދެ ޓީމުގެ ފުރަތަމަ އެގާރައިން ވަނީ ފުރުސަތު ދީފަ އެވެ. އެ ގޮތުން ޓީސީން ވަނީ ދާދި ފަހުން އެ ޓީމަށް ގެނައި އަލީ އަޝްފާގު (ދަގަނޑޭ) ހިމަނައިފަ އެވެ. އަނެއްކޮޅުން އީގަލްސް އިން ފެށީ ނިލަންދޫ އިން ހޯދި ޖަޕާނުގެ މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯ (ޓޮޝީ) ފުރަތަމަ އެގާރައަށް ލައިގެންނެވެ.

މެޗު ފަށައިގެން އީގަލްސް އިން ރަނގަޅަށް ކުޅެ ފުރުސަތުތަށް ތަނަވަސްކުރި އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 15 ވަނަ މިނިޓްގައި އަހުމަދު ރިޒުވާން (ރިޒޭ) ވަނީ އީގަލްސް އަށް ލީޑުނަގައިދީފަ އެވެ. އަލީ ފާސިރު (ސެންޓޭ) ދިން ބޯޅައެއް ޓޮޝީކީ ފައިގައި ޖެހިފައި އޭރިއާ ތެރެއިން ރިޒޭ އަށް ލިބުމުން އޭނާ ވަނީ ޓީސީ ގޯލުގައި ހުރި ޕާކިސްތާންގެ ކީޕަރު ހަނީފް ސާގިބް އަށް އެއްވެސް ފުރުސަތެއް ނުދީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ޓީސީ އަށް އެންމެ ބޮޑު އުނދަގޫތަކެއް މެޗުގައި ކުރިމަތިވީ މެޗުގެ 17 ވަަނަ މިނިޓްގައި އެ ޓީމުގެ ޒުވާން ޑިފެންޑަރު ސާދު ނިޒާރަށް ރަތް ކާޑެއް ދެއްކުމުންނެވެ. ސާދު އަށް ރަތް ކާޑު ދެއްކީ އީގަލްސްގެ ހަސަން ރާއިފް (ހަންނަ) މުޅިން ހުސްކޮށް އޭރިއާތެރެއަށް ވަންނަން ދިޔަ ބޯޅައެއްގައި އޭނާ އަށް ފައުލުކުރުމުންނެވެ. އެ ފަހަރު ލިބުނު ހިލޭ ޖެހުމުން ސެންޓޭ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ޓީސީގެ ދަގަނޑޭ (ކ) އީގަލްސް ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީސީގެ ދަގަނޑޭ (ކ) އީގަލްސް ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ލީޑުފުޅާކުރަން އީގަލްސްގެ ޓޮޝީ އާއި ސެންޓޭ އަދި ރިޒޭ އަށް ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުތަކުގެ ބޭނުމެއްނުހިފުނެވެ. މި ހާފުގައި ޓީސީން ވެސް ރަނގަޅު ދެ ހަމަލާއެެއް ފޮނުވާލި އެވެ. ދަގަނޑޭ އޭރިއާތެރެއިން ޖެހި ބޯޅައެއް އީގަލްސްގެ ކީޕަރު ލަންކާގެ ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ހިލޭ ޖެހުމަކުން ދަގަނޑޭ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ދެ ވަނަ ހާފް ފަށައިގެން ފަސް މިނިޓް ތެރޭ އީގަލްސް އަށް ލީޑުފުޅާކޮށްދިނީ ސެންޓޭ އެވެ. ރިޒޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ސެންޓޭ ޖެހި ބޯޅަ ގޯލަށް ވަނީ ޓީސީ ޑިފެންޑަރެއްގެ ފައިގައި ޖެހިފަ އެވެ. އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެެވެސް ޓީސީން ވަނީ ރަނގަޅު ހަމަލާތަކެއް ފޮނުވާލައިފަ އެވެ. ޓީސީގެ އިޝާން އިބްރާހިމް (ސައްޓު) އާއި އަކުރަމް އަބްދުލް ގަނީ (އަކޫ) ޖެހި ބޯޅަތައް ހުއްޓުވީ ކީޕަރު ސުޖަން އެވެ.

މެޗުގެ 76 ވަނަ މިނިޓްގައި އީގަލްސްގެ ޓޮޝީ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ. އޭނާ އަށް ދެ ވަނަ ރީނދޫ ކާޑު ދެއްކީ ޓީސީ އަށް ލިބިފައިވާ ހިލޭ ޖެހުމެއްގައި ބޯޅަ ލަސްކުރަން އުޅުމުންނެވެ. އީގަލްސްގެ ތިން ވަނަ ގޯލު މެޗުގެ އިތުރު ވަގުތުގައި ޖެހީ ފޯކައިދޫން ލޯން އެއްބަސްވުމެއްގެ ދަށުން އީގަލްސްއާ ގުޅުނު ހަސަން ނަޒީމް (ޗޯޓު) އެވެ. ރިޒޭ ދިން ބޯޅަ ޗޯޓު ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ޗޯޓު ކުޅެން އެރީ ދެ ވަނަ ހާފްގައި ސެންޓޭގެ ބަދަލުގަ އެވެ.

ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ މެޗުގައި އެންމެ ބޮޑު އުނދަގޫ ކަމަކަށް ދިމާވީ އެހާ ކުރީކޮޅުގައި ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުން އެކަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅެން ޖެހުން ކަމަށެވެ. އަދި މެޗަށް ނުކުތީ މޮޅެއް ހޯދުމަށް ކަމަށާއި އެކަން ހާސިލްނުވީ އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނުމުން ކަމަށް ޝާޒް ބުންޏެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މިއީ ވަރަށް މުހިއްމު މޮޅެއް ކަމަށާއި އެކަމަކު ކުޅުމަށް ބަލާއިރު ފެނުނީ އެންމެ ހިތްހަމަޖެހޭ ކަންތައްތަކެއް ނޫން ކަމަށެވެ. އަދި ޓީސީގެ އެއް ކުޅުންތެރިޔަކު މަދުވި ފަހުން އީގަލްސްގެ ކުޅުންތެރިންނަށް ފަސޭހަކޮށްލައިގެން އުޅެވުނު ކަމަށާއި އެއީ އެންމެ ރަނގަޅު ގޮތެއް ނޫން ކަން މޯހަން ފާހަގަކުރި އެވެ.

ލީގުގެ ތިން ވަނަ ބުރު ފަށާނީ އަންނަ އަންގާރަ ދުވަހު އެވެ.