Roadha Mihaaru
ވިކްޓްރީ އަތުން ނިލަންދޫ ފަސޭހައިން މޮޅުވެއްޖެ

ވިކްޓްރީ އަތުން ނިލަންދޫ ފަސޭހައިން މޮޅުވެއްޖެ

26 ނޮވެމްބަރ 2018

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވިކްޓްރީ އަތުން ފ. ނިލަންދޫ އިން 4-1 އިން މޮޅުވެއްޖެ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވިކްޓްރީ އަތުން ފ. ނިލަންދޫ އިން 4-1 އިން މޮޅުވެއްޖެ އެވެ.

އެންމެ ފަހުން ކުޅެން އޮތް މެޗަށް ޓީމު ހަމަނުވެގެން ހާޒިރުނުވި ވިކްޓްރީ މިރޭ މެޗަށް ނުކުތް ނަމަވެސް އޮތީ ނިކަމެތި ހާލަތެއްގަ އެވެ. އެ ޓީމުގެ ބެންޗުގައި ތިބީ އެންމެ ތިން ކުޅުންތެރިންނެވެ.

އަދި މިރޭ ބަލިވުމުން ވިކްޓްރީ އަށް ވަނީ ތާވަލުގެ ހަ ވަނަ އަލުން ހޯދަން ލިބުނު ފުރުސަތު މިވަގުތަށް ގެއްލިފަ އެވެ. ހަ ވަނައިގައި 12 ޕޮއިންޓާ އެކު މިހާރު އޮތީ މިއަދު ހަވީރު ގްރީންސްޓްސް އަތުން 4-1 އިން މޮޅުވި ށ. ފޯކައިދޫ އެވެ. ވިކްޓްރީ އޮތީ 10 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ. ނިލަންދޫ އިން ވިކްޓްރީއާ އެއްވަރަށް ޕޮއިންޓް ހޯދި ނަމަވެސް ލަނޑުގެ ތަފާތުން އޮތީ އަށް ވަނައިގަ އެވެ. ކޮންމެ ޓީމަކަށް ބާކީ އޮތީ އެންމެ މެޗެކެވެ.

މިއީ ކުރީގެ އެއް ވަނަ ފޯވާޑް އާދަމް އަބްދުއްލަތީފް (ލައްޗޭ) ކޯޗުކޮށްދޭ ނިލަންދޫ އިން މި މުބާރާތުގައި ފުރަތަމަ ޑިވިޝަނުގެ ޓީމެއްގެ އަތުން ހޯދި ފުރަތަމަ މޮޅެވެ.

މިރޭގެ މެޗުގެ ފުރަތަމަ މިނެޓުގައި ނިލަންދޫ އިން ވަނީ ލީޑު ނަގައިފަ އެވެ. މި ގޯލް ޖަހައިދިނީ ކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅުނު އިބްރާހިމް ފުރުގާނެވެ. އަދި 28 ވަނަ މިނެޓުގައި އަޑޮކޫ ލޫކަސްގެ ގޯލުން ނިލަންދޫ އިން ލީޑު ފުޅާކުރި އެވެ. އެކަމަކު 36 ވަނަ މިނެޓުގައި ހުސެއިން ނިހާން (ނިހާޓް) ގޯލް ޖަހައި ވިކްޓްރީ އަށް އުއްމީދު އާކޮށްދިނެވެ.

ވިކްޓްރީން އެނބުރި އަންނަން ކުރި މަސައްކަތަށް ހުރަސް އެޅީ ނިލަންދޫގެ ލޫކަސް 66 ވަނަ މިނެޓުގައި ވައްދާލި ގޯލުންނެވެ. އަދި 84 ވަނަ މިނެޓުގައި އަހުމަދު ޝާން ވަނީ ނިލަންދޫ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ވިކްޓްރީގެ ހާލަތު އޮތީ ވަރަށް ދަށްކޮށެވެ. މިރޭ ދެ ވަނަ ހާފުގައި އެ ޓީމުން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ގޯލްކީޕަރު އަބްދުﷲ ޒިޔަޒަން ވެސް އެރުވި އެވެ. ވިކްޓްރީ ކުޅުންތެރިންނަށް މުސާރަ ދީފައިނުވާއިރު މި މުބާރާތުގައި މިހާތަނަށް ދެ މެޗަށް އެ ހާޒިރުނުވެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ސަރުކާރުން ދޭ ފައިސާގެ އެހީ އެ ޓީމަށް ލިބިފައިވީ ނަމަވެސް މާލީ މައްސަލަތަކެއްގެ ތެރެއަށް ވެއްޓުމުން ސުވާލުތައް ވަނީ އުފެދިފަ އެވެ. އެނގިފައިވާ ގޮތުގައި މުސާރައިގެ މައްސަލަތައް އުޅުނު ނަމަވެސް ކުޅުންތެރިން މިރޭ މެޗަށް ނުކުތީ ކްލަބުގެ ނަމަށް ކުރާ އިހުތިރާމެއްގެ ސަބަބުންނެވެ.